ގޭސް ފުޅި ގޮވުން: އެކަކުގެ ހަށިގަނޑުގެ 80 ޕަސެންޓު ފިހިފައި

ގޭސްފުޅި ގޮވުމުގެ ހާދިސާ ހިނގި ބެސްޓްލައިން ބޯޓު --

އިއްޔެ މާލޭ ނޯތު ހާބަރުގައި އޮތް "ބެސްޓް ލައިން" ބޯޓުގައި ގޭސްފުޅިއެއް ގޮވި ހާދިސާގައި ފިހުނު އެކަކުގެ ހަށިގަނޑުގެ 80 ޕަސެންޓު ފިހިފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރޭގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް އަށް މީހަކު ގެނަ އެވެ. އޭގެ ތެރެއިން ދެ މީހަކު ވަގުތުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. ބާކީ ހަ މީހުން ވަނީ އެޑްމިޓްކޮށްފަ އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި، އެޑްމިޓް ކުރި ހަ މީހުންގެ ތެރެއިން އެކަކު މިހާރު އޮތީ އައިސީޔޫގަ އެވެ. އަދި އޭނާގެ ހަށިގަނޑުގެ 80 ޕަސެންޓު ފިހިފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ބިދޭސީއެކެވެ.

"އެ ޕޭޝަންޓްގެ ހާލު ކްރިޓިކަލް [ސީރިއަސް] އަދިވެސް،" އޮފިޝަލު ވިދާޅުވި އެވެ.

މިހާރު އެޑްމިޓްކޮށްފައި ތިބި ހަ މީހުންގެ ތެރެއިން އެހެން ދެ މީހެއްގެ ހަށިގަނޑުގެ 20-30 ޕަސެންޓު ފިހިފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

"އެ ދެ މީހުންގެ ހަށިގަނޑުގައި އިންފެކްޝަނެއް އުފެދިދާނެ ކަމުގެ ބިރަށް ވަކިން ޔުނިޓެއްގައި ބައިތިއްބާފައި ތިބީ. އަނެއްހެން ސްޓޭބަލް އެ ދެ މީހުންވެސް،" އޮފިޝަލު ވިދާޅުވި އެވެ.

ދެން ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކު މިއަދު ދޫކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޭސްފުޅު ގޮވި ކަމަށް ބުނާ ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ އެންމެނަކީވެސް ފިހިގެން ގެންދިޔަ މީހުންނެވެ. އެހެން އިތުރު އަނިޔާއެއް ފާހަގަވެފައި ނުވާ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

ރޭ 7:00 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރި އިރު، ގޭސް ފުޅިތައް މަތީގައި ވަރަށް ގިނަ އަދަދެއްގެ މުދާ ޖަހާފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި 83 ގޭސް ފުޅިއެއް ލީކުވެފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް