ޓެރަރިޒަމްގެ ގާނޫނުގެ އިސްލާހުތަކާ މެދު ކަންބޮޑުވުން!

ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ، މިހާރު ގާނޫނުގައި އޮތް ގޮތަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަކޮށްފަ އެވެ.

އެގޮތުން ވަކި ސިޔާސީ، ދީނީ ނުވަތަ ހައްދުފަހަނައެޅި ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި މީހުންނަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ހިންގުން ޓެރަރިޒަމްގެ ގޮތުގައި މާނަކޮށްފައި ވާއިރު، ޓެރެރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް، އަދި 48 ގަޑި އިރުވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ވެސް ބިލުން ފުލުހުންނަަށް ލިބިދެ އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ގާނޫނީ ވަކީލް އަދި ބާ ކައުންސިލްގެ ރައީސް، މައުމޫން ހަމީދު ވަނީ މަރަލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ފުލުހުންގެ ބައެއް އޮފިސަރުން ހެކި ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވާއިރު، އަދި ތުހުމަތު ކުރެވޭ މީހުންނަށް ފުލުހުން އަނިޔާކުރާ މަންޒަރު ވީޑިއޯތަކުން ފެންނަ އިރު، ފުލުހުންނަށް އިތުރު ބާރުތަކެއް މި ބިލުން ދޭތީ އެކަމާ ސުވާލު އުފައްދަވައިފަ އެވެ.

ގާނޫނީ ވަކީލް އަދި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މައްސަލައަކީ މިހާރު އޮތް ޓެރަރިޒަމް ގާނޫނުތޯ ވެސް މައުމޫން ވަނީ ސުވާލު އުފައްދަވައިފަ އެވެ. މައުމޫން ވިދާޅުވީ ރާއްޖެއަކީ މިހާރުވެސް ދުނިޔޭގެ އެންމެ ހަރުކަށި ޓެރަރިޒަމް ގާނޫނެއް އޮތް އެއް ގައުމު ކަމަށެވެ.

"ނޫސްވެރިއަކު ގެއްލުވާލަން އެހީތެރިވީ ގާނޫނެއް ނޫން. އެ ގާނޫނު ނަގަހައްޓަން ހުވާކޮށްގެން ތިބި މީހުން. އަދިވެސް ގޮވާލަންވީ ގާނޫނަށް ބަދަލު ގެންނަންތޯ؟" މައުމޫން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ބިލުގެ ދަށުން، ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް އޮތް ކަމަށް ވިދާޅުވާ ސިޔާސީ ލީޑަރަކީ ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ބަލައި ޓެރަރިސްޓަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދައުވާކުރިކަން މައުމޫން ހަމީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"ޓެރަރިޒަމް ގާނޫނުގެ ދަށުން އަށް މަސް ވަންދެން ކުރީގެ ރައީސަކު ބަންދުކޮށްފައި ބެހެއްޓީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމަށް ފުލުހުންނަށް އެމަނިކުފާނު ގޮވާލެއްވި ގޮވާލުމަކީ ދައުލަތަށް ނުފޫޒު ފޯރުވަން އުޅުން ކަމަށް ޕީޖީ އޮފީހުން ބުނުމުން. މިއަށްވުރެ ހަރުކަށި ގާނޫނެއް އައިސްފިނަމަ ދެން ވާނީ ކިހިނެތް؟" މައުމޫން ހަމީދު ވިދާޅުވިއެވެ.

އަދި ޓެރަރިޒަމް ގާނޫނު ނަހަމަގޮތުގައި ބޭނުންކޮށްގެން ކުރީގެ ރައީސަކާ މެދު އެފަދަ ގޮތަކަށް އަމަލު ކުރި އިރު، މަތީ މަގާމުތަކުގައި ތިބި ފަރާތަކަށް އެކަން ނުހުއްޓުނު އިރު، ފުލުހުންނަށް އިތުރު ބާރުތަކެއް ދީފިނަމަ އާދައިގެ މީހާއަށް ކުރިމަތިވާނެ ނުރައްކަލާ މެދު ވިސްނާލުމަށް ވެސް މައުމޫން ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.

"އަސްލު ބިރުވެރިކަމަކީ މަތީ މަގާމުތަކުގައި ތިބި ފަރާތްތަކުން، އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި އާންމުންގެ ހައްގުތަކަށް އަރައިގަންނަމުން ދާއިރު ދައުލަތް ޒިންމާދާރު ކުރަން ތިބޭ ފަރާތްތަކުން އަނެއް ފަރާތަށް މޫނު އަނބުރާލުން. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އިތުރު ބާރުތައް ދިނުމަކީ ހައްލެއް ނޫން. އެއީ މައްސަލަ." މައުނޫން ހަމީދު ވިދާޅުވިއެވެ.

ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

މައުމޫން ހަމީދުގެ ވާހަކައަށް ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.

މީގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވެސް ވަނީ މިހާރު ހުށަހަޅާފައިވާ ބިލުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް ވިދާޅުވެ، އެއީ ފާސްކުރަން ހެޔޮ ނުވާނެ ބިލެއް ކަމަށް ބުނެފަ އެވެ.

ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް މި ބިލުން ދޭތީ ގިނަ ބަޔަކު އަންނަނީ އެއީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިހާރުވެސް ކުށުގެ ވެށިން މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައި ވާއިރު، އިތުރު ބާރުތަކެއް ދިނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ވެސް ގަބޫލު ކުރާ ފަރާތްތައް އެބަ ތިއްބެވެ.

ބިލުގައި ކުށް ކަމުގައި ކަނޑައަޅާފައިވާ ކަންކަން:

  • ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން. އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.
  • ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުން.
  • ޓެރަރިސްޓް ޖަމާއާތަކަށް ތާއީދުކުރުން އަދި ތާއީދުކުރުމަށް ގޮވާލުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުން. އަދި އެކަަމަށް ހިތްވަރު ލިބޭ ހަރަކާތެއްގައި ބައިވެރިވުން. އަދި އެފަދަ ހަރަކާތެއް ރާވަައި ހިންގުން.
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް އާންމު ތަނެއްގައި ލުން. ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުން.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ ކުށެއްގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާތާ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ އުފުލަން ޖެހެއެވެ. އަދި އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެނަމަ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ އެވެ.

އެހެން ނަމަވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ވަނީ އެ ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހުންގެ ތަހުގީގު 45 ދުވަހުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭނެ ކަމަށާއި، އަދި ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ވާނެކަމަށް ހިމަނާފަ އެވެ.

ޓެރަރިޒަމް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޓެރަރިޒަމާއި ގުޅޭ ބޮޑު ކަމެއް އަދި ދައުލަތުގެ މަސްލަހަތާ ގުޅޭ ބޮޑު ކަމެއްގައި ހައްޔަރު ކުރެވޭ މީހަކު ތަހުގީގުކޮށް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭނެ ކަން ރިލްވާނު މައްސައިގެ ތަހުގީގު ތެރެއިން ފާހަގަ ވެފައިވާ ކަމަށެވެ.

ޓެރަރިޒަމް ގާނޫނުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް