މިހާރު މިދަނީ ނޫ ގާނޫނު އަސާސީ އިޔާދަ ކުރުމާއި ދިމާލަށް: ސަލީމް

އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް: އޭނާ ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހަކީ ނޫ ގާނޫނު އަސާސީއަށް ދިއުމަށް ހުޅުވާލެވުނު ދޮރެއް ކަމަށް -- ފައިލް ފޮޓޯ/ މަޖިލިސް

މިހާރު އަމަލު ކުރަމުން މިދާ ފެހި ގާނޫނު އާސާސީ ވުޖޫދައް އައުމުގެ ކުރިން ބޭނުން ކުރަމުން ދިޔަ ނޫ ގާނޫނު އާސާސީ އިސްލާހު ކުރަން ޖެހުނު އެއް ސަބަބަކީ ބޭނުންހާ ގޮތަކަށް މީހުން ހައްޔަރު ކުރުމުގެ ފުރުސަތު ނުދިނުން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމި މެންބަރުން ޗުއްޓީ އަކަށް ގޮސްފައި ވަނިކޮށް ކުއްލި ގޮތަކަށް މަޖިލީހުގެ ޖަލްސާއެއް މިއަދު އެޖެންޑާކޮށް ފަށާފައި ވަނީ އެކަމަށް ބައެއް މެންބަރުން އެދުމުންނެވެ. ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި މިވަނީ ސަރުކާރުގެ ފަރާތުން ހުށަހެޅި ޓެރަރިޒަމްގެ ގާނޫނުށް އިސްލާހު ހުށަހަޅާ ބިލް ނިންމުމަށެވެ.

އެ ބިލްގައިވާ ގޮތުން، ހަރުކަށި ފިކުރާއި އަދި ހައްދުފަހަނަ އެޅި މީހުން ހިމެނޭ ގޮތަށް، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް، ފާސްކުރުމުގެ ބާރު ދިނުމަށް ވަނީ ހިމަނާފަ އެވެ.

މިއަދުގެ ޖަލްސާ ފަށައި ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމާ ގޮޅޭ ގޮތުން މެންބަރުންގެ ހިޔާލަށް ހުޅުވާލުމުން އޭދަފުށީ ދާއިރާގެ މެންބަރު ވަނީ ހުށަހެޅިފައިވާ ބިލަށް ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން މިހާރު ގާނޫނު އޮތް ގޮތުން ވެސް މީހުން ހައްޔަރު ކުރުމުގެ ބާރު ސަލާމަތީ ހިދުމަތްދޭ ފަރާތްތަކަށް އޮތްކަން ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، މީހުން ހައްޔަރު ކުރުމަށް ފަހު އެކަމަށް ގޮތެއް ނިންމުމަށް 24 ގަޑި އިރު ލިބޭ ކަމަށެވެ. ނަމަވެސް އެގޮތް ދޫކޮށް އަލުން އަނބުރާ މީގެ އެތައް އަހަރު ކުރިން ހަމައެއް ލަމައެއް ނެތި މީހުން ހައްޔަރު ކުރި އުސޫލަށް ބަދަލު ވާން މަސައްކަތް ކުރަނީ ކޮން މަގުސަދެއް ހާސިލް ކުރަންކަން ނުވިސްނޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެހެން އޮއްވާ އަނެއްކާ ވެސް ދާން މި ޖެހެނީ އަނެހެން ބުނާ ނަމަ ހުދުމުހުތާރު ނިޒާމުގެ ތެރެއަށް އޭރުގައި ވަރަށް ގޯސް. އެހެންވީމާ ނޫ ގާނޫނު އަސާސީ އަލުން ބައްޓަން ކުރަން ނޫންވީ ތޯ. މިހާރު އޮތް ގާނޫނު އާސާސީ އުވާލާފައި ނޫ ގާނޫނު އަސާސީ ގާނޫނަކަށް ހަދާފައި ދައުލަތުގެ މަތީ ބާރުތަކަށް ހުރިހާ ބާރުތަކެއް ދީފައި ބޭނުންހާ ގޮތަކަށް އަމަލު ކުރުމުގެ ފުރުސަތު ދޭންވީ ނޫންތޯ. އޭރުން އަޅުގަނޑުމެން ހޮވި ވަލިއްޔުލް އަމުރު ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ލިބިގެންދިޔައީމަ އެއޮތީ ރަނގަޅަށް ނޫންތޯ،" ސަލީމް ވިދާޅުވި އެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް، ހައްޔަރުކުރާތާ 24 ގަޑި އިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހެ އެވެ. ނަމަވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހަޅާ ބިލުގައި ބުނެފައިވަނީ ޓެރެރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް، އަދި 48 ގަޑި އިރުވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަަށް ލިބިގެންވާ ކަމަށެވެ.

comment ކޮމެންޓް