ކުޅިވަރުން ވަނަ ހޯދިޔަސް މިލިއަން ރުފިޔާ ހައްގުތަ؟

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައިނަލް އަގުވާމީ ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ދޭ އުސާލާއި މެދު މި ފަހަކަށް އައިސް ވަނީ ބޮޑު ބަހުސެއް ފެށިފަ އެވެ. އެއް ބަޔަކު ބުނަނީ އެއީ ބޭކާރު ކަމެއް ކަމަށާއި އޭގެ ބަދަލުގައި ގައުމުގެ ތަރައްގީއަށް އެ ފައިސާ ހޭދަ ކުރުން މާ ބޭނުންތެރި ކަމަށެވެ. އަނެއް ބަޔަކު ބުނީ ކުޅުންތެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެފަދަ ހޭދަ ކުރުމަކީ ކުޅިވަރު ކުރިއެރުވޭނެ ކަމެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން އަންނަނީ ބޮޑެތި ޙަރަދުތަކެއް ކުރަމުންނެވެ. ކުޅިވަރު އެސޯސިއޭޝަންތައް އަލުން ކޮޅަށް ޖަހައި ރަށްރަށުގެ ހުރި ކުޅިވަރު ކުޅޭ ތަންތަން މަރާމާތު ކުރުމާއި ނެތް ތަންތަން ބިނާ ކުރުމުގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށް ގެންދަން ފަށާފައިވާ އިރު ކުޅިވަރު ކުޅޭ ކުޅުންތެރިންނާއި ޓީމުތައް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ބައިވެރި ކުރުމާއި ޓްރެއިނިންގް ކޭމްޕްތަކަށް ފޮނުވުމުގައި ވެސް ބޮޑު ހޭދައެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ކުޅިވަރަށް ދޭ އިސްކަމެއްގެ ބޮޑު ކަމުން ގިނަ ފާޑު ކިޔުންތަކެއް އަންނަމުންދާ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. ނަމަވެސް ކުޅިވަރަށްޓަކައި ކުރަމުން އަންނަ މަސައްކަތް ނުހުއްޓޭނެ ކަމަށާއި މީގެ ކުރީ ސަރުކާރުތަކުން ކުޅިވަރުގެ ކަންކަމަށް ވެފައިވާ އިހުމާލު މި ސަރުކާރުން ތަކުރާރު ނުކުރާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ސުވާލަކީ ކުޅިވަރަށް ބޮޑު ހޭދައެއް ކުރާއިރު އެހެނިހެން ކަންކަން ކުރި ނާރަނީ ކީއްވެތޯ އެވެ. ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކަ އަކީ ވެސް އެއީ އެވެ. ރާއްޖޭގެ އިޖުތިމާއީ ގިނަ މައްސަލަތަކެއް ހުރި އިރު ކުޅިވަރު ކުރިނޭރުވިގެން ސަރުކާރުން އުޅެނީ ކީއްވެގެންތޯ ސުވާލު އުފައްދަ އެވެ.

ކުޅިވަރުން ބައިނަލް އަގުވާމީ ފެންވަރުގެ ރަން ވަނަތައް ހޯދާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދާދި ފަހުން ބޮޑެތި ފައިސާގެ އިނާމުތަކެއް ހުށައަޅައިފަ އެވެ. އެގޮތުން އެންމެ ފަހުން އައިއޯއައިޖީގައި ތިން ރަން މެޑަލް ހޯދި އުމުރުން އެގާރަ އަހަރުގެ ފާތިމަތު ދީމާ އަލީއަށް ބައި މިލިއަން ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ. އަދި އެންމެ ފަހުން ގައުމީ ފުޓުބޯޅަ ޓީމު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލި ނުވެ ފަރުޖައްސާލި ނަމަ ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ސަރުކާރުން ހުށައެޅި އެވެ.

ޗައިނާމެޗަށް ތައްޔާރުވި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް-- ފޮޓޯ: އެފްއޭއެމް

މީގެ އިތުރުން މިހާރު ކުރިއަށްދާ ވޯލްޑް ސާފިން މުބާރާތުން އެއްވަނަ ހޯދައިފި ނަމަ 1.5 މިލިއަން ރުފިޔާގެ ބޯނަހެއް ލިބޭނެ ކަމަށް މިނިސްޓަރ މަހްލޫފް ވަނީ ބުނެފި އެވެ. މިއީ ހައްތަހައިވެސް ބޮޑެތި އަދަދުތަކެކެވެ. އަނެއްކާވެސް ސުވާލު އުފެދެނީ މިވަރުގެ ބޮޑެތި ހަރަދުތަކެއް ކުރާން ސަރުކާރުން ނިންމީ ކީއްވެގެންތޯ އެވެ.

"ކުޅިވަރުގެ ކާމިޔާބަށް ވާސިލް ވުމަށް ހާދަ އަހަރެއް، ހާދަ މަސައްކަތްތަކެއްކޮށް ހާދަ ދަލެއް އޮހުރުވައޭ. އާއިލާއިން ހާދަ ގުރުބާނީއެއް ވެޔޭ. އެބުރަ މަސައްކަތުގެ ކާމިޔާބީ ކޮންމެ ގައުމަކުން ވެސް މިނަނީ، އަގު އަދާ ކުރަނީ ބޮޑުކޮށް ރަނުން. އެކަމާ ދަހިވެތިވެ ހަސަދަވެރިވާ ބަޔަކަށް ނުވަމާތޯ." މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިިދާޅުވި އެވެ.

މިނިސްޓަރު އެ ދެއްކެވީ ރަނގަޅު ވާހަކަފުޅެކެވެ. ކުޅިވަރުން ހޯދާ ކާމިޔާބީ އަކީ ރާއްޖެ އެހެން ގައުމުތަކުގެ މެދުގައި ދަރަޖަ އުފުލޭނެ ކަމެކެވެ. އެހެން ގައުމުތަކުން ވެސް ކުޅިވަރު ކުރިއެރުވަން ކުޅުންތެރިންނަށް މާލީ ބޮޑެތި އިނާމުތައް ދެ އެވެ. ގައުމަށް ރީތިންނަ ހޯދައިދޭ ފަރާތްތަކަށް މިލިއަނުން މިލިއަނުން އަގުދީ ހަދިޔާ ދެ އެވެ. ނަމަވެސް ބޮޑު އަދަދަކުން ދަރައިފައިވާ މި ކުޑަ ކުޑަ ރާއްޖޭން އެވަރުގެ ބޮޑު ހޭދައެއް ކުރުމަކީ އެންމެ ބުއްދިވެރިކަމެއް ހެއްޔެވެ؟

ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެމެރިކާއިން ރަން މެޑަލް ހޯދި ކޮންމެ އެތުލީޓަކަށް ދިނީ 37،500 އެމެރިކާ ޑޮލަރެވެ. ރިހި މެޑަލް ހޯދި އެތުލީޓުންނަށް ދީފައި ވަނީ 22،500 ޑޮލަރެވެ. މިއީ ދުނިޔޭގައި މިވަގުތު އުމުރާނީ ގޮތުންނާއި މާލީ ގޮތުން އެންމެ ފުއްދުންތެރި އެއް ގައުމުން އެ ގައުމުގެ އެތްލީޓުންނަށް ދިން މިންވަރެވެ.

ސިންގަޕޫރުން ހަމަ އެ މުބާރާތުގައި ރަން މެޑަލް ހޯދި ކޮންމެ އެތުލީޓަކަށް އެެއް މިލިއަން ޑޮލަރު ދީފައިވެ އެވެ. އަދި ރިހި މެޑަލް ހޯދި އެތްލީޓުންނަށް 500،000 ޑޮލަރު ހުށައެޅި އެވެ. އިންޑޮނޭޝިއާއިން ރަން މެޑަލް ހޯދި އެތުލީޓުންނަށް 745،000 ޑޮލަރު ދިން އިރު 378،000 ޑޮލަރު ރިހި މެޑަލްއަށް ދިނެވެ. މި ދެ ގައުމަކީ ކުޅިވަރުގެ ރޮނގުން މާ ފާހަގަ ކޮށްލެވޭ ގައުމުތަކެއް ނޫނެވެ. ނަމަވެސް އެތުލީޓުން ހޯދި ރަން މެޑަލްއަކަށް ސަރުކާރުން ބޮޑު ހަރަދެއް ކުރީ އެވެ.

ކުޅިވަރުން ލިބޭ ވަނަތަކަށް ބޮޑެތި ގައުމުތަކުން ހަރަދު ކުރާ ވަރަށް ވުރެ، ކުދި ގައުމުތަކުން ހަރަދު ކުރާ އިންސައްތަ އެތައް ގުނަޔަކަށް ބޮޑެވެ. ރާއްޖެ އަކީ ވެސް ބާރު ދުވެލީގައި ކުރިއަރުމުން އަންނަ ގައުމުގެ ލިސްޓްގައި އޮތް ގައުމެކެވެ. ހާއްސަކޮށް ކުޅިވަރުގެ ރޮނގުން ރާއްޖެ ހޯދަމުން އަންނަ ކާމިޔާބީ އަކީ މުޅި މި ސަރަހައްދުން ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެކެވެ.

މޮރިޝަސް- 21 ޖުލައި 2019: އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސް ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 3-5 އިން ބަލިކޮށް ދިވެހިރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ފަހުރުވެރި ރަން މެޑަލް ހޯދުން -- ފޮޓޯ/ ރައީސް އޮފީސް

އެހެން ކަމަށްވާ އިރު ސަރުކާރުން ކުޅުންތެރިންނަށް ހުށައެޅި އަދަދުތަކަކީ ބޮޑު އަދަދުތަކެއް ކަމަށް ވެސް ބުނެވޭކަށް ނެތެވެ. ނޫނީ ކުޅިވަރު އޮތްތާ ބާއްވާފައި އެ ހަރަދުތައް އެހެން ކަން ކަމަށް ކޮށް ކުރިއަރުވާނީ ތޯ، އެއީ ގައުމީ ލެވަލްގައި ގޮތް ނިންމަން ޖެހޭ ބަހުސެކެވެ.

comment ކޮމެންޓް