ޕީއެސްޖީއަކީ އަހުލާގު ނެތް ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކުލަބެެއް: ޑި ކާނިއޯ

އިންޓަ މިލާން ދޫކޮށް ޕީއެސްޖީއަށް ބަދަލުވި މައުރޯ އިކާޑީ --- ފޮޓޯ// ޕީއެސްޖީ

އިންޓަ މިލާނަށް ކުޅެމުން އައި މައުރޯ އިކާޑީ، ޕީއެސްޖީއަށް ބަދަލު ވުމަކީ މީހަކު ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެކުލަބަކީ އަޙްލާގެއް ނެތް ކުޅުންތެރިންނަށް ހާއްސަ ކުލަބެއް ކަމަށް ކުރިން ޔުވެންޓަސްއާއި ނަޕޮލީ އަދި އިންޓަ މިލާނަށް ވެސް ކުޅުނު ޕައުލޯ ޑި ކާނިއޯ ބުނެފި އެވެ.

ނިމިގެންދިޔަ ޓްރާންސްފާ ޑެޑްލައިން ހަމަވާން ގާތް ވެފައި ވަނިކޮށް ހިނގާދިޔަ އެންމެ ބޮޑު އެއް ޓްރާންސްފާ އަކީ އިންޓަ މިލާންގެ ކެޕްޓަން ކަން ކުރަމުން އައި އިކާޑީ ޕީއެސްޖީއަށް ލޯނުގެ އެއްބަސްވުމުގެ ދަށުން ބަދަލުވި ބަދަލު ވުމެވެ. އަދި މިހާރު ފެށިފައިވާ ސީޒަން ނިންމާފައި ޕީއެސްޖީން އިކާޑީ ކުލަބުގައި ބަހައްޓަން ބޭނުން ނަމަ އިންޓާއަށް ދައްކަން ޖެހޭނީ އެންމެ 70 މިލިއަން ޕައުންޑްގެ އަގެކެވެ. އެއީ މިހާރުގެ ޓްރާންސްފާގެ އަގުތަކާ ބަލާއިރު ނިސްބަތުން ކުޑަ އަގެކެވެ.

އިކާޑީ މިފަހަރުގެ ސީޒަނުގައި އިންޓާއިން ނުފެންނާނެ ކަން ގިނަބަޔަކު ޔަގީންކޮށްގެން ތިބި ނަމަވެސް އެންމެން ވެސް ހީކުރީ އޭނާ ބަދަލު ވާނީ ޔުވެންޓަސް ނުވަތަ ލާޒިއޯއަށް ކަމަށެވެ. އިކާޑީއާއި އިންޓަ މިލާނާއި ދެމެދު ފަހަކަށް އައިސް ގިނަ މައްސަލަތަކެއް ޖެހިފައިވާ އިރު އިކާޑީ ގެ އެޖެންޓަކަށް ހުންނަ އޭނަގެ އަންހެނުން ވަންޑާ ނާރާ ވެސް ވަނީ އިންޓަ މިލާނަށް ގިނަ ފާޑު ކިޔުންތަކެއް ކިޔާ ކުލަބުގެ އަގުވައްޓާލަން މަސައްކަތްކޮށްފަ އެވެ.

އެހެންކަމުން އިންޓާއިން ރައްދުގައި ވަނީ އިކާޑީ އަތުން ކެޕްޓަންކަން އަތުލައި ގިނަ މެޗުތަކުގައި ބެންޗް ކޮށްފަ އެވެ. އަދި އޭނާއާ ކުލަބާއި ޖެހިފައި އޮތް ބޮޑު މައްސަލަ ގަނޑަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެގެން ދިޔަ އިރު ވެސް އިކާޑީ ވަކި ގޮތެއް ނުނިންމުމުން އެ ކުލަބަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ތިބީ އޭނާ ދެކެ ހިތްހަމަ ނުޖެހިފަ އެވެ.

"އިކާޑީ ޕީއެސްޖީއަށް ބަދަލު ވުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫން. އެ ކުލަބަކީ އަޙުލާގެއް ނެތް ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކުލަބެއް،" އިންޓަ މިލާންގެ ކުރީގެ ތަރި ޑި ކާނިއޯ ބުނެފައިވެއެވެ.

އޭނާ ބުނީ އިންޓަ މިލާންގެ ކޯޗު ކާލޯ އެންޗެލޯޓީއަށް އެފަދަ އަޙުލާގު ނެތް ކުޅުންތެރިއަކު ބޭނުން ނުވާ ކަމަށެވެ. އަދި ކުލަބުގެ އަގުވައްޓާލަން އޭނަގެ އެޖެންޓް އަނބިމީހާ ދެއްކި ހަގީގަތެއް ނެތް ވާހަކަތަކާ ދެކޮޅަށް އިކާޑީއަށް އެއްޗެއް ބުނަން ނުކެރުމަކީ އޭނާގެ ފިނޑިކަން ކަމަށާއި އިންޓަ މިލާނަކީ އެކަހަލަ ފިނޑި ކުޅުންތެރިންނަށް ޖާގަ އޮތް ކުލަބެއް ނޫންކަން ޑި ކާނިއޯ ވަނީ ފާހަގަ ކޮށްފަ އެވެ.

"އިކާޑީ އަކީ މާ މޮޅު ވެސް ކުޅުންތެރިއެއް ނޫން، އޭނާއަށ ކުރެވޭހާ ވެސް ކަމަކީ ބޮލުން ޖެހުން. އިތުރު ކަމެއް ނުކުރެވޭ. ޒަމާނީ ސްޓްރައިކަރެއްގެ ގައިގައި ހުންނަން ޖެހޭ ސިފަތަކެއް އޭނާގެ ކިބަޔަކު ނެތް."

އިކާޑީ 2013 ވަނަ އަހަރު އިންޓާއަށް އައުމަށްފަހު އޭނާ ވަނީ އެކުލަބަށް މުޅި ޖުމުލަ 124 ގޯލު ޖަހައިދީފަ އެވެ.

comment ކޮމެންޓް