ޕްރިޔަންކާގެ "ދަ ސްކައި އިޒް ޕިންކް"ގެ ޓްރެއިލާ ދައްކާލައިފި

"ދަ ސްކައި އިޒް ޕިންކް"ގެ ޕޯސްޓަރެއް-

ސޮނާލީ ބޯސްގެ ފިލްމި "ދަ ސްކައި އިޒް ޕިންކް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ޕްރިޔަންކާ ޗޯޕްރާ އަދި ޒާއިރާ ވަސީމް ފެނިގެންދާ ފިލްމެކެވެ. ޒުވާން ދެ ކުދިންގެ މަންމަގެ ރޯލު މި ފިލްމުގައި ޕްރިޔަންކާ ކުޅެފައިވާއިރު އޭނާގެ ދަރިންގެ ރޯލް ކުޅެފައިވަނީ ޒާއިރާ ވަސީމް އަދި ރޯހިތު ސަރަފް އެވެ.

ފަރްހާން އަފްތަރު، ޕްރިޔަންކާގެ ފިރިމީހާގެ ރޯލުން ފެނިގެންދާއިރު އެ ފިލްމަކީ އަސަރުގަދަ ފިލްމެއްކަމަށް ހަބަރުތައް ބުނެ އެވެ. ފިލްމުގެ ޓްރެއިލާ އާންމުކުރުމާ އެކު އެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ޓްރެއިލާގައި ޕްރިޔަންކާ އާއި ފަރުހާން ލޯބީގެ ގޮތުން ގުޅުނު ދުވަސްވަރު ދައްކުވައިދީފައިވާ އިރު ކައިވެންޏެއްކޮށް ދަރިން ލިބެ އެވެ. ލިބުނު ކުއްޖާއަކީ ބަލިކުއްޖެއްކަން އެނގުނު ހިސާބުން އެ މީހުންގެ ދިރިއުޅުމަށް ގިނަ މައްސަލަތަކެއް ކުރިމަތިވާ މަންޒަރު ވެސް ފެނިގެންދިޔަ އެވެ.

އެ ފިލްމަކީ 2015 އަހަރު މަރުވެފައިވާ އިންޑިއާގެ ޒުވާން މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ބައޮގްރަފިކަލް ޑްރާމާއެކެވެ. އޭނާ މަރުވީ އުމުރުން 18 އަހަރުގަ އެވެ.

comment ކޮމެންޓް