ގާސިމް ނަޝީދަށް: ސަލާމަތީ ބާރުތަކަށް ފާޑުކިޔުމުން ލިބޭނީ ނިކަމެތިކަން

ގާސިމް އާއި ނަޝީދު: ގާސިމް ވަނީ ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަލާމަތީ ބާރުތަކަށް ފާޑު ކިޔުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެކަން ކޮށްގެން ލިބޭނީ ނިކަމެތިކަން ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އެމްޑީޕީ ގައުމީ މަޖިލިސްގައި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހުންނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ޖެހިފައިވާ ކަމަށާއި އެވާހަކަ ހުއްޓާނުލާ ދައްކާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް ބަޔަކު ސޮއި ކުރުމަށް އެ ޕާޓީ މައި އިދާރާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ސާލާމަތީ ބަރުތަަކުގައި ހިމެނޭ ސިފައިނާއި ފުލުހުނަށް ފާޑު ކިޔުމަކީ، "ދެކޮޅު ޖެއްސޭނެ" ކަމެއް ނޫން ކަަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ފުލުހުންނާ ދިމާކޮށްގެން ތަފާތު އެކި އެކި މަލާމާތާއި ޖެއްސުން ވަކި ބަޔަކު ކުރާތަން. މިކަންކަން ކުރަނީ ކޮން ބައެއް ކަން ނޭނގިއެއް ނޫން މި ތިބެނީ. އެއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނީ ނިކަމެތިކަން،" ނަޝީދުގެ ނަން ވިދާޅުނުވެ، ނަޝީދަށް ރައްދު ދެމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވާހަކަ ދައްކަވަނީ: ސަލާމަތީ ބާރުތަކަށް ފާޑުކިޔުމުން ލިބޭނީ ނިކަމެތި ކަމެއް ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގާސިމްގެ ވާހަކަފުޅުގައި އޭނާ ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރާއްޖޭގެ އަަމަން ބެލެހެއްޓުމުގައި އާއި އިންސާފުގެ ކުރި މައްޗަށް ކުށްވެރިން ގެނައުމަށް ފުލުހުން ރެޔާއި ދުވާލު ކުރާ "މިން ނެތް މަސައްކަތް" ގާސިމް ފާހަގަ ކުރެއްވި އެވެ.

"އެކި ދުވަސްވަރު، ޕޮލިޓިކަލް އެކި ލެވެލްގައި [ސިޔާސީ އެކި މަގާމުތަކުގައި] ތިއްބަވާ އެކި މީހުންގެ ނުފޫޒާއި ބާރުވެރިކަމުގައި އެކި ގޮތްގޮތަށް އެ މުއައްސަސާގައި ތިއްބަވާ އިސްވެރިން މަސައްކަތް ކުރަން ޖެހޭ ޖެހުމަކީ، އާދައިގެ ރައްޔިތުން މީހާއަށް އެނގޭނެ އެއްޗެއް ނޫން،" އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ގާނޫނު އަސާސީގައި ފުލުހުންނަށް ޢައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް އޮތް ނަަމަވެސް، ފުލުހުންނަށް އަމަލީ މައިދާނުގައި އެކަން ތަހައްމަލު ކުރަން ޖެހޭ ޖެހުން އެނގޭނީ ފުލުހުނަށް ކަމަށެވެ. އަދި އެގޮތަށް ދިރިއުޅުމަށްޓަކައި އަދާ ކުރާ ވަޒީފާ ގެއްލި ދާނެތީވެ، "ވިސްނާ ނުލެވޭނެ އެއްވެސް އިންސާނެއް ނޫޅޭނެ، ވަރަށް މަދު މީހެއް ފިޔަވާ" ކަމަށް ގާސިމް ވިދާޅުވި އެވެ.

އެގޮތުން ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެގެން ފުލުހެއް ކަމެއް ކުރުމުން އެއީ މުޅި މުއައްސަސާ ބަދުނާމު ވާން ޖެހޭ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދާދިފަހުން އަޅުގަނޑަށް ފެނިގެން ދިޔައީ ސިފައިން [އާއި] ފުލުހުންގެ އެއްބާރުލުން ނުލިބޭ ވާހަކަ. ސިފައިންގެ ތެރެއިން ކޮންމެވެސް ބަޔަކު ފާރަލަމުންދާ ވާހަކަ. އަނެއް ބަޔަކު ބުނަނީ، މިހެންވިޔޭ އެހެން ވިއްޔޭ. މިހުރީ ހަޑި ހުތުރު ވާހަކަ ދައްކަން އެހެން ނޫންތޯ،" އަނެއްކާވެސް ނަޝީދަށް ބަހުގެ ހޫނު ހަމަލާ އެއް ދެމުން ގާސިމް ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކާއި ޝަރުއީ ދާއިރާއަށް ފާޑު ކިޔައި، ގައުމުގެ ހަމަޖެހުން ގެއްލިގެންދާނެ ގޮތަށް އެއްވެސް މީހަކު ކަންތައް ނުކުރުމަށް ގާސިމް އިލްތިމާސް ކުރެއްވި އެވެ.

ރައީސް ނަޝީދަށް ގާސިމް ބަހުގެ ހޫނު ހަަމަލާތަކެއް ދެއްވި އިރު، އާދިއްތަ ދުވަހު އެމަނިކުފާނު ވިދާޅުވެފައި ވަނީ، ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ޖެހޭ ވާހަކަ އެމަނިކުފާނު ދައްކަން ފެށުމުން އެކި ގޮތްގޮތުން އެމަނިކުފާނަށް ނުރައްކާތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ފުލުހުން އެމަނިކުފާނަށް ފާރަލާން ފަށާފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް ފުލުހުންވެސް އަދި ސިފައިންވެސް ބުނެފައިވަނީ، ނަޝީދަށް ނުރައްކަލެއް ނެތް ކަމަށާއި އަދި ފާރަވެސް ނުލާ ކަަށެވެ.

https://sun.mv/124110

comment ކޮމެންޓް