ހަގީގީ ތަރައްގީއަކީ ތަހުޒީބީ ވިސްނުން އުފެއްދުން: ރައީސް

ރ،. އަލިފުށީ ސްކޫލަށް 50 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ހަގީގީ ތަރައްގީއަކީ އެމީހެއްގެ އަމިއްލަ މުޖުތަމައުގެ ހާލަތު، މިހާރަށް ވުރެ ތަހުޒީބީ ހާލަތަކަށް ބަދަލުކުރާނެ ގޮތަކަށް ވިސްނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް އެ ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި، ކިއްސަރު ވަޑާމަށް މުޅި ރާއްޖޭގައިވެސް ނަން މަޝްހޫރު އަލިފުށީގެ ވަޑީންގެ ހުނަރުވެރިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހީންގެ ކިބައިގައި ހުރި ފަންނުތަކާއި ހުނަރުތައް ތަރައްގީކުރަންޖެހޭ ކަމަށާއި ސަރުކާރުގެ ވަށާޖެހޭ ތައުލީމީ ސިޔާސަތުގެ ބޭނުމަކީވެސް އެއީ ކަމަށެވެ.

އެގޮތުން މަދުރަސީ މަރުހަލާއަކީ ކުދިންގެ ކިބައިގައި ހުރި ހުނަރުތަކާއި ގާބިލުކަން ދެނެގަތުމުގެ މަރުހަލާ ކަމަށާއި ކޮންމެ ކުއްޖަކަށް އިމްތިހާނުތަކުން މަތީ ވަނަތަށް ނުހޯދުނަސް އަމަލީ ހަޔާތުގައި ހުނަރާއި ގާބިލުކަމުގެ ގޮތުން އެ ކުދިން މާ ހުށިޔާރުވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިޒަމާނުގެ ތައުލީމީ ނިޒާމުގެ ތެރޭގައި، އަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުވުމަށް، އިސްކަންދެނީ މި ސަބަބުތަކަށްޓަކައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ގައުމަކަށްވެސް ބޭނުންވަނީ އިގްތިސާދީ ފުދުންތެރިކަން ކަމަށާއި، ފުދުންތެރިކަމުގެ ހާލަތު ރަނގަޅުކުރާނެ ގޮތުގެ ވިސްނުން ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ އެ ބައެއްގެ އިލްމީ ގާބިލުކަން އިތުރުވި މިންވަރަކުން ކަމަށެވެ.

"އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ އެއީ. މި ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން، އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުން. ތައުލީމު ދިނުމުގެ އެންމެ އަސާސީ ބޭނުމަކީ އެއީ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަލިފުށްޓަކީ، އަޅުގަނޑުމެން މި އުންމީދުކުރާ ފަދަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ ގައުމުގެ ތަރައްގީގައި ބައިވެރިވުމުގެ ގާބިލުކަން ހުރި ޒުވާނަކަށް ހެދޭނީ އެފަދައިން ވަށާޖެހޭ ނިޒާމުގެ ދަށުން ކިޔަވައިދީގެން ކަމަށެވެ. އަދި އެކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީވެސް، އަލިފުށި ކަހަލަ ހުނަރުވެރި މުޖުތަމައެއްގެ މީހުންނަށްނަށް ކަމަށެވެ.

"ހަގީގީ ތަރައްގީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމައު މިހާރު އޮތް ހާލަތުން، އެއަށްވުރެ ތަހުޒީބީ ހާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުން. ކޮންމެ ފަރުދަކީ، އެ ވިސްނުން އުފެއްދުމުގެ އިލްމީ އަދި ފަންނީ ގާބިލުކަން ހުރި މީހަކަށް ހެދުން. ތަރައްގީގެ ފޮނިމީރުކަން ލިބެން ފަށަނީ، ކޮންމެ ފަރުދެއްގެ ބައިވެރިވުން ގައުމީ ތަރައްގީއަށް ލިބެން ފަށާ ހިސާބުން،" ރައީސް ވިދާޅުވިއެވެ.

އަލިފުށީގެ ރައްޔިތުން ކުރާ ބޮޑެތި ބުރަ މަސައްކަތްތައް އެރަށުގެ ހޭޅިފަށުން ފެންނަ ބޮޑެތި ހަރުގެތަކުން ފެންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށުގެ ވަޑިން ބަންނަ ދޯނިފަހަރަށް ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި ގައުމުތަކުންވެސް މިހާރު އޯޑަރު ލިބޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނޫ އިގްތިސާދުގެ ނަފާ އެތައް ގުނައެއް އިތުރުވެގެން ދިއުމުގައި އަލިފުށީގެ ވަޑިންގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑު މިރޭ ތިޔަ ދަރިވަރުންނަށްވެސް ބުނެލަން އޮތް ވާހަކައަކީ، މި ރަށުގެ ކާބަފައިން ދައްކަމުން އައި ނަމޫނާގައި، ތިޔަ ދަރިވަރުން ރަނގަޅަށް ހިފާށޭ. ސްކޫލް ނިންމާފައި ނުކުންނައިރު، ތިމާއަކީ ހުނަރާއި ގާބިލުކަން ހުރި ޒުވާނެއްކަން މުޖުތަމައަށް ސާބިތުކޮށްދޭށޭ. ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހައްލުކުރަން ދަންނަ، ކަންކަމުގައި އިސްނަގާ ކުއްޖަކަށް ވާށޭ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް