17 ތަނަކާއި 11 މީހަކު ބަލައި ފާސްކޮށް، އޮޕަރޭޝަން ނިންމާލައިފި

ސެޕްޓެމްބަރ 10، 2019: ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގަށް މާލެ އާއި އައްޑޫގެ ބައެއް ގެތަކަށް ފުލުހުން ވަދެ ފާސްކުރަން ފެށުން -- ސަން ފޮޓޯ

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެދިގެން ފުލުހުން ފެށި އޮޕަރޭޝަންގައި 17 ތަނަކާއި 11 މީހަކު ބަލައި ފާސްކޮށް، އެ އޮޕަރޭޝަން މިރޭ ނިންމާލައިފިއެވެ.

ރިޔާސީ ކޮމިޝަންނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަންގެ ބޭނުމަށް ފުލުހުން ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ފެށީ އިއްޔެ ހަވީރުއެވެ. މިއަދުވެސް އެ އޮޕަރޭޝަން ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ފުލުހުންނާއި ހަވާލުކޮށްފައިވާ ހުރިހާ ކޯޓު އަމުރުތައް މިހާރު ތަންފީޒުކޮށް ނިމިފައިވާ ކަމަށެެވެ. އެއާއެކު އިއްޔެއިން ފެށިގެން ފުލުހުން ހިންގި އޮޕަރޭޝަން މިހާރު ނިންމާލައިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ކޯޓު އަމުރުގެ ދަށުން މިހާތަނަށް ފުލުހުން ވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީގައި 17 ތަނަކާއި އަދި 11 މީހަކު ބަލާ ފާސްކޮށްފައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، މި އޮޕަރޭޝަނަކީ ބަލައި ފާސް ކުރުމުގެ އޮޕަަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރުކޮށްގައި ނުވާ ކަމަށެވެ.

ފުލުހުން މިއަދު ހިންގި އޮޕަރޭޝަން ކަނޑުމައްޗަށްވެސް ފުޅާކުރިއެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިއަދު ހިންގި އޮޕަރޭޝަންގައި ބޯޓަކާއި އަށް ތަނެއް ފާސްކޮށްފައިވާ ކަމަށެވެ. އެއީ މާލެ ސިޓީން ހަތް ތަނަކާއި އައްޑޫ ސިޓީގައު ހުރި ފިހާރައެކެވެ.

މާލެއިން މިއަދު ފުލުހުން ބަލާ ފާސްކޮށްފައިވަނީ ފަސް ގެއަކާއި ދެ ރެސްޓޯރެންޓެވެ. ފާސް ކޮށްފައިވާ ރެސްޓޯރެންޓްތަކަކީ، ޗަންދަނީ މަގުގައި ހުންނަށް "ބިގް މޭން އެންޑް ކޯ"އާއި ބޮޑުރަސްގެފާނު މަގުގައި ހުންނަ "ފައިން ޑައިން"އެވެ.

އިއްޔެގެ އޮޕަރޭޝަންގައި ބަލާ ފާސްކޮށްފައިވަނީ، ނުވަ ތަނެކެވެ. އެއީ މަލޭ ސިޓީން އަށް ތަނަކާއި އައްޑޫ ސިޓީން އެއް ތަނެކެވެ.

comment ކޮމެންޓް