އިސްލާމިކް މިނިސްޓްރީގެ ޕީއެސްކަމުން މުސްއަބު ވަކިކޮށްފި

އިސްލާމިކް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ (ކ) -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ މުސްއަބު އަބްދުﷲ އެމަގާމުން ވަކިކޮށްފިއެވެ.

މި އަހަރުގެ މެއި މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރެ، އަދި ފަސް ފަހަރެއްގެ މަތިން ސަސްޕެންޝަން އިތުރުކުރެވުނު މުސްއަބު މަގާމުން ވަކިކުރިކަން އޭނާ ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

އަދި އޭނާ ވަކިކުރިކަން ސިވިލް ސާވިސް ކޮމިޝަނުން އިސްލާމިކް މިނިސްޓްރީއަށްވެސް ވަނީ އަންގާފައެވެ.

މުސްއަބު ވަޒީފާއިން ވަކިކުރީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވިކަން ސާބިތުވެގެންނެވެ.

ކުރީގެ ސަރުކާރު ވެރިކަމުގައި އޮތް އިރު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަނަށް ވަނީ މުސްއަބުއާ މެދު ގިނަ ތުހުމަތުތަކެއް ކޮށް ލިޔުމެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުމުގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނާއި ގަވައިދާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ހިމެނެއެވެ.

އޭގެ ތެރެއިން އެއް ތުހުމަތަކީ 2018 ވަނަ އަހަރުގެ ފަހުކޮޅު މިނިސްޓްރީގެ ވަޒީފާ އަދާނުކުރާ މީހަކަށް ދައުލަތުގެ މުސާރަދޭ ނިޒާމުގައި ރަޖިސްޓްރީކޮށް ގިނަ އަދަދެއްގެ ފައިސާ މުސާރައިގެ ގޮތުގައި ދޫކުރި މައްސަލައެއް ފެންމަތިވެ، އެ ފައިސާ ދޫކުރުމަށް ހުއްދަ ދިން މުވައްޒަފުންނާ މެދު މުސްއަބު ފިޔަވަޅު ނޭޅުމުގެ ތުހުމަތެވެ.

ސިވިލް ސާވިސްގެ ގަވައިދު ބުނާގޮތުން ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހުރެ ގާނޫނު ގަވައިދުތައް ކަށަވަރުކުރުމަކީ މުސްއަބުގެ ޒިންމާއެކެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި މުސްއަބު "ސަން"އަށް ވިދާޅުވީ މުސާރަ ޝީޓު ހަދަން ހުއްދަ ދިން ފަރާތާމެދު ފިޔަވަޅު އަޅަން އޭނާ ހުރީ ފައިނޭންޝަލް އެގްޒެކެޓިވްގެ މަގާމުގައި ނޫން ކަމަށާއި ނިމިގެން ދިޔަ ދައުރުގައި އޭނާ ހުރީ އިދާރީ ކަންކަމުގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުގައި ކަމަށެވެ.

މުސްއަބުގެ މައްޗަށް ކުރެވުނު އިތުރު ތުހުމަތަކީ މިނިސްޓްރީގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ފުރިހަމައަށް ތައްޔާރުނުކޮށް، އަދި ހެދިފައިވާ ބަޔާންތަކާ ހިލާފަށް މަަސްއޫލިއްޔަތު ހަވާލުކުރުމުގެ ތުހުމަތެވެ. ނަމަވެސް އޭނާ "ސަން"އަށް ވިދާޅުވީ އޭނާ މަސައްކަތްކުރީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ހިފުމަށް ކަމާށާއި މުވައްޒަފުންގެ ސެކްޝަން ބަދަލުކުރީ އެމީހުންގެ ރުހުމުގައި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މުސްއަބު އަބްދުﷲ އައްޔަނުކުރީ 25 ޖުލައި 2017 ގައެވެ.

comment ކޮމެންޓް