އިނގިރޭސި ޕާލިމެންޓް ސަސްޕެންޑު ކުރީ ގާނޫނާ ހިލާފަށް: ސްކޮޓްލޭންޑުގެ ކޯޓު

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ޕާލިމެންޓް އުވާލެއްވީ ގާނޫނާ ހިލާފަށް ކަަމަށް ސްކޮޓިޝް ކޯޓުން ބުނި -- ފޮޓޯ: ގެޓީ

ލަންޑަން (ސެޕްޓެމްބަރު 11): އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެގައުމުގެ ޕާލިމެންޓް ސަސްޕެންޑު ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ސްކޮޓްލޭންޑުގެ އެންމެ މަތީ މަދަނީ ކޯޓުން ނިންމައިފި އެވެ.

ސްކޮޓްލޭންޑުގެ ކޯޓް އޮފް ސެޝަންއިން އެފަދައިން ނިންމީ އިއްޔެ އިނގިރޭސި ޕާލިމެންޓު ސަސްޕެންޑު ކުރުމާ ގުޅިގެން 70 މެމްބަރުން ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ޖޯންސަން ޕާލިމެންޓް ސަސްޕެންޑު ކުރަން ނިންމެވިކަން އިއުލާން ކުރެއްވީ މިދިޔަ މަހުގެ 28ގަ އެވެ. އަދި އެމައްސަލަ ފުރަތަމަ ކޯޓަށް ހުށަހެޅުމުން ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ޖޯންސަން އެފަދައިން ނިންމެވުމުގައި ގާނޫނާ ހިލާފުވާ ކަމެއް ނެތެވެ.

ނަމަވެސް ކޯޓް އޮފް ސެޝަންއިން މިއަދު އެ ހުކުމް އުވާލުމާ ގުޅިގެން އިނގިރޭސި ސަރުކާރުން ވަނީ އެމައްސަލައިގެ އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

އިނގިރޭސި ސަރުކާރާ އިދިކޮޅު ބައެއް މެމްބަރުން ވަނީ ޖޯންސަން ޕާލިމެންޓު ސަސްޕެންޑު ކުރެއްވީ އެގައުމުން އެއްބަސްވުމަކާ ނުލައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމުގެ ފުރުސަތު ބޮޑު ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސިން އީޔޫއިން ވަކިވާން ކަނޑައަޅާފައި އޮތް ތާރީހަކީ އަންނަ މަހުގެ 31 އެވެ. އަދި ޕާލިމެންޓުގެ މަސައްކަތް ދެން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 14އިގައި ކަމުން، އީޔޫއިން ވަކިވުމާ ބެހޭ އެއްބަސްވުމެއް ފާސް ކުރަން ދަތިވާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެހެންކަމުން މިދިޔަ ހަފްތާގައި ޕާލިމެންޓުން ވަނީ އީޔޫއިން ވަކިވުމާ ބެހޭ އެއްބަސްވުމެއް އަންނަ މަހުގެ 19އިގެ ކުރިން ފާސްނުވެއްޖެ ނަމަ އީޔޫއިން ވަކިވާ ތާރީހު ފަސް ކުރަން ޖެހޭނެ ކަމަށް ބުނާ ބިލެއް ފާސްކޮށްފަ އެވެ.

ނަމަވެސް ޖޯންސަން ވަނީ އާ ސަރުކާރެއް ގާއިމު ކުރުމަށް ފަހު ޕާލިމެންޓް ސަސްޕެންޑު ކުރުމަކީ އާއްމު ކަމެއް ކަމަށް ވިދާޅުވެ، އޭނާގެ ނިންމުން ދިފާއު ކުރައްވާފަ އެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ކުރީގެ ބޮޑުވަޒީރު ތެރީސާ މޭ ހެއްދެވި އެއްބަސްވުމަށް ރުހުން ދޭން ޕާލިމެންޓުން ވަނީ ތިން ފަހަރަކު ދެކޮޅު ހަދާފަ އެވެ. އަދި މިދިޔަ ޖުލައި މަހު މޭ އިސްތިއުފާ ދެއްވީވެސް އެމައްސަލައިގެ ސަބަބުންނެވެ.

comment ކޮމެންޓް