އަބަދުވެސް ޑިސްޕްލޭ ދިއްލިފައި ހުންނަ އާ އެޕަލް ވޮޗު ދައްކާލައިފި

"އޯލްވޭސް އޮން ޑިސްޕްލޭ" އަކީ އެތައް ބަޔަކު ބޭނުންވެފައިވާ ފީޗާއެއް --- ފޮޓޯ : އެންގެޖެޓް

އަބަދުވެސް ދިއްލިފައި ހުންނަ ރެޓީނާ ޑިސްޕްލޭއެއް އޮންނަ ފީޗާއާއެކު އެޕަލް ކުންފުނީގެ އާ ސްމާޓްވޮޗު ދައްކާލައިފިއެވެ.

އެޕަލް ސީރީޒް 5 ސްމާޓްވޮޗު ރޭގައި ދައްކާލާފައިވަނީ އެޕަލްއިން ކުރިއަށް ގެންދިޔަ "އިނޮވޭޝަންސް އޮންލީ" އިވެންޓުގައެވެ.

އެޕަލް އިން ބުނިގޮތުގައި އާ އެޕަލް ވޮޗުގެ ބެޓެރީގެ ޗާޖު 18 ގަޑިއިރަށް ހިފަހައްޓާނެއެވެ. އެ ގަޑީގެ އިތުރު ހާއްސަ ކަމަކީ ގަޑީގައި ސަމުގާ އެޕްލިކޭޝަނެއް އިނުމެވެ.

އެޕަލް ވޮޗު އުފައްދާފައިވަނީ ރިސައިކަލް ކޮށްފައިވާ އެލުމިނިއަމް އިންނެވެ. އެ މެޓީރިއަލްގެ ގަޑިތައް ތިން ކުލައަކުން ލިބެން ހުންނާނެއެވެ. އެއީ ސިލްވާ، ގޯލްޑް އަދި ސްޕޭސް ގްރޭއެވެ. އެ ގަޑިތައް ވިއްކަން ފަށާ އަގަކީ 399 ޑޮލަރެވެ.

އެލުމިނިއަމްއިން ހަދާފައިވާ އެޕަލް ވޮޗުގެ އިތުރުން ހާއްސަ ދެ ވައްތަރެއްގެ މެޓީރިއަލުން ތައްޔާރުކޮށްފައިވާ ސްމާޓްވޮޗެކެވެ. މިއަހަރުގެ އެޕަލް ވޮޗު، ސެރަމިކްއާއި ޓައިޓޭނިއަމް މެޓީރިއަލްއިން ވެސް ލިބޭނެއެވެ. އެ ގަޑިތަކުގެ އަގުތައް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން އެ މެޓީރިއަލްގެ ގަޑިތައް 1،200 ޑޮލަރާ ގާތްކުރުމަކީ އެކަށީގެންވާ ކަމަށް ލަފާކުރެވެއެވެ.

އެޕަލް ވޮޗް ސީރީޒް 5 އަށް ޕްރީ އޯޑަރުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މިމަހުގެ 20ގައި އެ ގަޑިތައް އާންމުންނަށް ލިބޭނެކަމަށް އެޕަލްއިން ބުނެއެވެ.

comment ކޮމެންޓް