އެމެރިކާގެ ހަރުކަށި ބޭފުޅެއް ކަމަށް ޖޯން ބޯލްޓަން މަގާމުން ދުރުކޮށްފި

ވޮޝިންޓަން (ސެޕްޓެމްބަރު 11) : އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ކުއްލި ގޮތަކަށް މަގާމުން ދުރުކޮށްފި އެވެ. ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބޯލްޓަންގެ ޚިދްމަތް ދެން ވައިޓް ހައުސް އަށް ބޭނުންނުވާ ކަމަށާ އެކަން ބޯލްޓަންއަށް އަންގާފައިވާނެ ކަމުގަ އެވެ.

އާދަޔާ ޚިލާފަށް ހަރުކަށި ބޭފުޅެއް ކަމަށްވާ ޖޯން ބޯލްޓަން އަކީ އެމެރިކާ ނުރުހޭ އަދި އެމެރިކާއަށް ބޯނުލަނބާ ސިޔާސަތު ގެންގުޅޭ ގައުމުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި ބާރުގެ ބޭނުންކޮށްގެން އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ބަދަލުކުރުމުގެ ހަރުކަށި ވިސްނުން ގެންގުޅޭ ބޭފުޅެއްކަމަށް ސިފަކުރެވިފައިވާ ބޭފުޅެކެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ސިޔާސަތުތައް އެކުލަވާލުމުގައި އޭނާއާ ބޯލްޓަންއާ ދެމެދު ވަރަށްބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައިވާކަން ފާޅުގައި ހާމަކުރައްވާފަ އެވެ. އަދި އެމެރިކާގެ އެހެން މަސްއޫލުވެރިންނަށް ވެސް ބޯލްޓަން އާއެކު މަސައްކަތްކުރަން ދަތިވެފައިވާކަން ވެސް ޓްރަމްޕް ހަމަކުރެއްވި އެވެ. އެހެންނަމަވެސް ޓްރަމްޕް ވަނީ ބޯލްޓަންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ދުވަސްވަރު ދުނިޔޭގެ ބައެއް ގައުމުތަކަށް އަރައިގަނެ ހަނގުރާމަކޮށް ތަޅާފޮޅުމަށް ބުޝްގެ ޓީމުން ގެންގުޅުނު ނިއު ކޮންޒަވެޓިވް ފިކުރު އުފެއްދުމުގެ އެއްމޭސްތިރި ކަމަށްވާ ބޯލްޓަން އަކީ ވެނެޒުއެލާ، އުތުރުކޮރެއާ އަދި އީރާން ފަދަ އެމެރިކާއަށް ބޯނުލަނބާ އަމިއްލަވަންތަ ސިޔާސަތުތައް ގެންގުޅޭ ގައުމުތަކާ ދެކޮޅަށް ހަނގުރާމައިގެ އިންޒާރުތައް ދެއްވާ ބޭފުޅެކެވެ. އެގައުމުތަކާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ އިސް މޭސްތިރިއަކީވެސް ބޯލްޓަންކަމަށް މުހައްލިލުން ދެކެ އެވެ.

ޓްރަމްޕަކީ އެފަދަ ގައުމުތަކަށް އިންޒާރުތައް ދެއްވި ނަމަވެސް ހަނގުރާމަ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅަކަށްނުވާތީ ބޯލްޓަން އާ ޓްރަމްޕާ ދެމެދު މައްސަލަތައް އުޅޭކަމުގެ ޚަބަރުތައް ވަނީ ފެންމަތިވެފަ އެވެ. މިފަހަކަށް އައިސް ބޯލްޓަން ހުންނަވަނީ ވެސް އޭނާގެ ހަރުކަށި ވިސްނުމުގެ ސަބަބުން ވަރަށްބޮޑަށް އެއްފަރާތްކޮށް ބާކީކޮށްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނަށް އިސްވެ ހަމަލާދީ ހަނގުރާމަކުރުމަށް ޓްރަމްޕަށް ހިއްވަރުދީ ހަނގުރާމައަކަށް ޓްރަމްޕް ވެއްދުމަށް އެމެރިކާގެ އެތެރޭން މަސައްކަތްކުރައްވަނީ ބޯލްޓަންއާއި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ކަމަށްވެ އެވެ. އެމެރިކާގެ ބޭރުން އެކަމަށް ބާރުއަޅަނީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ އާއި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއި ޔޫއޭއީގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނަށް ހަމަލާދީ ހަނގުރާމަފެށުމަށް އެޓީމުން ރޭވިކަމަށާއި ނަމަވެސް އެ ރޭވުންތަކަށް ޓްރަމްޕް އެއްބާރުލުން ނުދެއްވައި އީރާނާ ވާހަކަދައްކަން ޓްރަމްޕް ނިންމެވުމުން އެހަރުކަށި ޓީމުގެ ބޭފުޅުންނަށް މާޔޫސްކަން ލިބިފައިވާކަމަށްވެ އެވެ. ބޯލްޓަން މަގާމުން ދުރުކުރުމަކީ އެމެރިކާގެ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އަށްވެސް ލިބުނު މެސެޖަކަށް ވާނެކަމަށް މުހައްލިލުން ވިދާޅުވެ އެވެ.

(އަލްޖަޒީރާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް