ވޭޕް ކޮށްގެން 6 މަރު، ވޭޕް ނުކުރުމަށް އެމެރިކާއިން އިންޒާރު ދެނީ

ވޭޕް ކުރުމާ ގުޅުން ހުރި ބަލީގައި ހަ މީހަކު ވަނީ މަރުވެފަ -- ފޮޓޯ:

ވޮޝިންޓަން (ސެޕްޓެމްބަރު 11): ވޭޕް ކުރުމާ ގުޅުން ހުރި ބައްޔެއްގެ ސަބަބުން އެމެރިކާގައި ހަ މީހަކު މަރުވުމާ ގުޅިގެން، ވޭޕް ކުރުން ހުއްޓާލުމަށް އެމެރިކާގެ ޑޮކްޓަރުން އެދެފި އެވެ.

އާއްމު ގޮތެއްގައި ނިކޮޓިން އާއި އެހެނިހެން ކެމިކަލްތައް އެކުލެވޭ އީ-ސިނގިރެޓް ބޭނުން ކުރުން ނުވަތަ ވޭޕް ކުރުމާ ގުޅިގެން އިއްޔެ މަރުވި މީހާއަކީ އުމުރުން 50 އަހަރަށް ވުރެ ދޮށީ މީހެއް ކަމަށާއި އެމީހާގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ކަންސަސް ސްޓޭޓް ހެލްތް ޑިޕާޓްމެންޓުން ބުންޏެވެ. ނަމަވެސް އޭނާ ބޭނުން ކުރީ ކޮން ބާވަތެއްގެ އީ ސިނގިރެޓެއްކަން އަދި ނޭނގޭ ކަމަށް ހެލްތް އޮފިޝަލުން ބުންޏެވެ.

"މިހާރު ވޭޕް ކުރުން ހުއްޓާލަންވެއްޖެ. ތިބޭފުޅުން ނުވަތަ ތިބޭފުޅުންގެ ގާތްތިމާގެ މީހަކު ވޭޕް ކުރާ ނަމަ، އެކަން ހުއްޓާލާ،" ހެލްތް އޮފިސަރެއް ކަމަށްވާ ލީ ނޯމަން ވިދާޅުވި އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އަށް ވަނީ މިހާތަނަށް އީ-ސިނގިރެޓާ ގުޅުން ހުރި ފުއްޕާމޭގެ ބައްޔެއްގެ 450 މައްސަލައެއް ހުށަހަޅާފަ އެވެ. އަދި ސީޑީސީ އާއި އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ދަނީ އެބަލި ދިރާސާ ކުރަމުންނެވެ. ނަމަވެސް އެބަލި ޖެހެނީ ކޮން ބާވަތެއްގެ އީ ސިނގިރެޓުން ކަމެއް ނުވަތަ އޭގައި އެކުލެވޭ ކޮން ކެމިކަލްއަކުން ކަމެއް އަދި ނޭނގެ އެވެ.

އެބަލީގެ އަލާމާތްތަކުގެ ތެރޭގައި ނިއުމޯނިއާ ޖެހުމާއި ނޭވާ ކުރުވުމާއި ކެއްސުމާއި ހުން އައުމާއި ވަރުބަލިވުމާއި ހޮޑުލެވުމާއި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން ހިމެނެ އެވެ. އަދި ސީޑީސީން ވަނީ ވޭޕް ކުރާ މީހުން އެބަލީގެ އަލާމާތްތައް ހުރިތޯ ބެލުމަށާއި، ވޭޕް ކުރުން ހުއްޓާލުމަށް އެދިފަ އެވެ.

ވޭޕް އުފައްދާ ކުންފުނިތަކުން ބުނާ ގޮތުގައި ވޭޕްއާ ގުޅުން ހުރި ބަލި ޖެހެނީ ކަޅު ބާޒާރުގައި އުފައްދާ އީ-ސިނގިރެޓުތަކުގެ ސަބަބުންނެވެ. ނަމަވެސް އެމެރިކަން މެޑިކަލް އެސޯސިއޭޝަންއިން ވަނީ ބަލި ޖެހޭ ސަބަބު ހޯދެން ދެން، އެއްވެސް ބާވަތެއްގެ އީ-ސިނގިރެޓު ބޭނުން ނުކުރުމަށް އެދިފަ އެވެ.

ވޭޕް ކުރުމުން ޖެހޭ ބަލީގެ އިތުރުން އީ ސިނގިރެޓު ގޮވުމުގެ ސަބަބުން މީހުންނަށް އަނިޔާވާ މައްސަލަތައްވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އެމެރިކާގެ ސަރުކާރުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އީ ސިނގިރެޓު ގޮވުމުގެ 195 މައްސަލައެއް 2009 އާއި 2016އާ ދޭތެރޭ ފާހަގަ ކުރެވިފައިވެ އެވެ.

comment ކޮމެންޓް