ފޯރިގަދަ ޝޯއަކާ އެކު އަލީބާބާގެ ޗެއާމަން ކަމުން ޖެކް މާ އިސްތިއުފާ ދީފި

ޖެކް މާ ވަނީ އަލީބާބާގެ ޗެއާމަން ކަމުން އިސްތިއުފާ ދީފަ -- ފޮޓޯ: ސްޓާ އޮންލައިން

އަލީބާބާގެ އެތައް ހާސް މުވައްޒަފުންނާ އެކު ބޭއްވި ފޯރިފަދަ މިއުޒިކް ޝޯއަކަށް ފަހު އެކުންފުނީގެ ޗެއާމަން ކަމުން ޖެކް މާ ރަސްމީކޮށް އިސްތިއުފާ ދީފި އެވެ.

ހަތަރު ގަޑި އިރަށް ދެމިގެން ދިޔަ އެޝޯގައި އަލީބާބާގެ މުވައްޒަފުން ވަނީ ތަފާތު ހެދުން އަޅައިގެން ތިބެ ލަވަތަކަށް ނަށާ، އެކުންފުނީގެ ތަފާތު ޑިވިޝަންތައް ރަމްޒުކޮށްދޭ ފްލޯޓުތައް ދައްކާލާފަ އެވެ. އަދި މާ އާއި އަލީބާބާގެ ކޯ ފައުންޑާ ލޫސީ ޕެންގް އާއި ކުންފުނީގެ ޓެކްނޮލޮޖީ ކޮމިޓީގެ ޗީފް އެގްޒެކެޓިވް ވަން ހުއަން ވަނީ ޗައިނާގެ ޕޮޕް ލަވަތަކެއް ހުށަހަޅާފަ އެވެ. އެމީހުން ތިބީވެސް ރޮކް ސްޓާރުން ފަދައިން ހެދުން އަޅައިގެންނެވެ.

ޝޯ ނިމިގެން ދިޔައީ އަލީބާބާގެ ސީއީއޯ އަދި ދެން ޗެއާމަން ކަމާ ހަވާލުވާނެ ޑެނިއެލް ޖަންގްގެ ހުށަހެޅުމަކާއެކުގަ އެވެ.

އެޝޯގެ ވަކި ހިސާބަކުން މާއަށް ރޮވުނު މަންޒަރު ފެނި، ޗައިނާގެ ސޯޝަލް މީޑިއާގައި "ޖެކް މާ ރޮއެފި" ކަމަށް ބުނާ ހޭޝްޓެގެއް އެތައް ހާސް މީހުން ބޭނުން ކުރި އެވެ. މާ ބުނި ގޮތުގައި އަލީބާބާއިން އިސްތިއުފާ ދިނުމަށް ފަހު އޭނާ އާ ހަޔާތެއް ފަށާނީ އެވެ.

"މިރެއަށް ފަހު އަހަރެން އާ ހަޔާތެއް ފަށާނަން. އަހަރެން ގަބޫލު ކުރަން މިދުނިޔެއަކީ ރަނގަޅު ތަނެއް ކަމަށް. އަދި އެތައް ފުރުސަތުތަކެއް އެބަ އޮތްކަން، އެހެންވެ ކުރިން މި ރިޓަޔާ ކުރަނީ،" އަލީބާބާގެ މުވައްޒަފުންނާ ވާހަކަ ދައްކަމުން މާ ބުންޏެވެ.

މީގެ 20 އަހަރު ކުރިން ކުޑަ އެޕާޓްމެންޓެއްގައި މާ އުފެއްދި އަލީބާބާއިން އޭނާ އިސްތިއުފާ ދޭ އިރު އެކުންފުންޏަކީ އޭޝިއާގެ އެންމެ އަގުބޮޑު ކުންފުންޏެވެ. އެކުންފުނީގެ އަގު މިހާރު 460 ބިލިއަނަށް އަރަ އެވެ. އަދި މާގެ މިލްކިއްޔާތުގައި 38.4 ބިލިއަން ޑޮލަރު ހުރި ކަމަށް ބެލެވެ އެވެ.

މާ އަލީބާބާގެ ޗެއާމަންކަމުން އިސްތިއުފާ ދިން ނަމަވެސް އޭނާއަކީ އެކުންފުނީގެ ބޯޑަށް ނަން ހުށަހެޅުމުގެ ބާރު ލިބިދީފައިވާ "އަލީބާބާ ޕާޓްނާޝިޕް"ގެ ދާއިމީ މެމްބަރެކެވެ. އަދި އޭނާ ބުނި ގޮތުގައި ދެން އެކުންފުނީގައި ހަރަކާތްތެރި ވާނީ ބޮޑަށް އެޑްވައިޒަރެއްގެ މަގާމުގަ އެވެ. އަދި އޭނާ އިސްކަން ދޭނީ ތައުލީމާއި އެފަދަ ދާއިރާތަކާ ގުޅުން ހުރި އެހީ ފޯރުކޮށްދިނުމަށެވެ.

comment ކޮމެންޓް