ބޮޑެތި މެޗުތަކުން ނަތީޖާ ނެރުމަށް ރާއްޖޭގެ ލީގުގެ ލެވެލް މަތި ކުރަން ޖެހޭ: ލިއްޕީ

ޗައިނާގެ ކޯޗު މާސެލޯ ލިޕީ ---

ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ނަތީޖާ ނެރުމަށް ޓީމެއް ތައްޔާރު ކުރާއިރު އެންމެ މުހިންމު ކަމަކީ އެ ގައުމުގެ ލީގުގެ ލެވެލް މަތިކުރުން ކަމަށާއި ރާއްޖެއަށްވެސް އޭރަށް ކުރިމަގުގައި ކުރި ހޯދޭނެ ކަމަށް އިޓަލީއަށް 2006 ވަނަ އަހަރު ވޯލްޑްކަޕު ކާމިޔާބު ކޮށްދިނުމަށްފަހު މިހާރު ޗައިނާއަށް ކޯޗުކަން ކޮށްދެމުން އަންނަ މާސެލޯ ލިއްޕީ ބުނެފިއެވެ.

މިރޭ ވޯލްޑްކަޕުގެ ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗު ނިމުނީ 0-5 ގެ ބޮޑު ނަތީޖާއަކުން ޗައިނާ ކުރި ހޯދައިގެންނެވެ. މިއީ 2001 ވަނަ އަހަރު ޗައިނާއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗާ އަޅާ ބަލާއިރު ދަށް ނަތީޖާއަކަށްވާ އިރު ރާއްޖެއަށް ފަހުގެ ތާރީހެއްގައި ޗައިނާ ފަދަ ބޮޑު ޓީމެއް ގާތުން މޮޅުވެފައެއްވެސް ނުވެއެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޗައިނާގެ ކޯޗު ލިއްޕީ ބުނީ ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އަދި ވަކި ވަކި ކުޅުންތެރިންގެ ނަން ނުހިމެނި ކަމުގައި ވިޔަސް ޖުމްލަކޮށް ޓީމުން ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. އަދި މެޗަށް އައި އިރު ރާއްޖޭގެ ފެންވަރު ނޭނގޭ ކަމާއި މެޗަށް ނުކުތީ ރާއްޖޭގެ ޓީމަށް ފުރިހަމައަށް އިހުތިރާމު ކުރަމުންކަން ކޯޗު ވަނީ ފާހަގަ ކޮށްފައެވެ.

"ކުރީ މެޗާ އަޅާކިޔާއިރު މި މެޗުގައި ޓީމުން ދެއްކި ކުޅުން ރަނގަޅުކަން ފާހަގަ ކުރެވުނު. ޓީމުން ކުޅުނީ މޮޅުވުމުގެ ރޫހުގައި. ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފީމަ މިވަރުގެ ބޮޑު މޮޅެއް މި ލިބުނީ،" ލިއްޕީ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގައިވެސް ފާހަގަކޮށްލެވޭ ރަނގަޅު ކުޅުންތެރިންތަކެއް ތިބި ކަމަށާއި ޓީމުން ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތްކުރި ކަަމަށެވެ.

"ރާއްޖޭގެ ލީގަކީ ކިހާ ފެންވަރެއްގެ ލީގެއް ކަމެއް އަހަރެންނަށް އެހާ ރަނގަޅަކަށް ނޭންގޭ. އެކަމުވެސް ޓީމު ރަނގަޅު ފެންވަރަކަށް ގެންދަން ވަރަށް ގިނަ މަސައްކަތްތަކެއް އަދި ކުރަންޖެހޭ. އެގޮތުން އެންމެ މުހިންމު ކަމަކީ ގައުމީ ލީގުގެ ފަންތިއަކީ ވަރަށް މަތީ ފަންތީގެ ލީގެއް ކަމުގައި ހެދުން،"

ޗައިނާގެ ގައުމީ ލީގު ކަމަށްވާ ޗައިނީސް ސުޕަ ލީގަކީ މިހާރު ދުނިޔޭގައި ވެސް އޮތް އެންމެ އަގުބޮޑު ލީގެވެ. އެހެން ކަމުން ޔޫރޮޕުގެ މަޝްހޫރު ކޯޗުންނާއި ކުޅުންތެރިން ވެސް މިހާރު އަންނަނީ އެ ލީގަށް ބަދަލުވަމުންނެވެ.

ލިއްޕީ ބުނީ އެފަދަ ފެންވަރުގެ ކުޅުންތެރިންނާ އެކު ކުޅުމުން ގައުމީ ޓީމުގައި ތިބި ކުޅުންތެރިންގެ ފަންތި މަތިވާނެ ކަމަށެވެ.

comment ކޮމެންޓް