އައިއޯއައިޖީގައި ރަންމެޑަލް ހޯދި ދީމާ އަށް ބައި މިލިއަން ރުފިޔާ ދެނީ

ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އެވޯޑާއެކު ---

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ން ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ފާތިމަތު ދީމާއަށް އިނާމެއްގެ ގޮތުގައި 535،000 ރުފިޔާ ދޭން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ އަދަދަށް ދީމާއަށް ފައިސާ ދޭނެކަން އިއުލާންކުރައްވައިފަ އެވެ.

މަހުލޫފް ވިދާޅުވީ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.

މަހުލޫފް ވިދާޅުވީ ރާއްޖެއަށް ރީތި ނަން ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މިރޭ ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗްގައި ރާއްޖެ ބަލިނުވެއްޖަނަމަ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާ ދޭން ހުށަހެޅި ހުށަހެޅުމަށް އިޝާރާތްކުރައްވައި ވިދާޅުވީ އެ އަދަދު ހަގީގަތުގައި މަދު ކަމަށެވެ.

" އެހެން ކުޅިވަރަށްވެސް ވަރަށް ބޮޑަށް ހަރަދު ކުރަން. އައިއޯއައިޖީގެ ކާމިޔާބީއަށް ދީމާއަށް 535،000 ރުފިޔާ ލިބޭނެ." މަހުލޫފް ވިދާޅުވި އެވެ.

ނިމިގެން ދިޔަ އައިއޯއައިޖީގައި ޓޭބަލް ޓެނިސްގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ދީމާ ރަން މެޑަލް ހޯދީ ހަމަ އެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރި އައިޝަތު ރަފާ ނާޒިމް ބަލިކޮށްގެންނެވެ.

ދީމާ ވަނީ މީގެ ކުރިން ގޭމްސްގެ ޑަބަލްސް އިވެންޓުންނާއި ޓީމް އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އެ ކާމިޔާބީއާ އެކު ދީމާ ވެފައި ވަނި ރާއްޖޭގެ ތާރީހުގައި ވެސް ބައިނަލް އަގުވާމީ މަލްޓި ޕާޕޯސް އިވެންޓުތަކުން އެންމެ ގިނަ ރަން މެޑަލް ހޯދި ކުޅުންތެރިޔާއަށެވެ.

އައިއޯއައިޖީގައި ކުޅުނު ތިން އިވެންޓުގެ ވެސް ރަން މެޑަލް ހޯދާ އެ ގޭމްސްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއަށްވެސް ދީމާ ވަނީ ހޮވިފަ އެވެ.

comment ކޮމެންޓް