މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"ނަވީން..." ނަވީންއަށް ގޮވާލުމާއެކު އިބާ ފުންމައިގެން ތެދުވިއެވެ. އިބާ ތެދުވި ގޮތުން އަލޫކްއަށްވެސް ފަހަތަށް ޖެހިލެވުނެވެ.

"ނޫން..." އިބާއަށް ބުނެވުނެވެ. އެއާއެކު އޭނާއަށް ވަށައިގެން ހޯދާލެވުނެވެ. މޫނުމަތީގައިވީ ބިރުވެރިކަމުގެ އަސަރުތަކެވެ. ކަންބޮޑުވެ ހާސްވެފައި ވާކަމުގެ އަސަރުތަކެވެ. ނިތްކުރިމަތިން ފެޅިގެން ދިޔަތަނުގައި ދިލަތަދެއް ހުރިނަމަވެސް އޭނާއަށް އެކަންވެސް އިޙްސާސްވިހެނެއް ހިޔެއްނުވެއެވެ. ގާތުގައި އިން މީހާގެ މޫނުމައްޗަށް އޭރުވެސް އިބާ ބަލައެއް ނުލިއެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ ހާސްވެފައެވެ.

"ނަވީން... އަހަ..." ވާހަކަ ދައްކަން ފަށާފައި އޭނާ ގާތުގައި އިން ޒުވާނާގެ އަތުގައި ހިފައްޓާ އެދިމާލަށް ބަލާލިއެވެ. އެއާއެކު އަނެއްކާވެސް އިބާއަށް ސިހުމެއް ލިބިގެން ދިޔައެވެ. ވަގުތުން އެ ޒުވާނާގެ އަތުން ދޫކޮށްލުމާއެކު އޭނާ ވަށައިގެން ހޯދާލިއެވެ. ނަވީން ފެނޭތޯއެވެ. އެ ޒުވާނާއަކީ އިބާއަށް ގެއްލުމެއް ދޭން އުޅޭ ޒުވާނެއްހެން ހީވުމާއެކު އޭނާއަނެއްކާވެސް ތެޅިގަތެވެ.

"މީ އަނެއް....އަލޫކް" އަލޫކް ބުނެލިއެވެ. އިބާ ހައިރާންކަމާއެކު އަލޫކްއަށް ނަޒަރު ހުއްޓާލިއެވެ. މީގެކުރިން އިބާއަށް ފެނިފައިވާ ޒުވާނެއް ނޫނެވެ. އެ ޒުވާނާގެ މޫނުމަތިން އޭނާއަށް ގެއްލުމެއް ދޭން އުޅޭފަދަ އަސަރެއް ނުފެނުނެވެ. އެކަމުން އިބާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

"އަހަރެން ދެކެ ބިރު ނުގަނޭ... އަހަރެން މީ... އަނެއް... ދޮންބެގެ ކޮއްކޮ" އަލޫކް އަޅައަޅައި ގަންނަމުން ވާހަކަ ދެއްކިއެވެ. އަދި އޭނާގެ ކަޅު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އެ އަންހެން ކުއްޖާ އިން ހާލުން އެ ކުއްޖާ އެ އިނީ ބައެއްގެ އަނިޔާވެރި އަމަލެއްގެ ޝކާރައަކަށް ވެފައިކަން ދެނެގަންނަން އޭނާއަށް އުނދަގުލެއް ނުވެއެވެ.

"ކާކު... ކިހިނެތް މިގެއަށްވަނީ" އިބާ ބޮލުގައި އަތް އަޅަމުން ވާހަކަ ދެއްކިއެވެ. ކޮންމެވެސް ވަރަކަށް އެނބުރުން އަރާހެން ހީވިއެވެ. އެހެންނަމަވެސް އޭނާ ތެދުވެވޭތޯ މަސައްކަތް ކުރިއެވެ.

"މި ބުނީ... ނަވީން... ނަވީން ކޮއްކޮ އޭ މީ..." އަލޫކް ބުނެލިއެވެ. ކޮންމެވެސް ވަރަކަށް ވީގޮތްވެސް ކިޔައިދިނެވެ. އެހެންނަމަވެސް މާބޮޑު ތަފްސީލެއް ނުދެއެވެ.

އިބާ މިފަހަރު އަލޫކްއަށް ބަލާލީ ވަރަށް ފަރުވާތެރި ކަމާއެކުގައެވެ. ނަވީން އެކޭ އެއްގޮތަކަށް ގަދަ ޗޮކްލެޓް ކުލައިގެ ކަޅިއެކެވެ. އިސްތަށިގަނޑު ކަޅުނަމަވެސް ކޮންމެވެސް ވަރަކަށް ދިގެވެ. ކަނދުރާގައި ނުޖެހޭ ގޮތަށް އިސްތަށިގަނޑު ކޮށާލާފައިވެއެވެ.

ނަވީންގެ އިތުރު ކޮއްކޮ އެއް ހުރޭހެއްޔެވެ؟ އެހެންވެއްޖެނަމަ އަލޫކްއަކީވެސް މާހިރާގެ ދަރިއެއްހެއްޔެވެ؟ އަލޫކް މާހިރާގެ ދަރިއަކަށް ވާނަމަ އަލޫކްއަށް ސިއްރުން މާހިރާ ގެންގުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އަދިވެސް ނަވީންގެ އާއިލާ އާއި ބެހޭ މާގިނަ ވާހަކަތަކެއް ނޭނގޭތީ އިބާގެ ހިތުގައި ތަފާތު ސުވާލުތައް އުފެދުނެވެ.

އިބާގެ ނަޒަރު މާހިރާއަށް ދަތުރުކޮށްލުމާއެކު އޭނާއަށް ފުންމައިގެން ސޯފާއިން ތެދުވެވިއްޖެއެވެ. މަޑުމަޑުން އެދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. ހަދާނެ ގޮތް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު އޭނާ އަލޫކްއަށް ބަލާލިއެވެ. އެއަށްފަހު ސޯފާތަކުގެ ކައިރީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ފޯނު އޮތީ ނިވިފައެވެ. އެހެންކަމުން އޭނާ ފާނު ސޯފާމަތީގައި ބޭއްވިއެވެ. އަލޫކްއަށް ވީ ގޮތް ވިސްނުނީ ކަންނޭގެއެވެ. އޭނާ ނަވީންގެ ފޯނުގައި ނަންބަރު ޖަހާ އޭނާގެ ފޯނަށް ގުޅާލިއެވެ. ގުޅިހެން ހީނުވެ ނަވީން ފޯނު ނަގައިފިއެވެ.

މަޑުމަޑުން މާހިރާ އާ ދިމާލަށް ފިޔަވަޅު އަލަމުން ދިޔަ އިބާ ގެ މޫނުމަތިން ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. ދެންމެ މިތަނުގެ އެތެރޭގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން މާހިރާއަށް ކުރާނީ ކޮންފަދަ އަސަރެއްކަމެއް ނޭނގެއެވެ. ހާލަތު އިތުރަށް ގޯސްވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ހުދު އިބާއެވެ. ނަވީން އޭނާއަށް ދުވަހަކު މާފެއްނުކުރާނެއެވެ. އެ ހުރިހާކަމެއް މެދުވެރިވާން ޖެހުނީ އޭނާގެ ސަބަބުންނެވެ. އެހިޔާލުން އެކަނިވެސް އިބާގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ހަމަގައިމުވެސް ނަވީން އާއި މެދު މިހާރު އެ ހިތުގައިވެސް އިޙްސާސްތަކެއް އެބަވެއެވެ. ހިތް ބިރުގަންނަނީ އެހާ ވަރަށެވެ. އޭނާގެ ސަބަބުން ނަވީން ފަދަ މާތް ޒުވާނަކަށް ގެއްލުމެއް ވާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. އޭނާއަށް އޮތް ގޮތަކީ ހިތުގައި އޮތް އިޙްސާސްތައް ފޮރުވާލުންހެއްޔެވެ؟ ނޫނީ ކެރިގެން ކުރިމަތި ލުންހެއްޔެވެ؟ ތިމާއަކީ ނިކަމެތި މީހެއްކަމަށް ގަބޫލުކޮށް ތިމާގެ ހައްގުތަކަށް އެހެން މީހަކު އަރައިގަންނަމުން ދާތަން ބަލަން ހަނު ހުރުމަކީ ހައްލުހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. މި ސުވާލުތަކުގެ ޖަވާބު ލިބޭތޯ އިބާ އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.

މާހިރާ ގާތަށް ގޮސް މާހިރާއާއި އެއްހަމައެއްގައި ދެކަކޫ ޖައްސާލަމުން އިށީން އިބާ މާހިރާގެ އަތުގައި ހިފައްޓާލިއެވެ. އެ އަތުގައި ހުރި މަޑު ތުރު ތުރު އެޅުމުގެ ސަބަބުން އެކަނިވެސް މާހިރާއަށް ކޮށްފައިވާ އަސަރު އިބާ ދެނެގަތެވެ. ހަމަގައިމުވެސް މިއަދުގެ ހާދިސާގެ ސަބަބުން މާހިރާގެ ހާލަތު ގޯސްވާނެއެވެ. މާހިރާ އިބާއަށް ބަލާލުމަށްފަހު އަނެއްކާވެސް އިސްޖަހާލީއެވެ. އަލޫކް ފެނިގެން ތެޅިގަތް ގޮތަށް މިފަހަރު މާހިރާ ތެޅިއެއްނުގަތެވެ.

އިބާ އެހެން އިންދާ ދޮރުފަތް ބާރަކަށް ހުޅުވާލާފައި ނަވީން ވަނެވެ. އޭނާ ވަށައިގެން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ގޮނޑިއެއް ވެއްޓިފައި އޮތް ތަން ފެނުނެވެ. އެނޫނީ ގޭތެރެއަށް އެއްވެސް ވަރަކަށް ގެއްލުމެއް ލިބިފައެއް ނެތެވެ. އޭނާގެ ލޮލުގައި މާހިރާ އާއި އިބާ އަޅައިގަތުމާއެކު އަވަސް އަވަހަށް އޭނާ އެދިމާލަށް މިސްރާބުޖެހީ އަވަސް ނަޒަރެއް އަލޫކްއަށް ވެސް ދިނުމަށް ފަހުއެވެ.

"މަންމާ..." މާހިރާއާއި ދާދި ގާތުގައި އިށީނދެފައި ނަވީން ގޮވާލިއެވެ. އޭނާމާހިރާގެ އަތުގައި އަތް ޖައްސާލިއެވެ. ނަވީން ފެނިގެން މާހިރާ އަމިއްލައަށް ނަވީންގެ އަތުގައި ހިފެއްޓިއެވެ. މާހިރާގެ ފަރާތުން އެ އަމަލު ފެނުމުން ނަވީންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވާން އުޅުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި މާހިރާގެ ދެލޮލުން ވެއްޓުނު ކަރުނަތިކީގެ ސަބަބުން ނަވީންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މާހިރާ ގެ އަތުގައި ހިފާ ކޮޅަށް ނަގަމުން އޭނާ މާހިރާ ގެނެސް ސޯފާގައި ބޭންދިއެވެ.

"މަންމާ... ރިލެކްސް..." ޓައިލްސް ތަކު މަތީގައި ކަކޫ ޖައްސާލަމުން ނަވީން މާހިރާގެ ދެލޮލަށް ބަލާލިއެވެ. މަންމެ ހިންހަމަ ޖައްސުވާދެވޭތޯ އެތައް މަސައްކަތެއް ނަވީން ކުރިއެވެ.

"މަންމަގެ ދަރިފުޅު މިއިނީ އައިހޭ... ކިހިނެތްތަވީ؟... ދެން ހާސްނުވޭ... އައި އެމް ހިޔަރ ނައު" ނަވީން މަޑުމަޑުން ވާހަކަ ދެއްކިއެވެ. އެ އަޑުއަހަން ހުރި އަލޫކް ދެބުމަ ގާތް ކޮށްލިއެވެ. އަލޫކް އެމީހާ އާއި ވާހަކަ ދައްކާއިރު މަންމައޭ ކިޔައިގެން ވާހަކަ ދައްކާތީ އޭނާ ވިސްނާލިއެވެ. ޔަގީނުންވެސް އިބާ އަކީ ދޮންބެ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. އެ އަންހެން މީހާ ވާނީ އިބާގެ މަންމައަށެވެ. ދޮންބެ އެހެން އެ ވާހަކަ ދައްކަނީ އެހެން ވީމައެވެ. އެހެންނަމަވެސް އިބާގެ މަންމައާއި އިބާއަށް ވުރެ ނަވީން ގާތްވާންވީ ސަބަބެއް އަލޫކްއަކަށް ވިސްނައެއް ނުގަނެވުނެވެ.

"އިބާ... " ނަވީން އިބާއަށް ގޮވާލާ މަންމަ ގާތަށް އައުމަށް ބުންޏެވެ. އިބާ އައުމާއެކު ނަވީން އިބާ ގާތު ވީ ގޮތަކާ ބެހޭގޮތުން ސުވާލުކުރިއެވެ.

"އައި އެމް ސޮރީ... އޭނަ...." އިބާ އިސްޖަހާލިއެވެ. ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް އިބާއަކަށް ނޭނގުނެވެ. ވާހަކަ ހުއްޓާލަމުން އިސްޖަހާލީ ކަރުނަތައް ކޯތާފަތް މައްޗަށް ވެރިގެން ހިނގައިދާނެތީއެވެ.

"އޭނަ އެއީ ކާކު؟ އިބާ އާއި ދިމާކުރާ ޒުވާނާ..." ނަވީން އަހާލިއެވެ. އިބާ އެ ހުރި ގޮތަށް ހުރެ މަޑުމަޑުން ބޯޖަހާލީއެވެ.

"އޭނަ އެންމެ ފަހުން މިގެ ވެސް ހޯދީދޯ" ނަވީން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ދެން އުޅުނީ މަންމަ ހަމައަކަށް އަޅުވާށެވެ. ގޭގެ ބެލް ޖަހާލި އަޑާއެކު ނަވީންގެ އެދުމަށް ދޮރު ހުޅުވީ އަލޫކްއެވެ. އަލޫކް ދޮރު ހުޅުވުމާއެކު ޑޮކްޓަރު އެތެރެއަށް ވަނެވެ. ނަވީން އަލޫކްއަށް ބަލާލިއެވެ. އެއަށްފަހު އޭނާ ވާހަކަ ދެއްކިއެވެ.

"އިބާގެ ހާލަތު ބުނީމަ އަހަރެން އިތުރު ޑޮކްޓަކަށްވެސް ގުޅިން... ނާދޭދޯ އަދިވެސް... "

"އާނ" އަލޫކް ކުރު ޖަވާބެއް ދިނެވެ.

ނަވީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އެހެން ވިއްޔާ އަލޫކް އިބާ ގޮވައިގެން ހޮސްޕިޓަލަށް ގޮސްލަދޭން ވީނު..." ނަވީން އެދުނެވެ.

"ނޫން އޯކޭ ވާނެ ނަވީން.. އެހާ ބޮޑުވަރެއް ނުވެޔޭ... ގޭގަވެސް ފަސްޓް އެއިޑް ބޮކްސް ހުންނާނެ... ބޭސް އަޅާލާނީ" އިބާ ބޮލުގައި އަތް ޖައްސާލިއެވެ. އެއަށްފަހު އޭނާ ގޮސް ފަސްޓް އެއިޑްބޮކްސް ހިފައިގެން އައިސް ސޯފާގައި އިށީނެވެ. އިބާއަށް ބަލާލާފައި ނަވީން މަންމަގެ އަތަށް ކުޑަކޮށް ދުލެއް ދިނެވެ. ހަމަ ދިނުމާއެކު މާހިރާ މިފަހަރުވެސް ނަވީންގެ އަތަށް ބާރުކޮށްލިއެވެ.

މާހިރާގެ ހާލަތު ވަޒަންކޮށްފައި އިތުރު ބޭހެއް ލިޔެދީފައި ޑޮކްޓަރު ދިޔައީ ނިދާ އިންޖެކްޝަނެއް މާހިރާގެ ގަޔަށް ޖަހާދީފައެވެ. މާހިރާ ނިދުމާއެކު ނަވީން ވެސް ކޮޓަރިން ނުކުތެވެ. އޭރުވެސް އިބާ ލޯގަނޑު ކޮޅެއް އަތައް ލައިގެން ބޭސް އަޅަން އުޅެއެވެ. އަލޫކްވެސް އެއްވެސް އެއްޗެއް ނުބުނެ ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިނެވެ.

ބިއްލޫރި މޭޒު ސޯފާތަކާ ކައިރިކޮށްލުމާއެކު ނަވީން އިބާގެ އަތުން ލޯގަނޑު ކޮޅު އަތުލިއެވެ. އެއަށްފަހު ބޭސް ފުޅި އަތުލަމުން އޭނާ އިބާގެ ނިތްކުރިމަތި ސާފުކޮށްލަން އުޅުނެވެ. އިބާ އުޅުނީ ނަވީން އާއި ހަތަރު ކަޅި ހަމަ ނުކުރަންވެގެންނެވެ. އޭނާ ވަގުތުން ދުރުބަލާލިއެވެ. ނަވީން އާ އެހާ ގާތުގައި އިންނަންވުމުން އިބާއަށް އުނދަގޫވާގޮތް ވިއެވެ. މޭގައި އުފެދުނު އާދަޔާ ހިލާފް އިޙްސާސްއާއެކު އޭނާ އަށް ހިންދިރުވާލެވުނެވެ. ނަވީން އާއްމުކޮށް ޖަހާ އުޅޭ ސެންޓުގެ ވަސް އޭނާގެ ނޭފަތުގައި ޖެހުމާއެކު ނޭފަތް އެތެރެއަށް ދަމާލެވުނީ ބޭއިޙްތިޔާރުގައެވެ. މިގޭގައި ހެދުން ބަހައްޓާފައި ދާ ފަހަރު އޭނާ ނަވީންގެ އެއްޗެހި ދޮވެފައި ހިއްކަން އަޅުވާއިރުވެސް އެ ވަސް ހުންނާނެއެވެ. އެތައް ދުވަހަކު ގަމީސް ނޭފަތާ ކައިރިކޮށްގެން ވަސް ބަލަން ވެސް ހުރެވެއެވެ.

"އާތް..." ސާފުކޮށްލަން ވެގެން ނަވީން ކަފަކޮޅު ޖައްސާލުމާއެކު އިބާއަށް ދެލޯ މަރާލެވުނެވެ. އަނގައިން ލައްވާލި އަޑާއެކު އޭނާއަށް ތުންފަތުގައި ވެސް ދަތް އަޅާލެވުނެވެ.

"ތަދުވީތަ؟" ނަވީން އަހާލިއެވެ. މަޑުމަޑުން ނިތްކުރި މައްޗަށް ފުމެލުމާއެކު އޭނާ ބޭސް އަޅަން ފެށިއެވެ. އެއާއެކު އިބާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެލޯ މަރާލުމާއެކު އިބާ އަތުން ސޯފާއަށް ބާރުކޮށްލިއެވެ. ބޭސް އަޅާ ނިންމާލާފައި ދެން ނަވީންގެ ނަޒަރު ދަތުރު ކުރީ އިބާގެ ތުންފަތަށެވެ. ތުންފަތް ކައިރީގައި ލޭ ހިކިފައި ހުއްޓެވެ.

އިބާ އޭނާގެ ފައި ދައްކާލީ އެވަގުތެވެ. ފައިތިލައިގެ އެކި ހިސާބުތައް ނޫފައިގަނެފައި ހުއްޓެވެ. އެތަނަށް ނަވީން ތަދުވާތީ ޖަހާ ސްޕްރޭ ޖަހާލިއެވެ. އެއަށްފަހު ދުރަށް ޖެހިލިއެވެ. އޭނާ ދެން ބަލާލީ އަލޫކްއަށެވެ. އަލޫކްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދޭނީ ކިހިނެތްތޯ ނަވީން ވިސްނާލިއެވެ. އައިސް މަޑުމަޑުން ސޯފާގައި އިށީނދެފައި އޭނާ ބޮލުގައި އަތް އަޅާލިއެވެ.

*****

ސިގިރޭޓްގެ ވަހުން އެ ގޭތެރެ ވަނީ އެއްވަސް ވެފައެވެ. ގްރޫޕް ގްރޫޕަށް އެކި ދިމަދިމާލުގައި ތިބި މީހުން ދިޔައީ ދުނިޔެވީ އެކި ކުޅިވަރު ކުޅުމުގައި މަސްއޫލުވަމުންނެވެ. ތާސްބަޔާއި ރާޒުވާ ކުޅެމުން ދިޔައިރު ދިޔާއެއްޗެއް ހުރި ބިއްލޫރި ފުޅިއެއް ކޮންމެ މީހެއްގެ އަތުގައި އޮތެވެ. އެތަނުގައި ހުރި މޭޒެއްގެ ދޮށުގައި ހަތަރު ޒުވާނަކު ކޮންމެވެސް ކަހަލަ ކުނޑިތަކަކުން ވަސްބަލަމުން ދިޔައެވެ. ދެން ތިބި މީހުން ތިބީ ޖުވާގެ ކުޅިވަރުގައި ބައިވެރިވެގެންނެވެ. މުޅިންވެސް ދުނިޔެވީ އުފާތައް ހާސިލް ކުރަން އުޅޭ މަންޒަރެވެ. އުފަލާ މަޖަލުގައި ތިބެ މަސްތުގެ ދުނިޔޭގައި ޢާފިލް ވެފައި ތިބި ނޫކަށި ފުރައިގެ ޒުވާނުންނެވެ. މާތް ﷲ އަށް ބިރުވެތިވުމެއް ނެތެވެ. އާހިރަތް މަތިން ހަނދުމަ ނައްތާލާފައިވާ ފަދައެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއްކަން ނޭނގެނީހެއްޔެވެ؟ ނޫނީ އެމީހުންގެ ނުބައިކަމުން ދިރިއުޅެން ހިޔާރު ކުރިގޮތް ހެއްޔެވެ؟.

"ކަލޭމެން ކައިރީ މަށަށް ބުނެވުނުތަ އޭނާއަށް އަނިޔާ ކުރަން... އޭތް..." ޒައިދުގެ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ. އޭރުވެސް އެގޭތެރޭގައި މިއުޒިކުގެ އަޑު ގުގުމާލާފައި ވެއެވެ. ޒައިދުއާއި އަދިވެސް އިތުރު ދެ ޒުވާނަކު ގެއަށް ވަންނަ ދޮރު ކައިރީގައި މަޑުކޮށްލައިގެން ތިއްބެވެ. އެގޭގެ ދެފަރާތުގައި ހުރީ ހަދަން ފަށާފައިވާ ދެ އިމާރާތަށް ވެފައި ކުރިމަތީގައި ހުރީ ކޮންމެވެސް ބައެއްގެ ގުދަނަކަށް ވުމާއެކު އެމީހުން އެޖަހާ ސަކަރާތް ފެންނާނޭ މީހަކުވެސް އެ ހިސާބަކު ނެތެވެ. އަޑު އިވޭނޭ މީހަކުވެސް މެއެވެ. އެކަކުގެ ގައިގައި ޖަހާ ކޮށްޕާލުމާއެކު ޒައިދު އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"އޭތް ތި އަޑު މަޑުކޮށްބަލަ" އެހެން ޒުވާނަކު ލަވަ ޖަހައިގެން ހުރި ޒުވާނާއަށް އިޝާރާތްކޮށް ތަންކޮޅެއް ބާރަށް ބުނެލި އަޑު އިވުނެވެ. އެއާއެކު ލަވަ ޖަހައިގެން ހުރި ޒުވާނާ އޭނާ އަތުގައި އޮތް ފުޅިން ކޯވަރެއް ދަމާލަމުން އަޑު މަޑުކޮށްލިއެވެ. އެއާއެކު އެންމެންގެ ނަޒަރު ޒައިދުއަށް ހުއްޓުނެވެ. ކޮންމެ މީހަކުވެސް ސުވާލުގެ ނަޒަރަކުން ޒައިދުއަށް ނަޒަރު ހުއްޓާލިއެވެ.

"މަށަށް ބުނެވުނުހޭ ކަލޭ ގާތު އޭނައަށް އަނިޔާ ކުރަން... " ޒައިދު އޭނާގެ ސުވާލު ތަކުރާރުކޮށްލަމުން ކުރިމަތީ ތިބި ދެ ޒުވާނުންގެ ތެރެއިން އެކަކުގެ ގިރުވާނުގައި ހިފިއެވެ. އެއާއެކު އެތަނަށް އާދަޔާ ހިލާފް ހަމަހިމޭންކަމެއް ވެރިވެގެން ދިޔައެވެ.

މަ ބުނީ އޭނައަށް ބިރުދައްކަން...." ޒައިދުގެ އަޑު ބާރުވިއެވެ. އެއާއެކު އެ ފިރިހެން ކުއްޖާ ޒައިދުގެ އަތް އޭނާގެ ގިރުވާނުން ނައްޓާލިއެވެ. ޒައިދު އެ ފިރިހެންކުއްޖާގެ މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެއް އެއްލިއެވެ. އެއާއެކު އެ ފިރިހެން ކުއްޖާވެސް ޒައިދުގެ ގައިގައި ޖެހިއެވެ.

"ޒައިއްޓޭ... ނާއްޓޭ..." އެކަކު ގޮވާލާ ވާހަކަދެއްކިއެވެ.

"ކަލެމެން ދެމީހުން ވެއްޖެއެއްނު ރުޅިމަޑުކުރަން... ޒައިއްޓޭ... ތީތި ކަޑައޭ... އަނިޔާ ކުރިޔަސް އޯކޭ ވޭނެ އެއްނު... އޭނަ އާ ހެދި އަހަރެމެން ތަޅާފޮޅުން ކަޑަ ދޯ"

"ކެލޭ ތީ އަދި ކާކު ވާހަކަދައްކަން" ޒައިދު ހަޅޭއްލަވައިގަތެވެ.

"ކަލޭ ހަމަ ރަނގަޅަށްވެސް އަނެއްކާ އޭނާގެ އިޝްކުގަ ޖެހުނީދޯ...." ޒައިދު ޖެހި ފިރިހެން ކުއްޖާ ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ޒައިދު އެ ފިރިހެން ކުއްޖާގެ ގައިގައި ޖަހަން އަތް މަޅާލިއެވެ. އެހެންނަމަވެސް އެ ދެމެދަށް އެ ގްރޫޕް ކުރިންތަކެއް ވަދެ އެދެމީހުން މައިތިރިކުރިއެވެ.

*****

ތަނަށް ވެރިވެފައިވާ ހަމަހިމޭންކަށް ފޫދުއްވާލާނޭ ގޮތެއް ނޭނގި ނަވީން އިންދާ އަލޫކް ވާހަކަދެއްކިއެވެ.

"ދޮންބޭ... ކޮންމެވެސް އެއްޗެއް ބުނެބަލަ" އަލޫކް ވާހަކަ ދެއްކުމާއެކު ނަވީން ފުންނޭވާއެއްދޫކޮށްލިއެވެ.

އަލޫކްއަށް އެ ހުރިހާ ވާހަކައެއް ކިޔައިދޭނީ ކިހިނެތްކަން ހުދު ނަވީންއަކަށްވެސް ނޭނގެއެވެ. އޭނާ އިނީ ހަމަ ހަޤީގަތުގައި ވެސް ބަސް ހުއްޓިފައެވެ.

"ލޫކް... ދޮންބެ ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭނަން... އެކަމަކު މިވަގުތު ލޫކް އެބަ ޖެހޭ ދޮންބެއަށް ކަމެއް ކޮށްދޭން... އެހަށް އެއްވެސް މީހެއް ކައިރީ އޮޅިގެންވެސް މިހާވަހަކަ ނުބުނައްޗޭ!" ނަވީން އެދުނެވެ.

"ކޮންވާހަކައެއް... ސިއްރު ކޮށދޭންވީ ކޮންކަމެއްތަ ދޮންބޭ... ޔޫ ކެން ޓްރަސްޓް މީ..." އަލޫކް ބުނެލިއެވެ.

"އަހަރެން އަލޫކް ގާތު މި ވާހަކަތައް ކިޔައިދޭނީ ކިހިނެތްތަ؟ އެއީ އަހަރެންގެ މަންމަ ކަމާއި، މަންމަގެ ހާލަތުގެ ޒިންމާ އުފުލަން ޖެހޭނީ އަލޫކްގެ ވެސް ބައްޕަ ކަމާއި، އަހަރެންގެ މަންމަ އެއްލާލުމަށްފަހު އެހެންމީހަކާ ކައިވެނި ކުރީ ބައްޕަކަމާއި، އެ ކައިވެންޏަށް ލިބުނި ދަރިއަކީ ތީ ކަން އަހަރެން ކިހިނެތްތަ ލޫކްއަށް ކިޔައިދޭނީ... އެފަދަ ހިތްވަރެއް އަހަރެންގެ ނެތޭ ލޫކް... ލޫކް އަކީ އަހަރެންނާ އެއްބަފާ ކުއްޖަކަށް ވިޔަސް އެއްބަނޑު އެއްބަފާ މީހަކުވެސް ލޯބިވާ ވަރަށް ވުރެ ބޮޑަށް އަހަރެން ލޫކް ދެކެ ލޯބިވޭ... އެކުވެރިއަކާއި ބޭބެއެއްގެ ހައިސިއްޔަތުން... ކޮންމެ ގޮތެއް ވިޔަސް ލޫކް އަށް މި ވާހަކަތައް ކިޔައިދީގެން އިތުރު ހަމަ ނުޖެހުމެއް އުފައްދާކަށް އަހަރެން ބޭނުމެއް ނުވޭ... ލޫކްގެ ހިތުގެ ހަމަޖެހުން ނަގާލާކަށްވެސް ބޭނުމެއް ނުވޭ... އަހަރެން މި ކުރާ ކޮންމެ ކަމަކީ ރިސްކެއް ނަގައިގެން ކުރާ ކަމެއް. އެތަކެއް ނުރައްކާތަކަކާ ކުރިމަތިލާން އެބަޖެހޭ... ލޫކް މިކަންތަކުގެ ތެރެއަށް ވައްދާކަށް ބޭނުމެއް ނުވޭ... އަހަރެންގެ ފަރާތުން ލޫކްއަށް މި ވާހަކަތައް އަޑު އިވި ގަބޫލު ނުކޮށްފިނަމަ އަހަރެންނާ ލޫކްގެ ގުޅުންއެކީ ހީނަރުވާނެ. އެހެންވާކަށްވެސް އަހަރެން ނޭދެން... " ނަވީން އެތަކެއް ވާހަކައެއް ދެއްކިއެވެ. ހިތުންނެވެ. ދުލާ ހިސާބަށް އެންމެ ލަފްޒެއްވެސް ނަޔެވެ.

"އެއީ އިބާގެ މަންމަތަ؟ އިބާ އަކީ ދޮންބެގެ ގާރލް ފްރެންޑްތަ؟" އަލޫކް އިބާއަށް ބަލާލާ ސުވާލުކޮށްލިއެވެ. އިބާ ދެލޯ ބޮޑުކޮށްލިއެވެ. އޭނާއަށް ބަލާލެވުނީ ނަވީން އަށެވެ. ނަވީންގެ މޫނުމަތިން އެއްޗެއް ދޭހަވޭތޯ އިބާ މަސައްކަތް ކުރިނަމަވެސް އެ މޫނުމަތިން އޭނާއަށް ފެނުނީ ހުސްކަމެވެ. އެހެންވެ ދޭނެ ޖަވާބެއް ނޭނގި އިބާ އިނީއެވެ. ތަނަށް އަނެއްކާވެސް ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެވެ.

"ދޮންބޭ... ކޮންމެވެސް ޖަވާބެއް ދީބަލަ" އަލޫކްގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.

ނަވީން ސޯފާއިން ތެދުވިއެވެ. އެއާއެކު އަލޫކްވެސް ތެދުވިއެވެ.

"ޔޫ ކޭން ޓްރަސްމީ ދޮންބޭ... އެއްފަހަރުވެސް އިތުބާރު ކޮށްފަ ބުނެބަލަ... ބައްޕަ ނުގަބޫލު ވެދާނެތީތަ ދޮންބެ މި ވާހަކަ ނުބުނަން ތިއުޅެނީ... ސިއްރު ކޮށްދެވޭނީ އޭރުންދޯ" އަލޫކް ނަވީންގެ ކުރިމައްޗަށް އެރިއެވެ.

(ނުނިމޭ...)

https://sun.mv/124009

comment ކޮމެންޓް