ޔާމީންގެ މަރު: ދިފްރާން އާއި ޝިފާޒްގެ ވީޑިއޯ ރިޕޯޓާ ބެހޭ ގޮތުން ސުވާލުކޮށްފި

ޔާމިން ރަޝީދު: ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހިކޮށްދިނުމުގެ ޒިންމާ ދައުލަތުގެ ބޮލުގައި އެޅިފައިވާކަން އދ. އިން ހަނދާކޮށްދީފައިވޭ--

ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ ކުރާ މީހުން ދެނެގަތުމަށް ވީޑިއޯ އެނަލިސިސް ރިޕޯޓުތަކެއް ހެދި ފުލުހަށް ދިފާއީ ވަކީލުން އަނެއްކާ ވެސް ސުވާލުތަލެއް ކުރިމަތި ކުރުވައިފި އެވެ.

ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައި ވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ރަޝީދު ހުސެއިންއެވެ.

މި މީހުން ދެނެގަތުމަށް ވީޑިއޯ އެނަލިސިސް ރިޕޯޓު ހެދީ ފުލުހުންގެ އޮފިސަރެއް ކަމަށްވާ އާދަމް މުހައްމަދު އެވެ. މީގެ ތެރެއިން އިސްމާއިލް ރަޝީދާއި އަހުމަދު ޒިހާން އިސްމާއީލާއި އިސްމާއީލް ހައިޝަމް ރަޝީދާ ގުޅޭ ރިޕޯޓާ ބެހޭ ގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ސުވާލުކޮށްފަ އެވެ.

އާދަމް ވިދާޅުވީ ގޮތުގައި، ވީޑިއޯ އެނަލިސިސް ރިޕޯޓުތައް ހަދާފައި ވަނީ މީހުން ދެނެގަންނަން ހާއްސަ ސޮފްޓްވެއާއެއް ކަމަށްވާ އެމްޕެޑް ފައިވް ބޭނުންކޮށްގެންނެވެ. އެ ރިޕޯޓު ހަދަނީ ވީޑިއޯއިން ފެންނަ މީހަކީ ވަކި މީހެއް ކަމަށް އައިއޯއަށް ތުހުމަތު ކުރެވިގެން އެކަން ކަށަވަރު ކުރުމަށް ވީޑިއޯ ރިޕޯޓު ހަދަން އެދުމުން ކަމަށް އާދަމް ވިދާޅުވި އެވެ. އަދި ވީޑިއޯއިން ފެންނަ މީހުންނަކީ ތުހުމަތު ކުރެވޭ މީހުންކަން ކަނޑައަޅަނީ އޭނާގެ އަމިއްލަ ރައުޔުން ކަމަށް އާދަމް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ މުހައްމަދު ދިފްރާން އާއި ހަސަން ޝިފާޒް ދެނެގަތުމަށް ހެދި ވީޑިއޯ އެނަލިސިސް ރިޕޯޓުތަކާ ބެހޭ ގޮތުން އާދަމް މުހައްމަދުއާ ސުވާލުކޮށްފަ އެވެ.

އެންމެ ފުރަތަމަ ދިފްރާންގެ ވީޑިއޯ އެނަލިސިސް ރިޕޯޓުގައި ވީޑިއޯ އެންހޭންސް ކުރާ ވާހަކަ އޮތުމުން، އެއީ އެނަލައިޒް ކުރުމާ ތަފާތު ކަމެއްކަން ފާހަގަކޮށް އެ އަމާޒަށް ދިފްރާންގެ ވަކީލު ސުވާލު ކުރެއްވި އެވެ. އާދަމް ވިދާޅުވީ، އެންހޭންސް ކުރުމަކީ ވީޑިއޯ އެނަލިސިސްގެ ބައެއް ކަމަށެވެ. އޭގެ އިތުރުން ވީޑިއޯ އެނަލިސިސް ރިޕޯޓުގައި ދިފްރާންގެ ފަސް ސިފަ ދިމާ ކަމަށް ބުނެފައިވާ އިރު، ރާއްޖޭގައި އެފަދަ ސިފަތައް ހުންނަ އެތައް މީހުންތިބޭކަން ދިފްރާންގެ ވަކީލު ފާހަގަ ކުރެއްވި އެވެ.

އާދަމް ވިދާޅުވީ، އެ ސިފަތައް ދިފްރާންއާ ދިމާވާކަން ޔަގީން ކަމަށެވެ. މީގެ އިތުރުން، ވީޑިއޯ އެނަލިސިސް ރިޕޯޓު ހަދަން ފޮނުވަނީ އައިއޯ ވަކި މީހަކަށް ތުހުމަތު ކުރާތީކަން ފާހަގަކޮށް، އެކަން ރިޕޯޓުން ކަށަވަރުވާ އިރު އެ ރިޕޯޓު އެކުލަވާލީ "ކޮގްނެޓިވް ބަޔަސް"އިން އެކަހެރިވެގެންކަން ކަށަވަރު ކުރަނީ ކިހިނެއްތޯ ވެސް ދިފާއީ ވަކީލު ސުވާލު ކުރެއްވި އެވެ.

ޝިފާޒްގެ ވަކީލު މައިގަނޑުގޮތެއްގައި ސުވާލު ކުރީ ވީޑިއޯއިން ފެންނަނީ ޝިފާޒްކަން ޔަގީން ވަނީ ކިހާވަރަކަށް ކަމާ މެދު އެވެ. އެގޮތުން، ސޮފްޓްވެއާއެއް ބޭނުންކޮށްގެން މީހަކު ދެނެގަންނަ ނަމަ އެ މީހަކާ ދިމާވަނީ ކިތައް ޕަސެންޓުތޯ ދެނެގަނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ބަލާ ނަމަ ޝިފާޒްގެ ސިފަތަކާއި ވީޑިއޯއިން ފެންނަ މީހާއާ ދިމާވަނީ ކިހާ މިންވަރަކަށްތޯ ވަކީލު ސުވާލު ކުރެއްވި އެވެ. އެކަމަކު، ޕަސެންޓުން އާދަމްއަށް ޖަވާބެއް ނުދެވެނެވެ. އޭނާ ވިދާޅުވީ، ނިންމުންތައް ނިންމީ އަމިއްލަ ފަންނީ ތަޖުރިބާއިން ކަމަށެވެ. އެކަމަކު، ސޮފްޓްވެއާއިން ވަކި ޕަސެންޓެއް ނުބުނެވޭ ނަމަވެސް ވީޑިއޯއިން ފެންނަ މީހާ ޝިފާޒްއާ 100 ޕަސެންޓު ދިމާވާ ކަމަށް ސުވާލަށް ޖަވާބު ދެއްވަމުން އާދަމް ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ހުރިހާ އެންމެނާ ގުޅޭ ވީޑިއޯ އެނަލިސިސް ރިޕޯޓަކާ ގުޅިގެން ހެކިބަސް ނަގަން ވެސް ދައުލަތުން މަސައްކަތް ކުރިއެވެ. އެކަމަކު، ބައެއް ވަކީލުން ވަނީ އެފަދަ ރިޕޯޓެއްގެ މައުލޫމާތު ނުލިބޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ރިޕޯޓުގައިވާ ކަންކަން ދައުވާ ލިބޭ މީހުންނާ ވަކި ވަކިން ގުޅޭ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން ދައުލަތުގެ ވަކީލުންނަށް ޖަވާބު ނުދެވުނެވެ.

ފަހުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ރިޕޯޓު ޝިފާޒް އާއި ދިރްރާންއާ ދެކޮޅަށް ހުށަޅަން ބޭނުންވާ ކަމަށެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ހުރިހާ އެންމެނާ ގުޅޭ ގޮތުން ހުށަހަޅަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ދިފާއީ ވަކީލުން ވަނީ ދައުލަތުން ސްޓޭންޑު ބަދަލު ކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ރިޕޯޓާ ބެހޭ ގޮތުން ހުރި އޮޅުންތައް ފިލުވުމަށް ފަހު އެހެން އަޑުއެހުމެއްގައި އެއާ ބެހޭ ގޮތުން ސުވާލު ކުރަން ފުރުސަތަކަށް ދައުލަތުން އެދުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ މި މަހުގެ 17 ވަނަ ދުވަހު ދެން އޮންނަ އަޑުއެހުން އޮންނާނެކަން އެންގުމަށް ފަހު އެވެ.

comment ކޮމެންޓް