ހާލެއް ދިން ހަމަލާއަކުން އޮސްޓްރޭލިއާގެ 76 އަހަރުގެ އަންހެނަކު މަރުވެއްޖެ

އޮސްޓްރޭލިއާގައި ހާލެއް ދިން ހަމަލާއެއްގެ ސަބަބުން އަންހެނެއް ވަނީ މަރުވެފަ -- ފޮޓޯ: ގެޓީ

އޮސްޓްރޭލިއާގެ 76 އަހަރުގެ އަންހެނަކަށް ހާލެއް ދިން ހަމަލާއަކާ ގުޅިގެން، އޭނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

ފޮރެންސިކް ސައިންސް، މެޑިސިން އެންޑް ޕެތޮލޮޖީ ކިޔާ ޖާނަލްއެއްގައިވާ ގޮތުން އެ އަންހެން މީހާގެ ވާތު ފައިގައި އެ ހާ ކޮށްޖެހީ، ކުކުޅު ކޮށިން ބިސް ނަގަން އުޅެނިކޮށެވެ. އަދި އެ ހާ ކޮށްޖެހުމުން އަންހެން މީހާގެ ފައިގައި ހުރި ދުޅަވެފައިވާ ލޭ ހޮޅިއެއް ފަޅައިގެން ގޮސް، ލޭ މަނާ ނުކުރެވިގެން މަރުވީ އެވެ.

އެޖާނަލްގައިވާ ގޮތުން އެހާދިސާ ހިނގީ ހާ ދިން ހަމަލާއަށް ވުރެ ބޮޑަށް، އަންހެން މީހާގެ މާ ކުރިން ވެސް ހުރި ސިއްހީ މައްސަލަތަކުގެ ސަބަބުންނެވެ. އެގޮތުން އެ އަންހެން މީހާގެ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި ކޮލެސްޓްރޯލް މައްޗަށް ދިޔުމާއި ހަކުރު މައްޗަށް ދިޔުމާއި ލޭ ހޮޅިތައް ދުޅަވުމުގެ މައްސަލަ ހުންނަ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެ އަންހެން މީހާގެ މަރުގެ ދިރާސާގައި ބައިވެރިވި ޕްރޮފެސާ ރޮޖާ ބިޔާޑް ވިދާޅުވި ގޮތުގައި އެފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް ޓަކައި ގޭގައި ގެންގުޅޭ އޮޅު ޖަނަވާރުތައް ގެންގުޅޭ އިރުވެސް ބަލައިގެން އުޅުމާއި ލޭ ހޮޅި ދުޅަވުން ފަދަ މައްސަލަތަކަށް އަވަހަށް ފަރުވާ ހޯދުން މުހިއްމެވެ. އަދި ހާލެއް ދޭ ހަމަލާގެ ސަބަބުން މީހަކު މަރުވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަންވެސް ޕްރޮފެސަރު ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް