އިންޑިއާ ބޮލީވުޑް އަށް ވުރެ ކޭޕޮޕް މިއުޒިކް އަޑުއަހާ މީހުން ގިނަވަނީ!

ކޭޕޮޕް ބޭންޑް ބީޓީއެސް - ބީޓީއެސް އަކީ އިންޑިއާގައި އެންމެ ގިނައަށް ސްޓްރީމް ކުރާ އާޓިސްޓުންގެ ތެރޭގައި ހިމެނޭ ބޭންޑެއް --- ފޮޓޯ : ބިލްބޯޑް

އިންޑިއާގައި މީހުން ބޮލީވުޑް ލަވަތަކަށް ވުރެ ކޮރެއަން ޕޮޕް ނުވަތަ ކޭޕޮޕް ލަވަތައް އަޑުއަހާ މީހުން ގިނަވަމުންދާ ކަމަށް ތާފާސްހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު މިއުޒިކް ސްޓްރީމިން ސާވިސް ކަމަށްވާ "ސްޕޮޓިފައި" އިންޑިއާގައި ލޯންޗުކުރުމަށް ހަ މަސް ފުރުމުގެ މުނާސަބަތުގައި ވަނީ އެ ޕްލެޓްފޯމުގެ އިންޑިއާގެ ތަފާސްހިސާބު އާންމުކޮށްފަ އެވެ.

ސްޕޮޓިފައި އިންޑިއާގައި އެންމެ މަގުބޫލު ފަސް އާޓިސްޓުންގެ ތެރޭގައި ކޭޕޮޕް ބޭންޑް "ބީޓީއެސް" ހިމެނޭ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. ލިސްޓުގެ ފުރަތަމަ ހަތަރު ވަނައިގައި ހިމެނެނީ ހޮލީވުޑް ފަންނާނުންނެވެ.

ސްޕޮޓިފައިގެ އިތުރުން ވެސް އިންޑިއާގައި ތަފާތު މިއުޒިކް ސްޓްރީމިން ސާވިސް ބޭނުންކުރެ އެވެ. އޭގެތެރޭގައި އިންޑިއާގެ ސްޓްރީމިން ސާވިސްތައް ކަމަށްވާ "ޖިއޯ ސާވަން" އާއި "ގާނާ" އަދި "ހަންގާމާ" ހިމެނެ އެވެ.

އިންޑިއާގެ ސްޓްރީމިން ސާވިސް ޖިއޯ ސާވަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވެސް އިންޑިއާގައި ބޮލީވުޑް ލަވަތައް އަޑުއަހާ މީހުންގެ އަދަދު ދަނީ ދަށަށެވެ.

ޖިއޯ ސާވަންގެ ތަފާސްހިސާބުން ދައްކާގޮތުގައި 2016 ވަނަ އަހަރުގައި އެ ޕްލެޓްފޯމް ބޭނުންކޮށްގެން ބޮލީވުޑް ލަވަ އަޑުއަހާ ފަރާތްތަކުގެ އަދަދީ 70 ޕަސެންޓެވެ. ނަމަވެސް އެ އަދަދު ވަނީ މިހާރު 50 ޕަސެންޓަށް ވެއްޓިފައި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. ޖިއޯ ސާވަން އިން ދައްކާގޮތުގައި ވެސް ކޭޕޮޕް ލަވަ އަޑުއަހާ މީހުން ދަނީ ގިނަވަމުންނެވެ.

comment ކޮމެންޓް