ޝީރީން މަރާލިކަމަށް ތުހުމަތުވާ ނަޖާހު ދޫކޮށްލައިފި

ޝީރީން މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ނަޖާހު: އޭނާ މިހާރު ވަނީ ދޫވެފައި ---

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މީގެ ނުވަ އަހަރު ކުރިން މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ތުހުމަތުވާ އޭނާގެ އޭރުގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު، ތުޑިވިލާ، ލ. ގަން ދޫވެއްޖެ އެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ، 2009 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭގަ އެވެ. އޭގެ ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ނަޖާހު މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފަ އެވެ. ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

https://sun.mv/55455

މިއަދު އިސްތިއުނާފުގެ އަޑުއެހުމެއް ބޭއްވި އިރު، އެ އަޑު އެހުމަށް ނަޖާހު ހާޒިރެއް ނުވެ އެވެ. މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު، މުހައްމަދު ނިޔާޒު ވިދާޅުވީ، ނަޖާހު މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށް ބުނެ، މިދިޔަ އާދިއްތަ ދުވަހު ކަރެކްޝަންސް އިން ހައި ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އޭނާ ދޫކޮށްލާފައިވަނީ މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކަމަށް ކަރެކްޝަންސްގެ ސިޓީގެ ބުނެފައިވާ ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ. ނަޖާހު ދޫވީ އޭނާ ތަންފީޒު ކުރަމުން އައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްވާފައިވާ ޖަލު ހުކުމަކަށް މާފު ދިނުމުން އެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަކީ، ޖިނާއީ ކުށްތަކުގައި ހުކުމް ކޮށްފައިވާ، އަދި އިސްތިއުނާފު ކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ އަދަބުތަކަށް ލުއި ދޭނެ ނުވަތަ މައާފު ދެވޭނެ ގޮތްތައް ބަޔާން ކުރާ ގާނޫނެވެ.

ނަޖާހުއަށް މާފް ދިން އެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވަކި ހާލަތްތަކެއްގައި ކުށްތަކަށް މައާފު ދިނުން ނުވަތަ އަދަބަށް ލުއިދެވޭނެ އެވެ.

29 ވަނަ މާއްދާގައި ބަޔާންކޮށްގައިވާ ހާލަތްތައް:

  • ގާނޫނު އަސާސީ ތަސްދީގު ކޮށްފައިވާ އޮގަސްޓް 7، 2008 ގެ ކުރިން ޖިނާއީ އެކިއެކި ކުށްކުށުގައި ކޮށްފައިވާ ހުކުމްތަކަށް ވަކި ހާއްސަ ގިންތިއަކަށް ފެތޭ ހާލަތްތަކުގައި ކޮށްފައިވާ ހުކުމްތައް މާފު ދިނުމުގެ އިހްތިޔާރު،
  • ހުކުމެއް ނުވަތަ ހުކުމްތަކެއް މުއްދަތަކީ، 25 އަހަރަށްވުރެ ދިގު މުއްދަތަކަށްވެފައި، އެ ހުކުމް ނުވަތަ އެހުކުމްތައް ތަންފީޒުކުރުމުގައި 25 އަހަރު ޖަލުގެ ބަންދުގައި ހޭދައްކޮށްފައިވާނަމަ، ހުކުމް ތަންފީޒު ކުރާ މީހާގެ އުޅުމަށާއި، ސިއްހަތަށާއި، ވަގުތާއި ހާލަތަށް ބަލައި މާފު ދިނުމުގެ އިހްތިޔާރު.
  • ޖިނާއީ ކުށުގެ ހުކުމް އިއްވާފައިވާ މީހެއްގެ އުމުރަށް ބަލައި ނުވަތަ އޭނާގެ ހުރި ބައްޔަކަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި މާފު ދިނުމުގެ އިހްތިޔާރު.

"ސަން" އަށް އެނގިފައިވާ ގޮތުގައި ނަޖާހު ދޫކޮށްލާފައިވަނީ، މިދިޔަ މެއި މަސް ތެރޭގަ އެވެ. އޭނާ ދޫކޮށްލި އިރު، އޭނާ ގެންދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2012 ވަނަ އަހަރު އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ހުކުމް ތަންފީޒު ކުރަމުންނެވެ. އޭގެ ކުރިން އޭނާ ވަނީ 2002 ވަނަ އަހަރު އިއްވި ވައްކަމުގެ މައްސަލައެއްގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކޮށްފަ އެވެ. އަދި އެފަހުން 2007 ވަނަ އަހަރު ވައްކަމުގެ އެހެން މައްސަލައެއްގައި ތިން އަހަރުގެ ހުކުމެއް އައެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ސާފެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން" އަށް ވިދާޅުވީ، ރައީސް ސޯލިހު ނަޖާހުއަށް މާފު ދީފައިވަނީ، ގާނޫނީ އިމުގެތެރެއިން މާފު ދިނުމަށް އޭނާ ޝަރުތު ފުރިހަމަވާތީ ކަމަށެވެ. އޭނާގެ މައްޗަށް އައިސްފައިވާ ދެ ހުކުމަކީ، ކުރީގެ ގާނޫނުތަކުން އައިސްފައިވާ ހުކުމްތަކެއް ކަމަށް ހޫދު ވިދާޅުވި އެވެ.

"މިހާރު ގާނޫނުލް އުގޫބާތުން އޭނައަށް [ނަޖާހުއަށް] އެވަރުގެ ޓާމެއް ސާވް [ތަންފީޒު] ކުރާކަށް ނުޖެހޭނެ. ދެން ބަލަނީ އޭނާ ސާވް ކުރީ ކިހާވަރަކަށްތޯ، އޭނަ އެބައޮތް ހަ އަހަރު ތަންފީޒުކޮށްފައި. އެއީ މިހާރުގެ ގާނޫނުލް އުގޫބާތުން އޭނަ ސާވް ކުރާނެ މިންވަރު. އެހެންވެ އޭނަ އެލިޖިބަލް ވަނީ އެއަށް [މާފު ދިނުމަށް]،" ހޫދު ވިދާޅުވި އެވެ. "ދެން އޭނާގެ މައްޗަށް [މަރުގެ މައްސަލައިގައި] ކުށް ސާބިތުވެފައި ނެތް އަދި. އެހެން އޮއްވާ އެކަމަށް ރިއާޔަތްކޮށްފައި އޭނައަށް މި ހައްގު ގެއްލުވައެއް ނުލެވޭނެ،"

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ ޑިސެމްބަރު، 20، 2009 އިން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

ޝީރީންއާއި އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ނާޖަހު ---

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމުގައިވާތީ، ޕޯސްޓްމޯޓަމް ހެދުމަށް ލަފާދީފައިވާނެ ކަމަށް ޝީރީން ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ޝީރީންގެ ޕޯސްޓްމޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މިހާރު އަޑުއެހުންތައް ކުރިއަށް ގެންގޮސް ވަނީ ހުކުމް ކުރުމުގެ މަރުހަލާއާ ހަމައަށް އާދެވިފަ އެވެ. ނަމަވެސް މިއަދު ޝަރީއަތުން ސާފު ކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް އަޑުއެހުމެއް ބޭއްވި އެެވެ.

އެ އަޑުއެހުމުގައި ޝަރީއަތުން ނިންމީ، ކްރިމިނަލް ކޯޓުން ޝީރީންގެ ވާރިސުންގެ ތެރޭގައި ހިމެނޭ ހަތަރު ދަރިންގެ ބަޔާން ނަގާފައި ނުވާތީވެ، ވާރިސުން ތިބި ތަނެއް ބެލުމަށެވެ. އަދި އެ ވާރިސުންގެ ބަޔާން ނެގޭތޯ ބަލާނެ ކަމަށް ޝަރީއަތުން މިއަދު ނިންމެވި އެވެ.

https://sun.mv/124167

comment ކޮމެންޓް