ޝީރީންގެ މަރު: ވާރިސުންގެ ގޮތުގައި ދަރިންގެ ބަޔާން ނެގޭތޯ ބަލަނީ

ޝީރީނު އާއި އޭނާގެ ލޯބިވެރިޔާ ނަޖާހު ---

މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައާ ގުޅިގެން ވާރިސުންގެ ގޮތުގައި އޭނާގެ ދަރިންގެ ބަޔާން ނަގަން އެ މީހުން ތިބި ތަނެއް ބަލަން އަންގައިފި އެވެ.

ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރެއިން އެވެ. އެއީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ޝީރީން މަރާލި ކަމުގެ ތުހުމަތުކޮށް ދައުވާ އުފުލީ އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ، އޯޝަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށެވެ.

އެ މައްސަލައިގައި ނަޖާހުއަށް ކުރި ގަސްދުގައި މީހަކު މެރުމުގެ ދައުވާގައި ބުނެފައި ވަނީ މ. ކުރަހާގޭ ތެރޭގައި ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުން ދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ 2015 ވަނަ އަހަރު ނިންމައިފަ އެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިހާރު އަޑުއެހުންތައް ކުރިއަށް ގެންގޮސް ވަނީ ހުކުމް ކުރުމުގެ މަރުހަލާއާ ހަމައަށް ވާސިލުވެފަ އެވެ.

ހައިކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.

އެ މައްސަލަ ހުކުމާ ހަމައަށް ވާސިލުވެފައިވާ އިރު، ޝީރީންގެ ވާރިސުންގެ ގޮތުގައި އޭނާގެ ދަރިންގެ ބަޔާން ނެގުމަށް ދަރިން މިހާރު ތިބި ތަނެއް ބެލުމަށް މި އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ހައިކޯޓުން ވަނީ ޕީޖީއަށް އަންގައިފަ އެވެ. އެ މައުލޫމާތު ޕީޖީއިން ސާފުކޮށްދީފައި ނުވާތީ މިއަދު އެކަންތައް ސާފު ކުރުމަށް ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.

ޝީރީންއަށް ތިން ކައިވެންޏެއްކޮށް ހަތަރު ދަރިން ލިބިފައިވެ އެވެ. އޭގެ ތެރެއިން މިހާރު ދެ ކުދިންނަށް ވަނީ 18 އަހަރުވެފަ އެވެ. އެއް ކުއްޖަކަށް 16 އަހަރު ވެފައިވާ އިރު އަނެއް ކުއްޖާ ވަނީ 2012 ވަނަ އަހަރު ނިޔާވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޖީގެ ވަކީލުން ވިދާޅުވީ، ޝީރީންގެ ދަރިން ތިބި ތަން ހޯދުމަށް 30 އޭޕްރިލްގައި ސިޓީއަކުން ފުލުސް އޮފީހުގައި އެދިފައިވާ ކަމަށެވެ. ޕީޖީއިން މިއަދު އައީ ފުލުހުންގެ އަތުން އެ ކަމާ ގުޅޭ ލިޔުމެއް ހޯދައިގެންނެވެ.

އަޑުއެހުމުގައި ޝަރީއަތުންނާއި ޕީޖީއިން ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި ޝީރީންގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު މިވަގުތު ހުރީ އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ. އޭނާ އަކީ އޯޓިޒަމް ހުންނަ މީހެއް ކަމަށް ޕީޖީއިން ފާހަގަ ކުރި އެވެ. ޝަރީއަތުން ބުނި ގޮތުގައި އޯޓިޒަމް ހުއްޓަސް އެ މީހަކީ ބުއްދި ފިލައި ގޮސްފައިވާ މީހެއް ކަމަށް ހުރިހާ ހާލަތެއްގައި ނުބެލެވޭނެ އެވެ.

ޝީރީންގެ ދެވަނައަށް އެންމެ ދޮށީ ދަރިފުޅަށްވެސް މިހާރު ވަނީ 18 އަހަރުވެފަ އެވެ. އެ ކުއްޖާ އުޅެނީ ލ. ގަމުގަ އެވެ.

ޝީރީންގެ އެހެން ދަރިއަކު މިދިޔަ މަހުގެ ތެރޭގައި ލ. ގަމުގައި ސައިކަލު ދުއްވަނިކޮށް ވަނީ އެކްސިޑެންޓްވެފަ އެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން މިހާރު އޮތީ ސީރިއަސް ހާލަތުގަ އެވެ. އޭނާގެ ކަނދުރާ ބިނދުމުގެ އިތުރުން، އުނަގަނޑުން ތިރި ވަނީ ވާގި ނެތިފަ އެވެ. ސޯޅަ އަހަރުގެ އެ ކުއްޖާ އަކީ ދުނިޔޭގައި ހުރި ޝީރީންގެ އެންމެ ހަނގު ދަރި އެވެ.

ޝީރީންގެ އެންމެ ހަނގު ދަރި ވަނީ 2012 ވަނަ އަހަރު ޅ. ނައިފަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަރުވެފަ އެވެ.

ޝީރީން މަރާލި މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގި އިރު އޭނާގެ އެއްވެސް ދަރިއަކަށް 18 އަހަރު ފުރިފައެއް ނުވެ އެވެ. ވާރިސުންގެ ގޮތުގައި އެ ކުދިންގެ ބަޔާން ނަގާފައި އޭރު ނުވެ އެވެ. އެކަމާ ބެހޭގޮތުން، ފަނޑިޔާރު ނިޔާޒު މިއަދު ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީހެއްގެ ފިރިހެން ދަރިއެއް ހުރެއްޖެ ނަމަ އެންމެ ގާތް ވާރިސަކަށް ވާނީ އެ ފިރިހެން ދަރި އެވެ.

އެކަމަކު، ޝީރީންގެ އާއިލާގެ އެހެން މެމްބަރުންގެ ބަޔާން ކްރިމިނަލް ކޯޓުގައި ވާރިސުންގެ ގޮތުގައި ނަގާފައިވެ އެވެ. ޝީރީންގެ މަންމަގެ ބަޔާނުގައި ބުނެފައި ވަނީ އޭނާގެ މަރަށް ގިސާސް ހިފަން ބޭނުންވާ ކަމަށެވެ. އޭނާގެ ބައްޕަ އެއް ފަހަރު ގިސާސް ހިފަން ބޭނުންވާ ކަމަށް އަދި އަނެއް ފަހަރަކު މަރުގެ ދިޔަ ބޭނުން ކަމަށް ބުނެފައިވެ އެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، ހުރިހާ ވާރިސުން ގިސާސް ހިފަން ބޭނުން ނަމަ ކުށް ކުރި މީހާއަށް އަންނާނީ މަރުގެ ހުކުމެވެ. އެންމެ ވާރިސަކު ނޫނެކޭ ބުނި ނަމަވެސް، 25 އަހަރަށް ޖަލަށްލާނީ އެވެ.

comment ކޮމެންޓް