ކޮމޯލިކާގެ ރޯލުން ދެން ފެންނާނީ ޖޭސްމިން

ޖޭސްމިން ބާސިން --- ފޮޓޯ : ޒީ ނިއުސް

އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ރީބޫޓްގެ ވޭމްޕް ކެރެކްޓާ ކޮމޯލިކާގެ ރޯލަށް ޑެއިލީ ސޯޕް ތަރި ޖޭސްމިން ބާސިން ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮމޯލިކާގެ ރޯލުން ފެނިގެންދާ ހީނާ ހާން އެ ރޯލަށް އެނބުރި ނާންނާނެ ކަން މިހާރު ވަނީ ޝޯގެ ޕްރޮޑަކްޝަނުން ހާމަކޮށްފައެވެ.

ހީނާ ވަނީ ބޮލީވުޑުގައި މަސައްކަތްކުރުމަށްޓަކައި ކަސޯޓީ ދޫކޮށްލާފަ އެވެ.

ކޮމޯލިކާގެ ރޯލަށް ޖޭސްމިން ހަމަޖެއްސުމުގެ މަސައްކަތްކުރިއަށްދާއިރު އޭނާ އަކީ ތަފާތު ސީރީޒްތަކުން ފެނިފައިވާ ފަންނާނެކެވެ. އެގޮތުން ޒީ ޓީވީގެ "ތަޝަން އޭ އިޝްޤް"ގައި އޭނާ ވަނީ ފެނިގެން ގޮސްފައެވެ. ޓީވީ ސީރީޒްގެ އިތުރުން އޭނާއަކީ ދެކުނު އިންޑިއާ ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ.

ޖޭސްމިން އެ ޝޯއަށް އެނބުރި އަންނާނެ ސީދާ ދުވަހެއް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް