ހުރިހާ ކަމެއް ނިންމާފައި މިރޭ ތިބެންވީ ގައުމީ ޓީމާއެކު!

ސެޕްޓެމްބަރ 6، 2016: އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަފާތު އެކި އެކި ވިސްނުންތަކުގެ ސަބަބުން ބައި ބައިވެފައި އޮންނަ ރާއްޖެ އެއްގަލަކަށް އަރަނީ ގައުމީ ރޫހުގައި ގައުމީ ޓީމަށް ކުރާ ސަޕޯޓުންނެވެ. މި އޮތީ އަނެއްކާވެސް އެކަހަލަ ރެއެކެވެ. މިރެއަކީ ކުރަން ހުރި ކަމެއް ވިއްޔާކޮށް ނިންމާލާފައި ގައުމީ ޓީމަށް ވަގުތު ހުސްކުރަން ޖެހޭ ފަދަ ރެއެކެވެ.

މިރެޔަކީ މި ކުޑަ ކުޑަ ރާއްޖެއަށް ބޮޑު ރެޔެކެވެ. ދުނިޔޭގެ ބާރެއްގެ ގޮތުގައި އޮތް ސީނުކަރަޔާ ފުޓްބޯޅައިގެ ދަނޑުގައި ރާއްޖެ ކުރިމަތިލަނީއެވެ. ނެތް ހިއްވަރެއް ވެސް ކަށިން ނެރެގެން ވޯލްޑްކަޕުގެ ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ މިރޭ މޮޅުވުމަކީ ދިވެހީންނަށް ފުޓުބޯޅައިގެ ތާރީހުގައިވެސް ލިބޭނެ އެންމެ ބޮޑު އެއް ޝަރަފަށް ވާނެއެވެ.

ސެޕްޓެމްބަރ 6، 2016: އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން ދުވަހަކުވެސް ރާއްޖެއަށް ބަލިކުރެވިފައި ނުވާ ޗައިނާގެ ޓީމާ ދެކޮޅަށް މިރޭ ރާއްޖެގެ 11 ކުޅުންތެރިން ނުކުންނަ އިރު ބާކީ މިތިބަ ހަތަރު ލައްކައެއްހާ ދިވެހީން ތިބޭނީ އެ ކުޅުންތެރިންގެ ފަހަތުގައިކަން އަންގަދޭން އެބަ ޖެހެ އެވެ. އެ މަންޒަރު އެބަ ދައްކަން ޖެހެއެވެ. ގައުމީ ޓީމަށް އެކަން އިހުސާސްކޮށްދޭން ޖެހެއެވެ.

ރާއްޖެއަށް ފުޓުބޯޅައިގެ އިންގިލާބެއްގެ ތެރެއަށް ވަދެ ފުރަތަމަ ފަހަރަށް ގައުމީ ޓީމެއް އެކުލަވާލެވުނީ 1979 ގައެވެ. ނަމަވެސް އަމިއްލަ ދަނޑެއް ހެދި އެ ދަނޑުގައި ކުޅެން ފެށީ 2000 ވަނަ އަހަރުން ފެށިގެންނެވެ. އެހާތަނުން ނެރެން ފެށި ނަތީޖާތަކަކީ، އަމިއްލަ ދަނޑުގައި ކުޅޭ ކޮންމެ ފަހަރަކު ވެސް ގައުމީ ޓީމަށް ހިތްވަރު ހޯދިދާނެ ފަދަ ނަތީޖާތަކެކެވެ.

ބޮޑެތި ނަތީޖާތަކުން ބޭރު ދުނިޔޭގައި ބަލިވަމުން އައި ރާއްޖެއަށް ހިންދަމާލަން ލިބޭ ފުރުސަތަކީ އަމިއްލަ ގައުމުގައި މިކުޅޭ މެޗުތަކެވެ. ވަރުގަދަ ޓީމުތައް އައިސް ނަތީޖާ ނުނެރެވި ޖެހިލުން ވެފައި ތިބެ ދިވެހި ޓީމާއެކު ކުޅެން ޖެހެނީ ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ، އާދެ، ދިވެހި ސަޕޯޓަރުންގެ ފޯރިގަދަކަމުންނެވެ. އެގޮތުން، 2001 ވަނަ އަހަރު ޗައިނާއިން އަމިއްލަ ދަނޑުގައި ރާއްޖެ ކޮޅަށް 10 ލަނޑު ޖަހާފައި އައިސް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. އެއީ އެ ޓީމުން ވޯލްޑްކަޕުގައިވެސް ވާދަކުރި ފަހަރެވެ.

ނަމަވެސް ފަހަކަށް އައިސް ކުޅިވަރުގެ ތެރެއަށް އެކިއެކި ސިޔާސީ ނުފޫޒުތަކާއި އަދިވެސް އިތުރު ކަންކަން ވަދެ ސަޕޯޓަރުން ދައްކަމުން އައި ނަމޫނާ ސަޕޯޓު ގެއްލެން ފެށި އެވެ. ގަލޮޅު ދަނޑު ފުރި ބާރުވެގެން ޓިކެޓު ނަގަން ދިގު ކިޔޫ ހަދާލި ދުވަސްތައް ހަނދާންނެތި ގަލޮޅު ދަނޑު ހުސްވެ، ވަނީ ހިމޭންވެފައެވެ. އެކަމަކު އެ ދުވަސް މިއަދު މިވަނީ ބަދަލުކުރަން މަޖުބޫރުވެފައެވެ.

ޑިސެމްބަރު 26، 2015؛ އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި ބަނގުލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޓީމު އެދި އެދި އޮތީ ހުރިހާ ދިވެހީންވެސް ޓީމާއެކު ވުމަށެވެ. ޗައިނާއިން މީގެ ކުރިން ޖެހިލުންވުމާ އެކު ރާއްޖެއިން ފުރައިގެން ދިޔަ ގޮތަށް މިފަހަރުވެސް ފިސާރި ފިލާވަޅެއް އެ ޓީމަށް ދޭންޖެހެއެވެ.

ދިވެހި ޓީމަށް މިވަގުތު އެންމެ ބޭނުންވަނީވެސް ހިތްވަރެވެ. އެހެންކަމުން ވެވުނު މިންވަރަކުން ގައުމީ ޓީމަށާއި ކުޅުންތެރިންނަށް މިވަގުތަކީ ހިތްވަރުދޭން ޖެހެއެވެ.

ހާލަތުގެ ގޮތުން ގަލޮޅު ދަނޑަށް މިފަހަރު ބޭނުންވާ ވަރަށް ސަޕޯޓަރުންނަށް ނުވަދެވުނަސް ޓީމާއެކު ތިބިކަން ހާމަކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ޒިންމާއެކެވެ. އެކަން ދިވެހީން ކުރާނެއެވެ. ދިވެހީންނަކީ ދޫކުރާނެ ބައެއް ނޫނެވެ.

"މިއީ ދިވެހީން. އަހަރަމެން ތިބޭނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ގައުމީ ޓީމުގެ ފަހަތުގައި. އެންމެ ތަން ފުކެއް ވެސް ދޫނުކޮށް ޗައިނާއަށް މިއީ ބައެއްކަން އަންގާލާނަން،" ދިވެހި ސަޕޯޓަރަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

comment ކޮމެންޓް