ހާޒިރީން ފުރިހަމަ މާކްސް ލިބުނީ 34 މެމްބަރުންނަށް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން -- ފޮޓޯ/ މަޖިލިސް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ހާޒިރުވެފައި ވަނީ 34 މެމްބަރުން ކަމަށް މަޖިލީހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުރަތަމަ ދައުރުގައި މަޖިލީހުގެ 47 ޖަލްސާއެއް ވަނީ ބާއްވާފަ އެވެ. އެ ހުރިހާ ޖަލްސާއަކަށް ހާޒިރުވެފައި ވަނީ 87 މެމްބަރުންގެ ތެރެއިން 34 މެމްބަރުންނެވެ.

ރަސްމީ ދަތުރެއްގެ ސަބަބުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަތަރު ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ނުވާއިރު ނައިބު ރައީސާ އީވާ އަބްދުﷲ އަށް ވެސް ރަސްމީ ދަތުރެއްގައި ހުންނެވުމުގެ ސަބަބުން އެއް ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މާލެ ސިޓީގެ މެމްބަރުންގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ހާޒިރުވެފައި ނުވަނީ ހަތަރު މެމްބަރުންނެވެ. އެއީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އެވެ.

މެމްބަރު އުޝާމް އަކީ މި ދައުރުގައި ޗުއްޓީއެއް ނެންގެވި ހަމައެކަނި މެމްބަރެވެ. އުޝާމް ވަނީ ތިން ދުވަހުގެ ޗުއްޓީއެއް ނަންގަވައިފަ އެވެ.

މި ދައުރުގައި އެންމެ ގިނައިން ސަލާމް ބުނެފައި ވަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ. ސައުދު ވަނީ ނިމުނު ދައުރުގައި 12 ޖަލްސާއަކަށް ސަލާމް ބުނެފަ އެވެ.

މަޖިލީހުގެ ޖަލްސާތަކަށް ބަލާއިރު، ފުރަތަމަ ދައުރުގެ ހާޒިރީ ވަރަށް ރަނގަޅެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. މަޖިލިސް ޗުއްޓީއަށް ދިޔައީ އެއް ހަފްތާ އިތުރަށް މަސައްކަތް ކޮށްފަ އެވެ.

މިއީ މަޖިލީހުގެ ތާރީހުގައި ވެސް އެންމެ ގިނަ މަސައްކަތް ކުރި ދައުރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެސް ވަނީ މަޖިލީހުގެ ފުރަތަމަ ދައުރާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މި ދައުރުގެ މަސައްކަތްތަކަށް ދެއްވާނީ "ބީ ޕްލަސް"އެއް ކަމަށެވެ.

ފުރަތަމަ ދައުރުގައި ކުރި މަސައްކަތްތައް ނަމްބަރުން:

  • 31 ބިލެއް ހުށަހެޅުނު؛ 14 ބިލެއް ނިމިފައި.
  • 21 ގަރާރެއް ހުށަހެޅުނު؛ 9 ގަރާރެއް ނިމިފައި.
  • 15 މައްސަލައެއް ސަރުކާރުން ހުށަހެޅި؛ 12 މައްސަލައެއް ނިމިފައި.
  • 22 މައްސަލައެއް ރިޔާސަތުން ހުށަހެޅުނު؛ 17 މައްސަލައެއް ނިމިފައި.
  • 9 މައްސަލައެއް މެމްބަރުން ހުށަހެޅި؛ 9 މައްސަލައެއް ނިމިފައި.
  • 39 އެހެނިހެން މައްސަލަތަކުގެ ރިޕޯޓު؛ 35 މައްސަލައެއް ނިމިފައި.
  • 20 ފަހަރަށް މިނިސްޓަރުންނާ ސުވާލުކުރަން އެދުނު؛ 14 ފަހަރު ސުވާލު ކުރެވިިފައި.
ގުޅޭ ޓެގު
comment ކޮމެންޓް