ހާބަރުން ދެ ފުޑްކޯޓެއް ކުއްޔަށް ދެނީ

ފުޑް ކޯޓެއްގައި ބަޔަކު ކެއުމަށް އިންސާފުކުރަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހާބަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ހިދުމަތް ނުދޭ ދެ ޔުނިޓެއް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނީ މި ދެ ފުޑްކޯޓަށް ބިޑަށް ހުޅުވާލުން މިމަހުގެ 18 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އިއްޒުއްދީން މަގާ ވީ ފަޅިން ޔުނިޓް ނަންބަރު 20 އާއި ޔުނިޓް ނަންބަރު 26 އެވެ. އިއްޒުއްދީން މަގާވީ ފަޅިން ޔުނިޓް ނަންބަރު 26 ކުއްޔަށް ދޭން މީގެ ކުރިންވެސް ހުޅުވާލި އެވެ. މި ދެ ފުޑްކޯޓަކީވެސް 960 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ.

ފުޑްކޯޓުތައް ކުއްޔަށް ދޭން ނިންމާފައިވަނީ ބޭސް ރޭޓް، އަކަފޫޓެއް 53 ރުފިޔާގެ މަގުންނެވެ. އެސްޓީއޯ އިން ބުނީ ޕްރޮޕޯޒަލް ހުށަހަޅާއިރު، އަގު ހުށަހަޅަންވާނީ އަކަފޫޓަކަށް އެންމެ ކުޑަ ރޭޓު 53 ރުފިޔާ ނުވަތަ އެއަށްވާ ޑޮލަރުގެ ރޭޓުން ކަމަށެވެ.

ކޮންމެ ފަރާތަކަށްވެ ދެ ޔުނިޓަށް ބިޑް ކުރެވޭނެ ކަމަށާއި ބިޑް ކާމިޔާބު ކުރާތާ ހަތް ދުވަސް ތެރޭ އެކަން އެންގުމުން ތިން މަހުގެ ސެކިޔުރިޓީ ދައްކަން ވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ފުޑް ކޯޓުތައް ކުއްޔަށް ނަގާ ފަރާތްތަކަށް، އެތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެސްޓީއޯގެ ހުއްދަ ލިބިގެން ކަމަށާއި ފުޑްކޯޓުތަކުގައި ބޭނުންކުރާނެ ގޮނޑި މޭޒު ފަދަ ތަކެތި ދޭނީ އެސްޓީއޯ އިން ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ހަލާކުވާ ގޮނޑިމޭޒު ފަދަ ތަކެތި ބަދަކު ކުރުމަށް ކުއްޔަށް ނަގާ ފަރާތުން ދައްކާ ސެކިޔުރިޓީ ފައިސާ ބޭނުން ކުރާނެ ކަމަށްވެސް އެ އިއުލާނުގައި ބުންޏެވެ.

ޔުނިޓު ކުއްޔަށް ދޫކުރާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި ކުއްޔަށް ދޫކުރާތާ އެއް މަސްތެރޭ ހިދުމަތް ފަށަންވާނެ ކަމަށް އެސްޓީއޯގެ އިއުލާނުގައި ވެއެވެ.

comment ކޮމެންޓް