ފެލިދޫ ކައުންސިލުން ބޭނުންވަނީ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް

ރައީސް ސޯލިހު ފެލިދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ވ. ފެލިދޫ ކައުންސިލުން ބޭނުންވާ އެއް ކަމެއްގެ ގޮތުގައި އެ ރަށަށް ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑެއް އޮތުން މުހިންމުމަށް އެކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ދަންނަވައިފި އެވެ.

ފެލިދޫ ކައުންސިލުން ވަނީ އިއްޔެ ރައީސް ސޯލިހާ ބައްދަލު ކުރައްވާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެމްބަރުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ބައެއް ހިދުމަތްތައް ރަނގަޅު ކުރުމާ މެދު މަޝްވަރާކޮށްފަ އެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކުރައްވާފަ އެެވެ.

ފުޓްބޯޅަ ދަނޑެއްގެ އިތުރުން ކައުންސިލުން އެދިފައިވަނީ، ކުނީގެ މައްސަލައަށް ހަލެއް ހޯދައި ދިނުމަށާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާއި ސިއްހީ ދާއިރާއިން ހިދުމަތުގެ ފެންވަރު މަތިކޮށް ހިދުމަތް ފުޅާކުރުމަށެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާ ގުޅޭ ގޮތުންވެސް ކައުންސިލުން ވަނީ ރައީސްއާ މަޝްވަރާ ކުރައްވަފަ އެވެ.

ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހް ވަނީ ފެލިދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރުގެ މަސައްކަތް މި އަހަރު ފެށޭވަރުވާނެ ކަމަށާއި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފައްޓަވައި އަންނަ އަހަރުގެ ތެރޭގައި ނިންމެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާއެކު މީގެ ތެރެއިން ގިނަ ކަންކަން ހައްލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި މިއަހަރުގެ ބަޖެޓްގައި ފެލިދުއަށް ޖުމްލަ 10.29 މިލިއަން ރުފިޔާގެ ހަތަރު މަޝްރޫއު ހިމެނެެވެ.

މިއަހަރު ބަޖެޓްގައި ފެލިދޫގެ މަޝްރޫއުތައް:

  • މަލްޓި ޕާޕަސް ހޯލް - 2 މިލިއަން ރުފިޔާ
  • ސްޕޯޓްސް އިންފްރާސްޓްރަކްޗާއަށް - 92,637 ރުފިޔާ
  • ބަނދަރު ހެދުން - 5.68 މިލިއަން ރުފިޔާ.
  • ފެނާއި ނަރުދަމާ ނިޒާމަށް - 2.5 މިލިއަން ރުފިޔާ

މި ހަތަރު މަޝްރޫއުގެ ތެރެއިން ސްޕޯޓް އިންފްރާސްޓްޗާ ގާއިމު ކުރުމުގެ މަޝްރޫއު ފިޔަވާ ބާކީ ތިން މަޝްރޫއު އަކީ އަލަށް ފަށާ ތިން މަޝްރޫއެވެ. ފެލިދޫގެ އަބާދީ އަކީ، 500 އެއްހާ މީހުންނެވެ.

comment ކޮމެންޓް