އެޕަލްގެ ފޭނުންނަށް މިރެއަކީ ބޮޑު ރެއެއް!

ސެޕްޓެމްބަރު 10 ވަނަ ދުވަހަކީ އެޕަލްގެ ފޭނުންނަށް ބޮޑު ދުވަހެކެވެ. އައިފޯނުގެ އާ މޮޑެލްއެއް އަނެއްކާ ވެސް ބާޒާރަށް ނެރެނީ އެވެ. އެއް އިރެއްގައި ސްމާޓްފޯނުގެ ރަސްގެފާނުގެ ލަގަބު ހިފައިގެން އޮތް އައިފޯނަށް މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ލިބުނީ ފިނި ތަރުހީބެކެވެ.

އަނެއްކާވެސް އެޕަލް މާކެޓުގެ އެއްވަނައަށް އަތުލާނެ ކަމަށް ވަފާތެރިން އުއްމީދު ކޮށްގެން ތިބޭއިރު، އާ ފޯނު ދައްކާލާރޭގައި އެ އުއްމީދުތަކަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ޓެކް ހަބަރުތައްް ގެނެސްދޭ ވެބްސައިޓުތަކުގައި ހުރި ވާހަކަތަކަށް ބަލާއިރު 10 ވަނަ ދުވަހުގެ އިވެންޓުގައި އައިފޯނުގެ އާ މޮޑެލްތައް ދައްކާލުމުގެ އިތުރުން އާ ސޮފްޓްވެއާ އަޕްޑޭޓެއްވެސް އަންނާނެ އެވެ.

އާ އައިފޯނަކީ މިހާރު ބާޒާރުގައި ހުރި އައިފޯނުތަކާ އަޅާ ބަލާއިރު ފާސްޓު ޕްރޮސެސަރެއް ހިމެނޭ، ފޭސް އައިޑީގެ ފީޗަ މިހާރަށްވުރެ ވަރުގަދަ ފޯނަކަށް ވާނެ އެވެ. މިހާރު ބާޒާރުގައި ހުރި އައިފޯނު އެކްސްއެސް، އެކްސް އެސް މެކްސް އަދި އެކްސް އާރުގެ މައްޗަށް ދެން ނެރޭނީ އައިފޯނު 11، 11 ޕްރޯ އަދި 11 ޕްރޯ މެކްސް އެވެ. މިއީ އެޕަލްގެ އެހެން އުފެއްދުންތަކެކޭ އެއްގޮތަށް ހައިއެންޑް ފޯނުތަކެކެވެ.

ކެލިފޯނިއާގެ ކުޕޮޓީނޯގައި ހުންނަ އެޕަލް ކެމްޕަސްގެ ސްޓީވް ޖޮބްސް ތިއޭޓާގައި ބާއްވާ މި ބޮޑު އިވެންޓް ފެށޭނީ މިރޭ ރާއްޖެ ގަޑިން ރޭގަނޑު 10:00ގަ އެވެ.

މި އިވެންޓުގައި އެޕަލް ވޮޗް، މެކްބުކް އަދި އެޕަލް ޓީވީ އާއި ގުޅޭ އާ ވާހަކަތައްވެސް އިވޭނެ ކަމަށް ބެލެވެއެވެ. އެޕަލް ފޭނުން އިންތިޒާރުކުރާ 5ޖީ އައިފޯނުގެ ވާހަކަތައް އިވޭނީ އަންނަ އަހަރު ކަމަށް ބެލެވެ އެވެ.

މި ފަހަރު އައިފޯންގެ ޑިސްޕްލޭ ކުރީ ފޯނުތަކަށްވުރެ ބޮޑުވާނެ އެވެ. އެއީ 6.1 އިންޗިއަށެވެ. އަދި ފޯނުގައި ތިން ކެމެރާވެސް ވަނީ ހިމަނާފަ އެވެ. އައިފޯނު 11 ގެ އަގު އުޅޭނީ 1000 ޑޮލަރުން މަތީގައި ކަމަށް އަޑު ފެތުރިފައިވެ އެވެ.

comment ކޮމެންޓް