ރައްޔިތުންނަށް ލުއި ފަސޭހަކޮށް، ގއ. އަތޮޅު ކައުންސިލުން ލޯންޗު ފެރީ ފަށަނީ

އުތުރު ހުވަދޫ މަހާސިންތާގެ ތެރެއިން ---

ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން، ގއ. އަތޮޅު ކައުންސިލުން ލޯންޗު ފެރީ ފެށުމަށް ނިންމައިފި އެވެ.

ގއ. އަތޮޅު ކައުންސިލުން ވަނީ، އެ އަތޮޅުގެ ނުވަ ރަށް ހިމެނޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް "އުތުރު ހުވަދޫ" މަހާސިންތާއެއް ބާއްވާފަ އެވެ. ގއ. ދާންދޫގައި ބޭއްވި މި މަހާސިންތާގައި ރަށްތަކަށް މިހާރު ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އަތޮޅުގެ ރައްޔިތުންގެ މަސްލަހަތާ ގުޅޭ ބައެއް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފަ އެވެ.

މަހާސިންތާއާ ގުޅޭގޮތުން، ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު މިއަދު "ސަން" އަށް ވިދާޅުވީ، ލޯންޗު ފެރީ ފެށުމައްޓަކައި މަހާސިންތާގައި މަޝްވަރާ ކުރެވި، އަންނަ މަހު ތެެރޭ ލޯންޗު ފެރީ ފެށުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"[މަހާސިންތާގައި] މަޝްވަރާކޮށް އަގުތައް މިހާރު ވަނީ ފައިނަލް ކުރެވިފައި. އެގޮތުން އެއްކޮޅު ދަތުރެއް އުޅެނީ 150 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދު. ދެކޮޅު ދަތުރު އުޅެނީ، 250-500 ރުފިޔާއާ ދެމެދު،" ފުއާދު ވިދާޅުވި އެވެ.

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލަރު ފުއާދު ވާހަކަ ދައްކަވަނީ: ފުއާދު ވިދާޅުވީ، މަހާސިންތާއިން ގިނަ މުހިންމު ނިންމުންތަކެއް ނިންމުނު ކަމަށް ----

ފުއާދު ވިދާޅުވީ، މަޝްރޫއުގެ ފުރަތަމަ ފޭސްގައި ދަތުރުކުރުމަށް ހަމަޖެހިފައިނީ ހަމަ އެކަނި ގއ. އަތޮޅުގެ ރަށްތަކުގެ މެދުގައި ކަމަށާއި ނަމަވެސް ފަހުން ގދ. ތިނަދޫއާ ވެސް ލޯންޗު ފެރީ ގުޅުވާލެވޭނެ ކަމަށެވެ. އަދި މިހާރުވެސް ކައުންސިލްގައި ދެ ލޯންޗު އޮތުުމުން ލޯންޗު ފެރީގެ ހިދުމަތް ފެށުމަކީ، ކުރެވޭނެ ކަމެއް ކަމަށް ފުއާދު ފާހަގަ ކުރެއްވި އެވެ.

"މައިގަނޑު މަގުސަދަކީ، އަތޮޅުގެ ރަށްތަކުގެ މެދުގައި ރަނގަޅު ފެންވަރެއްގެ ދަތުރުފަތުރުގެ ވިއުގައެއް ނެތުމުން ހުރި ދަތިތައް ހައްލުކޮށްދިނުން. ހާއްސަކޮށް، ބޭންކް، ހޮސްޕިޓަލު އަދި އެއާޕޯޓަށް އަންނަ ބޭނުންވާ މީހުންނަށް ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުން،" ފުއާދު ވިދާޅުވި އެވެ. "މިހާރު އޮންނަ ފެރީތަކުން ހެނދުނު ތިނަދުއަށް ދާ ރައްޔިތުމިހާ އަށް ރަށަށް އާދެވެނީ އިރުއޮއްސޭއިރު، ތިނަދޫގައި މަޑުކުރަން ލިބެނީ ބައި ގަނޑިއިރު ނުވަތަ ދޮޅު ގަޑިއިރު. ހޮސްޕިޓަލަށް ގޮސް، ގޮސްޕިޓަލުން ނުނިމެނީސް ފުރަން ޖެހިފައި އޮންނަނީ،"

އޭނާ އަދި ވިދާޅުވީ، ލޯންޗު ފެރީ ތިނަދުއަށް ފެށުމުން ރައްޔިތުންގެ އެތައް ކަމަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މަހާސިންތާގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ވާހަކަ ދައްކަވަނީ ---

މަހާސިންތާގެ ބައިވެރިންނާމެދު މަޝްވަރާކުުރުމަށްފަހު، ފެރީ ބޭއްވުމަށް އަތޮޅު ކައުންސިލުން ތާވަލްކުރުމަށް ނިންމާފައިވަނީީ ހަފްތާގެ ހަތަރު ދުވަހު ކަމަށް ފުއާދު ވިދާޅުވި އެވެ. އެއީ ހޮނިހިރު، ބުރާސްފަރި، އާދިއްތަ އަދި ހޯމަ އެވެ.

މިހާރު ހުވަދުއަތޮޅުގައި ފެރީ ހިދުމަތް ދެމުން އަންނަނީ، އެމްޓީސީސީ އިން އެވެ. ނަމަވެސް ތާވަލްކޮށްގެން ލޯންޗު ފެރީގެ ހިދުމަތް އެ އަތޮޅުގައި އެއްވެސް ބަޔަކު ނުކުރެ އެވެ.

ހައުސިން ޔުނިޓްތައް ބަހަން އެއްބަސްވުމެއް!

މަހާސިންތާ ބޭއްވުމާ ހަމައަށް އައިރު، ގއ. އަތޮޅުގެ ރަށްތަކުގެ މެދުގައި ހިޔާލުތަފާތުވެފައިވާ އެންމެ ބޮޑު އެއް ކަމަކީ، ސަރުކާރުން ދެކުނުގެ އަތޮޅުތަކުގައި އަޅަން ނިންމި 5،000 ހައުސިން ޔުނިޓްގެ ތެރެއިން ގއ. އަށް ހާއްސަކޮށްފައިވަައި 750 ހައުސިން ޔުނިޓް ބަހާނެ ގޮތަކާ މެދު އެވެ. ފުއާދު ވިދާޅުވީ، މިހާރު އެ ހައުސިން ޔުނިޓްތައް ބަހާނެ ގޮތަކާ ރަށްތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"އެންމެން އެއްބަސްވާ ގޮތުގެ މަތިން، ރަށްރަށުގެ ބޮޑު މިނަށާއި އާބަދީގެ ނިސްބަތަށް ބަލައި ހައުސިން ޔުނިޓްތަށް ބަހާލުމަށް މިހާރު ވަނީ އެއްބަސްވެވަފައި. މިއީ ކުރިން އެންމެ ބޮޑު ހިޔާލުތަފާތުވުން އޮތް ކަންތައް،" ފުއާދު ވިދާޅުވި އެވެ.

އެގޮތުން، އަތޮޅުގެ ވެރިކަން ކުރާ ރަށް، ވިލިނގިޔަށް 315 ހައުސިން ޔުނިޓް، ދާންދޫ އަށް 118 ހައުސިން ޔުނިޓް އަދި ގެމަނަފުއްޓަށް 108 ހައުސިން ޔުނިޓް ހާއްސަ ކުރާނެ އެވެ. ބަކީ 201 ހައުސިން ޔުނިޓް ބެހުމަށް ހަމަޖެހިފައިވަނީ، އާބަދީ ކުޑަ ހަ ރަށަށް ކަމަށް ފުއާދު ވިދާޅުވި އެވެ.

އުތުރު ހުވަދޫ މަހާސިންތާގެ ތެރެއިން: އަތޮޅު ކައުންސިލުން ވިލިނގިލީ ކައުންސިލާއެކު އެމްއޯޔޫ ބަދަލުކުރަނީ ---

މަހާސިންތާއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ، މަހާސިންތާގައި އަތޮޅު ކައުންސިލުން އަތޮޅުގައި ހިންގަން ހަމަޖައްސާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ އެމްއޯޔޫ ތަކުގައިވެސް ސޮއިކުރި ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް 200،000 ރުފިޔާގެ މަޝްރޫއު އެއް ހިންގުމަށް 60 ދުވަސް ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މަހާސިންތާގައި ވަނީ، ކައުންސިލަރުންނާއި އަދި އެ ކައުންސިލްތަކުގެ ޒިންމާދާރު ވެރިންނާއި އަންހެނުންގެ ކޮމިޓީގެ އިތުރުން ފުލުހުންވެސް ބައިވެރިވެފަ އެވެ. ބައިވެރިންނަށް އެކި އެކި މައުލޫމަތު ދިނުމުގެ ޝެޝަންތައް ވެސް ވަނީ ނަައިދީފަ އެވެ.

މަހާސިންތާ ޝަރަފްވެރިކޮށްދެއްވީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. މީގެ އިތުރުން މަހާސިންތާގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ އިސްބޭފުޅުންނާއި އޮފިޝަލުން އަދި ބައިނަލްއަގުވާމީ ޖަމިއްޔާއަކުންވެސް ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް