އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، ހަތަރު ބޭފުޅަކު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަނު ކުރައްވައިފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ގ. ވަޑިނޮޅުގެ ފާތިމަތު އަނޫލާއާއި، އައްޑޫ ސިޓީ ހިތަދޫ ނެދުންގެ މަރިޔަމް ޝިއުނާއާއި، ޅ. ހިންނަވަރު ރޯލްގޯލްގެ އާއިޝަތު އަބްދުﷲއާއި ދަފްތަރު ނަންބަރު 3366 އަލީ އަޝްރަފުއެވެ.
އެ ބޭފުޅުންގެ ތެރެއިން ފާތިމަތު އަނޫލާ އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ. އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސިލުކުރައްވައިފައެވެ.
ކޮމިޝަނަށް އައްޔަންކުރެއްވި މަރިޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ. ޝިއުނާ އަންނަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
ކޮމިޝަނަށް އައްޔަން ކުރެއްވި އާއިޝަތު އަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޮޑިޓް އެގްޒެކެޓިވްގެ މަގާމުގައެވެ. އޭނާ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ގައުމީ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީ ހާސިލުކުރައްވައިފައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް މިއަދު އައްޔަންކުރެއްވި އަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރު އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަލީ އަޝްރަފު އަންނަނީ ޔުނިވަސިޓީ އޮފް ވެސްޓަން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ހަތަރު ބޭފުޅުންނާ ވަނީ ހަވާލުކޮށްދެއްވައިފައެވެ.
މިއީ އޭސީސީގެ މެމްބަރުކަމުގެ މަގާމުގެ މުއްދަތު ހަމަވެ، އެ ކޮމިޝަނުން ހުސްވި ހަތަރު މަގާމަށް އައްޔަނުކުރި ހަތަރު ބޭފުޅުންނެވެ.
މީގެ ކުރިން އެ ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި ހަސަން ލުތުފީ އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަނުން ހުސްވި މެމްބަރުގެ މަގާމަށް ވަނީ ބޭފުޅަކު އައްޔަނުކޮށްފައެވެ. އެއީ ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލްއެވެ.