ރިލްވާނުގެ މައްސަލައިގައި މަޖިލީހުން ކުރާ ކަންކަމަށް ރައީސް އެއްޗެއް ވިދާޅުނުވި

ސެންޓެންބަރ 9، 2019: ރައީސް ނޫސްވެރިންނައް ދެއްވި ޕްރެސް ކޮންފަރެންސްގެ ރެތެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތަށް އެއްޗެއް ވިދާޅުނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ތަހުގީގު ރިޕޯޓުގެ ޑްރާފްޓް، އެ ކޮމިޝަނުން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހިއްސާކޮށްފަ އެވެ.

އަދި ނަޝީދު ވަނީ އެ ރިޕޯޓު، ޕީޖީ ލީޑަރުންނާ ހިއްސާކޮށްފަ އެވެ. ޕީޖީ ލީޑަރުންނާ ތަހުގީގު ރިޕޯޓު ހިއްސާ ކުރުމުން، މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނޭގޮތަށް، ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކުރަން ފަށައިފަ އެވެ.

އަދި ފަހުން މައްސަލައިގެ ހުލާސާ ރިޕޯޓު ވަނީ މަޖިލީހުގެ ވެބްސައިޓުގައި ވެސް އާންމުކޮށްފައި ވާއިރު އެ ރިޕޯޓަށް މަޖިލީހުގައި ވަނީ ބަހުސް ވެސް ކޮށްފަ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނުސްވެރިއަކު ވަނީ މަޖިލީހުގައި އެ ރިޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތުން، ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލު ކޮށްފަ އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު ގާނޫނުން ލިބިދީފައިވާ ކަމަށާއި އެހެންކަމުން އެއަށް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.

"ރިޕޯޓާ ގުޅިގެން މަޖިލީހުން ކުރާ މަސައްކަތަށް އަޅުގަނޑު ނެތިން އެއްޗެއް ބުނާކަށް. މަޖިލީހުން ކުރަން ބޭނުން ކަމެއް ކުރުމުގެ ބާރު ގާނޫނުން ލިބިދީފައިވޭ. މިއީ ތިންބާރު ވަކިވެފައި އޮތް ނިޒާމަކަށް ވީތީ. އަޅުގަނޑު ނެތިން މަޖިލީހުގެ މަސައްކަތަށް އެއްޗެއް ބުނާކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިލްވާނުގެ ރިޕޯޓު މަޖިލީހާ ހިއްސާ ކުރުމަށް އެމަނިކުފާނު އިރުޝާދު ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު އެއްވަނަ ދުވަހު ދެވަނަ ޑްރާފްޓް ލިބުމުން މަޝްވަރާ ކުރެވުނީ މީޑިއާ އާއި ރައްޔިތުންނަށް ކޮންމެސް މައުލޫމާތެއް ހާމަކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވީކަންތައް ދެން ނުވާ ކަމަކަށް ނުހެދޭނެ ކަމަށާއި، ނަމަވެސް އެ ރިޕޯޓުގައި ތަހުގީގަށް ހުރަސް އެޅޭ ފަދަ މައުލޫމާތު ހުރުމުން ރިޕޯޓް ލިބުނު ބޭފުޅުން ވެސް އެފަދަ އެއްވެސް މައުލޫމާތެއް ހާމަނުކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އަދި އެމަނިކުފާނަށް ރިޕޯޓު ލިބިވަޑައިގަތުމުން އެއްވެސް ފަރާތަކާ ރިޕޯޓު ހިއްސާނުކުރެއްވީ، މައްސަލައިގެ ފައިނަލް ރިޕޯޓު ވަރަށް އަވަހަށް ނިމޭނެ ކަމަށް ކޮމިޝަނުން މައުލޫމާތު ދީފައި އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ރިޕޯޓާ ގުޅިގެން ދައުލަތުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކާ އެކު އިއްޔެ އެމަނިކުފާނު ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހުރިހާ މުއައްސަސާތައް ގުޅިގެން ވީހާ ވެސް އަވަހަކަށް އެޅުމަށް އެންމެންނަށް އެއްބަސްވެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް