އާންމުކުރި ރިޕޯޓްގައި ތަހުގީގަށް ހުރަސްއެޅޭނެ މައުލޫމާތު އެބަހުރި: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ ރައީސް އޮފީސް

މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އާންމު ކުރި، އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓްގައި ހުރި ބައެއް ކަންކަން އާންމުވެއްޖެ ނަމަ ތަހުގީގަށް ހުރަސް އެޅޭ ކަންތައްތަކެއް ހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިލްވާންގެ ތަހުގީގު ރިޕޯޓު އެއްވެސް ފަރާތަކަށް ހިއްސާކުރަން އެމަނިކުފާނު އިރުޝާދު ދެއްވާފައި ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ރިޔާސި ކޮމިޝަނުން ވަނީ އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަރުވައިފަ އެވެ. އަދި ރައީސް ނަޝީދު ވަނީ އެ ރިޕޯޓު ޕީޖީ ލީޑަރުންނާ ވެސް ހިއްސާކުރައްވައިފަ އެވެ.

މަޖިލިސްއާ ހިއްސާކުރި ރިޕޯޓުގައި ސިއްރު ހެކިންގެ މައުލޫމާތު ވެސް ހުރި އިރު، ސިއްރު ހެކީންގެ މައުލޫމާތު ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެހެންކަމުން އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަން ކޮށްފައި ވަނީ އެންމެ ރަނގަޅަށްތޯ ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ މިހާތަނަށް ވެފައި އޮތް ކަންތައް ނުވާކަމަކަށް ނުހެދޭނެ ކަމަށާއި، އެ ރިޕޯޓުގައި ހިމަނާފައި ހުރި ސިއްރު މައުލޫމާތުތައް ހިފަހައްޓައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މި ޑްރާފްޓް ރިޕޯޓްގައި މި ހުރި ސިއްރުތައް، ކޮންމެހެން ހިފަހައްޓަން ޖެހޭ ކަންތައްތައް ކޮމިޝަނުން އެދިވަޑައިގަންނަވާ ގޮތަށް މިހާތަނަށް ވީކަމެއް ވެފައި އެ އޮތީ. އެއީ ނުވާ ކަމަކަށް ނެތް ދެންނެވޭކަށް. އަޅުގަނޑަކަށް ނެތް ދެންނެވޭކަށް ރިޕޯޓް ވަކި ބަޔަކަށް އާންމުނަކަށް ނުފެނެޔެކޭ. އެބަހުރި. އޭގައި އެބަހުރި އޭގައި ހުރި ބައެއް މައުލޫމާތުތައް އާންމުވެއްޖެ ނަމަ ތަހުގީގަށް ދަތިވާނެ ބައެއް ކަންކަން. އެހެންވީމާ، އެ އެއްޗިހި ހިފެހެއްޓުން ދެންވެސް އެދުމަކީ،" ރައީސް ވިދާޅުވިއެވެ.

އަދި އެ މައުލޫމާތު ހިފަހައްޓައިދީ، ރިލްވާނާއި އޭނާގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރިހާ އެންމެން އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް މިއަދު ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން މަޖިލީހުން ކަންކަން ކުރުމުގެ ގާނޫނީ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާތީ ރިޕޯޓާ ގުޅިގެން މަޖިލީހުން ކުރާ މަސައްކަތަށް އެމަނިކުފާނު އެއްޗެސް ވިދާޅުނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ތަހުގީގު ރިޕޯޓުގެ ހުލާސާ ރިޕޯޓެއް އާންމުކޮށްފައެވެ. އަދި އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވެސް ވަރަށް ފުޅާކޮށް ބަހުސެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް