ވެނިސް ފެސްޓިވަލްގައި އެންމެ ކާމިޔާބު ފިލްމަކީ "ޖޯކަރ"!

ޖޯކަރގެ ޕްރޮމޯ ޕޯސްޓަރެއް --- ފޮޓޯ : އިންޑިޕެންޑެންޓް

ވެނިސްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އެންމެ ޝަރަފުވެރި އެވޯޑު، ޑީސީ ކޮމިކްސްގެ މަޝްހޫރު ކެރެކްޓަރ ކަމަށްވާ "ޖޯކަރ"ގެ އާ ފިލްމަށް ލިބިއްޖެއެވެ.

ހުވާކީން ފީނިކްސް ފެނިގެންދާ ޖޯކަރއަށް ވަނީ ބެލުންތެރިންގެ ވަރަށްބޮޑު މަގުބޫލުކަމެއް ލިބިފައެވެ. އެ ފިލްމުގައި ފީނިކްސްގެ އެކްޓިންއަށް ބެލުންތެރިންގެ ތައުރީފު ވަނީ ލިބިފައެވެ.

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފިލްމު ފެސްޓިވަލްގައި އެންމެ މަތީ ޝަރަފު ލިބިފައިވާ ފިލްމުތަކުގެ ތެރޭގައި ޖޯކަރ ހިމެނިފައިވާއިރު، މީގެ ކުރީން އެ ޝަރަފު ހޮލީވުޑްގެ ފިލްމުތަކަށް ލިބިފައިވަނީ މަދުންނެވެ. އެ ފިލްމުތަކުގެ ތެރޭގައި "ރޯމާ" އާއި "ބްރޯކްބެކް މައުންޓެއިން" ފަދަ ފިލްމުތައް ހިމެނެއެވެ.

ފެސްޓިވަލްގެ ކްރިޓީކުން ބުނާގޮތުގައި އެ ފިލްމު މިހާރު މިސްރާބު ޖަހާފައިވަނީ އޮސްކާ އެވޯޑާ ދިމާލަށެވެ. އަދި ފިލްމުގެ ލީޑުން ފެނިގެންދާ ފީނިކްސްވެސް އެވޯޑަށް ނޯމިނޭޓްވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ކްރިޓީކުން ބުނެއެވެ.

އާ ޖޯކަރ ފިލްމަކީ ސައިކޮލޯޖިކަލް ތްރިލާއެކެވެ. ޖޯކަރ ކެރެކްޓަރަށް ހާއްސަކޮށްގެން ނެރޭ އެ ފިލްމު އެމެރިކާގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ.

ފީނިކްސްގެ އިތުރުން ފިލްމުން ފެނިގެންދާ އިތުރު ފަންނާނުންގެ ތެރޭގައި ޒެޒީ ބީޓްޒްއާއި ރޮބާޓް ޑިނީރޯ އަދި މާކް މަރޯން ހިމެނެއެވެ.

comment ކޮމެންޓް