އދ.ގައި ރައީސް ދިވެހި ބަހުން ތަގުރީރު ކުރެއްވުމަށް އެދެފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ ގައި ތަގުރީރު ކުރައްވާއިރު ދިވެހިބަހުން ތަގުރީރު ކުރެއްވުމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ އެދިވަޑައިގެންފި އެވެ.

އަޝްރަފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އދގެ މަޖިލީހުގައި ދިވެހިބަހުން ތަގުރީރު ކުރެއްވުމަކީ ދިވެހި ގައުމިއްޔަތުގެ ޝަރަފާއި ގަދަރާއި ހައިބަތު އުފުލޭނެ ކަަމަކަށް ވާނެ ކަމަށެވެ.

"ދިވެހިންނަށްޓަކާ، ދިވެހިންގެ އަޑު ދިވެހިބަހުން އުފުލައިދެއްވާ،" އަޝްރަފްގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ހަ އަހަރަށްފަހު ރާއްޖޭގެ ރައީސަކު އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާއިރު އދ. އާއްމު ޖަލްސާ އޮންނާނީ މި މަހުގެ 17 އިން 30 އަށް އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އެ ޖަމާއަތުގެ ހެޑްކުއާޓަރުގަ އެވެ.

އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ވެރިއަކު ދިވެހި ބަހުން ތަގުރީރު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ.

ރައީސް ސޯލިހު އދ. ގެ އާންމު ޖަލްސާގައި ކުރައްވާ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާ ލައްވާނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކަށާއި އިންސާނީ ހައްގުތައް ކުރިއަރުވަން ރާއްޖެއިން ކުރާ މަސައްކަތާއި އެކަމުގެ މުހިންމުކަން އަދި ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އާއްމު ޖަލްސާގައި މިފަހަރު ރާއްޖެ ތަމްސީލް ކުރައްވައި ތަގުރީރު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ރައީސްގެ ދަތުރުފުޅާ ބެހޭ އިތުރު ތަފްސީލު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އަހަރަކު އެއްފަހަރު ގައުމުތަކުގެ ލީޑަރުން ބައިވެރިވެގެން ބާއްވާ އދ. ގެ އާންމު މަޖިލީހަކީ، ދުނިޔޭގެ ލީޑަރުން އެތަނަކަށް ޖަމާވެ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މައްސަލަތަކުގައި ހިޔާލު ބަދަލު ކުރާ ޕްލެޓް ފޯމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފައި ވަނީ، ހާރިޖީ މައިދާނުގައި ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި ދޭދޭ ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި އެންމެންގެ އިހުތިރާމް ލިބިފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް ވެސް ރައީސް ސޯލިހު ވައުދުވެ ވަޑައިގެންފައިވެ އެވެ.

comment ކޮމެންޓް