ރާއްޖެ ޕްރޮމޯޓުކުރަން މިފަހަރު ޔޫކްރެއިންގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން

ރާއްޖެ ޕްރޮމޯޓުކުރަން އައި ޔޫކްރެއިންގެ ޓީމް --- ފޮޓޯ: އެމްއެމްޕީއާރްސީ

ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް މިއަދު ހަވީރު ޔޫކްރެއިންގެ 45 ސޯޝަލް މީޑިއާ އިންފްލުއެންސަރުން ރާއްޖެ އަތުވެއްޖެ އެވެ.

މިއީ ބޭރު ދުނިޔޭގެ ބްލޮގަރުންނާއި ސޯޝަލް މީޑިއާ އިންފްލުއެންސަރުން ރާއްޖެ ގެނެސް މި ހިތްގައިމު މަންޒިލް އެ ފަރާތްތަކުން ތަޖުރިބާކޮށް، އެމީހުންގެ ބްލޮގްތަކާއި ނޫސްތަކުގައި ލިޔުމުގެ ހަރަކާތުގެ ތެރެއިން އަމިއްލަ ޓްރެވަލް ކުންފުންޏެއް ކަމަށްވާ، "ރިސޯޓް ލައިފް" އިން އިންތިޒާމު ކޮށްގެން ގެނައި ބައެކެވެ.

ރިސޯޓް ލައިފް އިން ގެނައި މި 45 އިންފްލުއެންސަރުން ރާއްޖޭގައި ހަފްތާއެއްހާ ދުވަސް ހޭދަކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. އެމީހުން ތިބުމަށް ހަމަޖެހިފައިވަނީ ކަނޑިންމަ ރިސޯޓާއި ރިއު ހޮޓެލް މޯލްޑިވްސްގަ އެވެ.

މި ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ، އެމްއެމްޕީއާރްސީ ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތޮއްޔިބެވެ.

ތޮއްޔިބު ވިދާޅުވީ އިންޑަސްޓްރީގެ ފަރާތްތަކުން އިސްނަގައިގެން ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ހިންގާ މިފަދަ ހަރަކާތްތައް އުފަލާއެކު ބަލައިގަންނަ ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުން ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

"މިފަދަ ފެމިލަރައިޒޭޝަން ޓްރިޕްތަކުން ކާމިޔާބު ނަތީޖާއެއް ދައްކާ. މިހާތަނަށް ހިންގާފައިވާ މިފަދަ އެކި ހަރަކާތްތަކުގެ ސަބަބުން އެމާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައި." ތޮއްޔިބު ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޔޫކްރެއިން އިން 7،623 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް އިޝްތިހާރު ކުރުމުގެ ގޮތުން އެމެރިކާގެ ނޫސްވެރިން ހިމެނޭ ޓީމެއް ވެސް މިދިޔަ އޯގަސްޓު މަހު ވަނީ ރާއްޖެ އައިސްފަ އެވެ.

comment ކޮމެންޓް