ފޮތް ކިޔުމުގެ އާދަ "އެންމެން ފޮތް ކިޔަމާ" އިން އަނބުރާ ގެނެސްދީފި

މި ހޭޝްޓެގް ބޭނުންކޮށްގެން ކޮށްފައިވާ ބައެއް ޓްވީޓްތައް --- ފޮޓޯ: ޓްވިޓާ

ފޮތް ކިޔާށެވެ. ފޮތް ކިޔާ ކުދިން މޮޅުވާނެއެވެ.

މިއީ ބޮޑުވެގެން އައިއިރު އެންމެންނަށް ވަރަށް ގިނައިން އަޑުއިވިފައިވާނެ ގޮވެލި ފައްޗެކެވެ. ގިނަ ފަހަރު އަޑު އިވެނީ ގޭގައި ފޫހިވެގެން ކުޅެން އުޅޭތީ މަންމަގެ ފަރާތުންނެވެ. ނޫންނަމަ ކިޔެވުމަށް ތަންކޮޅެއް ދަށްވާތީ ޓީޗަރެވެ.

ހަފްތާގެ އާދިއްތަ ދުވަސް ފާހަގަކުރީ ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަން ފެށީ 1966 ވަނަ އަހަރު ޔުނެސްކޯގެ ޖެނެރަލް ކޮންފަރެންސްއިން ފާސްކޮށްގެންނެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ލިޔަންކިޔުމުގެ މުހިންމުކަން ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި ވަކިވަކި ފަރުދުންނަށާއި، މުޖުތަމައުތަކަށް އަންގައިދިނުމުގެ ބޭނުމުގައެވެ. މި އަހަރުގެ ލިޓްރަސީ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ލިޓްރަސީ އެންޑް މަލްޓިލިންގުއިޒަމްއެވެ.

މާ ކުލަގަދަ ހަރަކާތްތަކެއް މި ދުވަހާއި ގުޅިގެން ރާއްޖޭގައި ބޭއްވިފައި ނުވިޔަސް، މި ދުވަހުގެ ފޯރި ޓްވިޓާގައި ނިކަން ގަދައެވެ. މުޅި ޓްވިޓާ ފީޑުގައި އެންމެންވެސް ޕޯސްޓުކުރަމުން ދިޔަ ހޭޝްޓެގަކީ "އެންމެންވެސް ފޮތް ކިޔަމާ"އެވެ.

މި ހޭޝްޓެގްއަކީ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އިން ފެށި ހޭޝްޓެގްއެކެވެ.

މިގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ދަރިންގެ ކިބައިގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަކީ މުސްތަގުބަލުގެ ޖީލުތައް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ.

މިގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ކުރެއްވި ޓްވީޓުގައި ވަނީ ކުދިންގެ ހިޔާލާއި ވިސްނުން ތަނަވަސްކޮށްދިނުމަށްޓަކައި އެކުދިންނަށް ފޮތް ކިޔައިދިނުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިންވެސް ވަނީ ދަރީންނާއި އެކީގައި ފޮތް ކިޔާ މަންޒަރު ޓްވީޓުކޮށް ދުވަހާއި ގުޅޭ އެކި މެސެޖުތައް ދެއްވާފައެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައިވަނީ ރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ 98 ޕަސެންޓުކަން ފާހަގަކޮށް އެކަމާއި ފަހުރުވެރިވާކަމަށް ވިދާޅުވެ، ރަނގަޅު ފެންވަރެއްގެ ތައުލީމު ހުރިހާ އެންމެނަށްވެސް ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމައެޔާއެކު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީވެސް ވެސް ވަނީ މި ހޭޝްޓެގް ބޭނުންކޮށްގެން ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި އެކަމަނާ ވިދާޅުވީ ފޮތް ކިއުމަކީ ހުރިހާ ދަރިންނާއެކުވެސް ކުރެއްވި އަދި އެންޖޯއީކުރައްވާ ކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އާންމުންގެވެސް ބޮޑު ތަރުހީބެއް ވަނީ މި ހޭޝްޓެގަށް ލިބިފައެވެ. މިގޮތުން ސްކޫލްގެ ކުތުބުހާނާ މަތީން ހަނދާންވާ ވާހަކަވެސް ގިނަ ބަޔަކު ޓްވީޓުކޮށްފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިމްތިޔާޒު ފަހުމީވެސް ދަރިފުޅާއެކު، ކުޑަކުދިންގެ ފޮތް ކިޔުއްވާ މަންޒަރު ޓްވީޓުކުރައްވަމުން ވިދާޅުވެފައިވަނީ ކުޑަ ދަރިފުޅާއިއެކު ކުޑަކުދިންގެ ފޮތެއް ކިޔާލުމަކީވެސް ވަރަށް ގިނަ ކަންކަން ދަސްވާ ކަމެއްގެ ގޮތުގައެވެ.

ފޮތް ކިޔުމަކީ ވަކި އުމުރަކަށް، ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫނެވެ. ނުވިތާކަށް ފޮތް ކިޔުމަކީ ކިތަންމެ އެކަނިވެރި ވަގުތެއްގައިވެސް އަދި ކިތަންމެ ހާސްކަން ބޮޑުވެ ނުތަނަވަސްވެފައިވާ ވަގުތެއްގައިވެސް ތިމާ ހިތްހަމަ ޖައްސުވައިދީ، ސްޓްރެސް ފިލުވާލަދޭނޭ ބައިވެރިއެކެވެ.

ފޮތް ކިއުމުން ލިބޭ ބައެއް ފައިދާތަކަށް ބަލާލާއިރު:

  • ސިކުނޑި ވަރުގަދަކޮށްދޭ
  • ސްޓްރެސް ދުރުކޮށްދޭ
  • މައުލޫމާތު މުއްސަނދިވޭ
  • ބަސްކޮށާރު މުއްސަނދިކޮށްދޭ
  • ހަނދާން ވަރުގަދަކޮށްދޭ

މީގެ އިތުރުންވެސް، ފޮތް ކިއުމަކީ ސަމާލުކަންވެސް އިތުރުކޮށްދޭ، އެމީހެއްގެ ލިޔުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ކަމެއްވެސް މެއެވެ.

އެހެންކަމުން ދެން ފަހަރަކުން މީހަކު ފޮތް ކިޔާށޭ ބުނުމުން އެއީ ފޫހި ކަމެއްގެ ގޮތުގައި ނުދެކި، ތިމާއާއި ތިމާގެ ގާތް އެންމެންގެ ކިބައިގައިވެސް މި ރީތި އާދައަށް ތަރުހީބު ދޭށެވެ.

comment ކޮމެންޓް