ރާއްޖެ-ޗައިނާ މެޗަށް ޓިކެޓް ގަންނަން ބޯ ވާރޭގައިވެސް ކިޔޫ ހަދައިފި

ރާއްޖެ-ޗައިނާ މެޗުގެ ޓިކެޓު ގަންނަން ގަލޮޅު ދަނޑު ބޭރުގައި ކިޔޫ ހަދާފައި --- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން ނާޒިމް

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު މާލޭގައި ޗައިނާ އާއި ރާއްޖެ ކުޅޭ މެޗުގެ ޓިކެޓު ގަންނަން ގަލޮޅު ދަނޑު ބޭރުގައި ދިގު ކިއޫއެއް ދަމާލައިފި އެވެ.

މެޗުގެ ޓިކެޓު ވިއްކަން ފެށީ މިއަދު ހަވީރު 4:30 ގައެވެ. ޓިކެޓު ވިއްކަން ފެށުމާއެކު ގިނަ ބަޔަކު ވަނީ ކިޔޫގައި ޖެހިފަ އެވެ. އަދި މިހާރު ވެހޭ ބޯ ވާރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ޓިކެޓު ގަތުމަށް ބޭރުގައި ކިޔޫ ހަދާފައި އެބަތިއްބެވެ.

މި މެޗަށް ސަޕޯޓަރުންނަށް ދޫކުރަން ހަމަޖެހިފައި އޮތީ 3،400 ޓިކެޓު ކަމަށް ވާއިރު، ގިނަ ބަޔަކު ވެހޭ ވާރެއަށް ސަމާލުކަމެއް ނުދީ އަދިވެސް މަޑުކޮށްގެން ތިބީ، ކިޔޫއިން ފައިބައިފި ނަމަ ޓިކެޓެއް ނުލިބިދާނެތީ އެވެ.

މި ދުވަސްވަރަކީ ޗައިނާގެ ގިނަ ފަތުރުވެރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ދުވަސްވަރެއް ކަމަށްވާތީ ގިނަ ޓްރެވަލް އޭޖެންސީ ތަކުން ވެސް މި މެޗުގެ ޓިކެޓު ހޯދުމަށް އަންނަނީ އެދެމުންނެވެ. އެހެންކަމުން ދޫކުރާ ޓިކެޓު ތަކުގެ ތެރެއިން ވަކި ބައެއް ޗައިނާ ސަޕޯޓަރުންނަށް ވެސް ހާއްސަ ކުރަން ޖެހޭނެ އެވެ.

އަދި މި މެޗަކީ ދޮޅު އަހަރަށް ފަހު، ގައުމީ ކެޕްޓަން، އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޖޯޒީގައި ފެނިގެންދާ ފުރަތަމަ ފަހަރު ކަމަށްވުމުން މެޗު ބަލާލަން، ދަނޑަށް ވަންނަން ބޭނުން މީހުން ވަނީ އިތުރުވެފަ އެވެ.

އަށް ހާސް މީހުންގެ ޖާގައިގެ ދަނޑަށް މިފަހަރު 3400 ޓިކެޓު ދޫކުރަނީ ދަނޑުގެ ސަހަރާއާ ވީ ސިޑިބަރިއާއި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ސަލާމަތީ ސަބަބުތަކަށްޓަކައި ބޭނުން ކުރުން މަނާ ކޮށްފައި ވުމުންނެވެ.

ރާއްޖެއާ ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 8:00ގަ އެވެ.

comment ކޮމެންޓް