އދ. ދިއްދޫ ރައްޔިތުންގެ ޝަކުވާތައް ހިފައިގެން ރައީސްގެ އަރިހަށް

ރައީސް ސޯލިހު ދިއްދޫ ކައުންސިލާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

އދ ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކޮށްފި އެވެ.

ދިއްދޫ ކައުންސިލުން މިއަދު ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގައި އެކަށީގެންވާ ބަނދަރެއް ނެތުމުގެ މައްސަލައާއި ރަށްގިރުމުގެ މައްސަލަ އަދި ފެނާއި ނަރުދަމާ ނެތުމުން ދިމާވާ މައްސަލަތަކާއި ސިއްހީ ދާއިރާ އިން ހުރި ގޮންޖެހުންތައް ވަނީ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން ރަށުގެ އުމްރާނީ އަދި އިގްތިސޯދީ ތަރައްގީއަށް ބޭނުންވާ ކަންތައްވެސް ކައުންސިލުން ވަނީ ރައީސްއާ ހިއްސާ ކޮށްފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ދިއްދޫގެ ތަރައްގީއަށް ބަޖެޓުގައި ހިމަނާފައިވާ ކަންތައް ކައުންސިލާ ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން ރަށުގެ ބަނދަރުގެ މަސައްކަތް މިއަހަރު ފަށައި އަންނަ އަހަރު ނިންމުމަށް ރާވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުންކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކައުންސިލުގެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާއެކު ކައުންސިލުތަކަށް ލިބޭނެ ކުރިއެރުންތަކާއި އިތުރުވެގެންދާ ޒިންމާތަކާއި ހިންގުން ހަރުދަނާވެ ލިބޭނެ ފަސޭހަތައް ފާހަގަކުރައްވައި އެކަމާ ގުޅޭ ތަފްސީލުތައްވެސް ކައުންސިލާ ހިއްސާ ކުރައްވައިފަ އެވެ.

comment ކޮމެންޓް