އިންޑިއާއިން އިންސާނުން ޖައްވަށް ފޮނުވާ މިޝަންއަށް ސަމާލުކަން

ޗަންދުރަޔަން-2 ލޯންޗު ކުރީ މިދިޔަ ޖުލައި މަހު -- ފޮޓޯ: އޭއެފްޕީ

ދިއްލީ (ސެޕްޓެމްބަރު 8): އިންޑިއާއިން ހަނދަށް ފޮނުވި ޗަންދުރަޔަން-2އަށް ހަނދުގައި ނުޖެއްސުމުން، އެގައުމުގެ ކުރިއަށް އޮތް ޖައްވީ މިޝަންތަކަށް ސަމާލުކަން ލިބި، އެމިޝަންތަކަށް ބުރޫ އަރާނެ މިންވަރާ ބެހޭ ގޮތުން ސުވާލު އުފެދިއްޖެ އެވެ.

އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ)އިން ކުރިއަށް އޮތް އަހަރުތަކުގައި ފަށަން ތާވަލުކޮށްފައިވާ މިޝަންތަކުގެ ތެރޭގައި 2022ގައި އިންސާނުން ޖައްވަށް ފޮނުވުމާއި 2023ގައި ވީނަސްއަށް އޯބިޓާއެއް ފޮނުވުމާއި އެގައުމުގެ ސްޕޭސް ސްޓޭޝަނެއް ގާއިމު ކުރުން ހިމެނެ އެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ ޗަންދުރަޔަން-2ގެ ލޭންޑާ ހަނދުގައި ޖައްސަން އުޅެނިކޮށް، އެއާ މުވާސަލާތީ ގުޅުން ކެނޑި، ހަނދަށް ވެއްޓިފައިވާ ކަމަށް ލަފާ ކުރެވުމުން އިސްރޯގެ ދެން އޮތް މިޝަންތައް ފަސްކުރާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އިސްރޯގެ ޗެއާމަން ކޭ ސިވަން ވިދާޅުވި ގޮތުގައި ޗަންދުރަޔަން-2ގެ ލޭންޑާއަށް ހަނދުގައި ނުޖެއްސުނު ނަމަވެސް، އެމިޝަންގެ 95 ޕަސެންޓް ވަނީ ކާމިޔާބުވެފަ އެވެ. ސަބަބަކީ ޗަންދުރަޔަން-2ގެ އޯބިޓާ އަދިވެސް ހަނދުވަށާ ދަތުރު ކުރަމުން، ދިރާސާ ކުރަމުން ދާނެތީ އެވެ. އެހެންކަމުން އިސްރޯގެ ސައިންޓިފިކް މިޝަން ކާމިޔާބުވީ އެވެ. އަދި ފެއިލްވީ ޓެކްނޮލޮޖިކަލް ބައިގަ އެވެ.

އޭގެ ސަބަބުން މީގެ ތިން އަހަރު ފަހުން ޖައްވަށް އިންސާނުން ފޮނުވާނެ ޓެކްނޮލޮޖީއާ މެދު އިސްރޯއަށް ޔަގީންކަން އޮތްތޯ ބައެއް ފަރާތްތަކުން ވަނީ ޝައްކު އުފައްދާފަ އެވެ.

އަދި ޗަންދުރަޔަން-2އަށް ދިމާވި ގޮތުން، އިންޑިއާއަށް ހަނދުގައި އުޅަނދެއް ޖެއްސޭނެކަން ޔަގީން ކުރުމަށްޓަކައި އެފަދަ އެހެން މިޝަންއެއް ކުރިއަށް އޮތް ތިން އަހަރު ތެރޭ އިސްރޯއިން ލޯންޗުކޮށްފާނެ ކަމަށް އިންޑިއަން އެކްސްޕްރެސްގައިވެ އެވެ. އަދި އޭގެ ސަބަބުން އިސްރޯގެ ވަސީލަތްތައް އެމިޝަނަށް ބޭނުން ކުރަން ޖެހި، އިސްރޯގެ ތާވަލު ބަދަލު ކުރަން ޖެހިދާނެ ކަމަށް އެނޫހުން ބުނެ އެވެ.

ނަމަވެސް އިސްރޯގެ ޑިރެކްޓަރެއް ކަމަށްވާ ޕީޖީ ޑިވާކަރު ވަނީ ޗަންދުރަޔަން-2އަށް ވީ ގޮތުގެ ސަބަބުން އެގައުމުން ޖައްވަށް ތިން މީހަކު ފޮނުވާ މިޝަންއަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކި މިޝަންތަކުގައި ދިމާވާނީ ތަފާތު ގޮންޖެހުންތައް ކަމަށާއި އެކި މިޝަންތަކުގެ މަގުސަދުވެސް ތަފާތު ވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިސްރޯގެ އިތުރުން އެހެން ފަރާތްތަކުންވެސް ވަނީ ޗަންދުރަޔަން-2އަކީ ފެއިލްވި މިޝަންއެއް ނޫން ކަމަށް ބުނެފަ އެވެ. އެގޮތުން ޗަންދުރަޔަން-2ގެ ހަރަދަށް ބަލާއިރު މުޅި މިޝަންއަށް ހަރަދުވީ 141 މިލިއަން ޑޮލަރުކަން ފާހަގަކޮށްފަ އެވެ. އެއާ އަޅާ ބަލާ އިރު ސްޕޭސް އެކްސް ކުންފުނިން ދުނިޔޭގެ އޯބިޓަށް އުޅަނދެއް ފޮނުވުމަށް 150 މިލިއަން ޑޮލަރު ނަގާ ކަމަށް އަލްޖަޒީރާއިން ހާމަ ކުރި އެވެ.

މީގެ އިތުރުން ޗަންދުރަޔަން-2ގެ އޯބިޓާ ގާތްގަނޑަކަށް އެއް އަހަރުވަންދެން މަސައްކަތް ކުރާނެ ކަމަށާއި އޭގެ ސަބަބުން ހަނދުގެ ސައުތް ޕޯލްގެ މައުލޫމާތު ފުރަތަމަ ފަހަރަށް ދުނިޔެއަށް ލިބޭނެ ކަމަށް އިސްރޯއިން ބުންޏެވެ.

comment ކޮމެންޓް