ބުރިޖުން ފީ ނަގަން އަދި ސަރުކާރުގެ ވިސްނުމެއް ނެތް: ޕްލޭނިން

ސިނަމާލެ ބުރިޖު-- ސަން ފައިލް ފޮޓޯ

ސިނަމާލެ ބުރިޖުގައި ދަތުރުކުރާ ވެހިކަލްތަކުން ޓޮލް ފީ ނަގަން އަދި ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.

ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ހައިވޭ އަދި ބުރިޖު ފަދަ ތަންތަނުން ދަތުރުކުރާ އިރު ޓޮލް ފީ ނަގަ އެވެ.

ސިނަމާލެ ބުރިޖު ހުޅުވިތާ ވެސް މިހާރު އެއް އަހަރު ވަނީ ވެފަ އެވެ.

ބުރިޖު ހުޅުވި ދުވަސްވަރު ވެސް އެތަނުން ފީ ނަގަން ކުރީ ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ހޮވިވަޑައިގަތުމާ އެކު ފީ ނެގުމުގެ ކަންތައްތައް ވަނީ އާ ސަރުކާރުގެ މައްޗަށް ދޫކޮށްލައިފަ އެވެ.

ކުރީގެ ސަރުކާރުން ނިންމާފައި އޮތީ އިލެކްޓްރޯނިކް ނިޒާމްއެއް ގާއިމްކޮށް ބުރިޖު މަތިން ވެހިކަލުތައް ދަތުރުކުރާ އިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭނެ ގޮތަށް ފީ ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާށެވެ.

ޓޮލް ފީ ނަގާނެ ނިޒާމެއް ހަމަޖެއްސުމަށް މި އަހަރުގެ ބަޖެޓުގައި 56 މިލިއަނަށްވުރެން ގިނަ ރުފިޔާ ވެސް ހިމެނި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވީ ބުރިޖުން ފީ ނެގުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަދި ބޮޑު ފީއެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

comment ކޮމެންޓް