އީއައިއޭގައި މައްސަލަ އުޅޭތީ މަޑިވަރު އެއާޕޯޓު ހުޅުވުން އަންނަ އަހަރަށް

ޅ. މަޑިވަރު އެއާޕޯޓު -- ސަން ފޮޓޯ: އަހުމަދު ހަސަން

ކުރެއްދޫ ހޯލްޑިންގްސް އިން ޅ. މަޑިވަރުގައި ތަރައްގީކުރާ އެއާޕޯޓުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓުގައި މައްސަލައެއް އުޅޭތީ، އެއާޕޯޓު ހުޅުވުން އަންނަ އަހަރަށް ފަސްކޮށްފައިވާކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނެފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މިޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި "ސަން" އާ ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަހު އަހުމަދު ޒުހައިރު ވިދާޅުވީ މަޑިވަރު އެއާޕޯޓު މިއަހަރުގެ ޑިސެމްބަރު މަހު ހުޅުވަން ޓާގެޓްކޮށްފައި އޮތްނަމަވެސް، އީއައިއޭގައި މައްސަލައެއް ދިމާވެ، އަލުން އީއައިއޭ ހަދަން ޖެހުމުން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމުގައި ކުޑަ ޑިލޭއެއް އައިސްފައިވާ ކަމަށެވެ.

"މާޗު 2020 ގައި އޮޕަރޭޝަނަށް އަންނާނެ ކަމަށް ބެލެވޭ. ބިންހިއްކުމަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުން ވެލި ނުނެގޭތީ، އަލުން އީއައިއޭ ހަދަން ޖެހިފައިވަނީ،" ޒުހައިރު ވިދާޅުވިއެވެ.

ޅ. މަޑިވަރު އެއާޕޯޓު -- ސަން ފޮޓޯ: އަހުމަދު ހަސަން

އޭނާ ވިދާޅުވީ މަޑިވަރު އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ހިޔާކުރުމުގެ މަސައްކަތް ކަމަށެވެ.

"ހާބަރުގެ މަސައްކަތް މިއޮތީ. މިހާރު ޝީޓްޕައިލް ކުރަނީ. އެބޭފުޅުންވެސް ބޭނުމެއްނުވޭ ހުރިހާކަމެއް ނިންމާފައިނޫނީ އޮޕަރޭޝަނަށް ގެންނާކަށް،" ސްޓޭޓު މިނިސްޓަރު ވިދާޅުވިއެވެ.

މަޑިވަރުގައި އެއާޕޯޓު އަޅަން ކުރެއްދޫ ހޯލްޑިންގްސް އާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. އަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ އެއާޕޯޓާއެކު އެރަށުގައި 1.2 ކިލޯމީޓަރުގެ ރަންވޭއެއް އަޅާނެއެވެ. ރަންވޭގައި ތާރު އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. އެ އެއާޕޯޓުގެ މަސައްކަތް ކުރަނީ ޗައިނާގެ ބީޔޫސީޖީ އިންނެވެ.

https://sun.mv/106201

comment ކޮމެންޓް