ލައިފްޖެކެޓު މަޖުބޫރު ކުރުމާ ގުޅޭގޮތުން ދެހަފްތާ ތެރޭ ގޮތެއް ނިންމާނެ

ލޯންޗެއްގައި ތިބި ފަސިންޖަރުން ލައިފްޖެކެޓް އަޅައިގެން--- ފޮޓޯ/ ޓްރާންސްޕޯޓް އޮތޯރިޓީ

ކަނދު އުޅަނދުފަހަރުގައި ލައިފްޖެކެޓު އެޅުމާގުޅޭގޮތުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ގޮތެއް ނިންމާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ކަނޑުދަތުރުކުރާއިރު ލައިފްޖެކެޓު އެޅުމާ ގުޅޭގޮތުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ގޮތެއް ނިންމުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ލައިފްޖެކެޓާ ގުޅޭގޮތުން ގޮތެއް ނިންމޭތޯ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުން މިދަނީ، ހާއްސަގޮތެއްގައި ކޯސްޓްގާޑު، މެރިން ޕޮލިސް އަދި މެރިޓައިމް ސެކްޝަނާއެކު. ދަތުރުފަތުރު ކުރާއިރު، ފަސިންޖަރުން އުފުލާއިރު ލައިފްޖެކެޓު އަޅައިގެން ދަތުރުކުރުމަކީ މަޖުބޫރު ކަމެއްތޯ ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މި ކުރަނީ،"

އާދިލް ވިދާޅުވީ އެކަމާ ގުޅޭ ތަފްސީލު ފަހުން އާންމު ކުރައްވާނެ ކަމަށެވެ.

"މިހާރުވެސް ޓޫރިސްޓު ރިސޯޓުތަކަށް ފަސިންޖަރުން އުފުލާއިރު ލަފްޖެކެޓު އަޅުވައިގެން މި ދަތުރުކުރަނީ. މިއީ އުނދަގޫވެސް ކަމެއް ނޫން. ސަލާމަތާ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންތައް ކުރާނަން،" އާދިލް ވިދާޅުވިއެވެ.

"ހާއްސަކޮށް ކަނޑުގަދައިރު ދަތުރުކުރަންވާނީ ލަފްޖެކެޓު އަޅައިގެންތޯ، ޔެލޯ އެލާޓް ނެރެފައި އޮންނައިރު ދަތުރުކުރާއިރު ލައިފްޖެކެޓު އަޅަންޖެހޭނެތޯ މިކަންތައް އަޅުގަނޑުމެން ކަނޑައަޅާނަން،" އޭނާ ވިދާޅުވިއެވެ.

ލައިފްޖެކެޓު އެޅުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ދަތުރުކުރާއިރު އަންހެނުންނާއި ކުޑަކުދިން ލައިފްޖެކެޓު އެޅުވުމަކީ ލާޒިމް ކަމެއްކަމަށް ހަދަންޖެހޭ ކަމަށެވެ.

ލައިފްޖެކެޓު އެޅުމުގެ ވާހަކަ ބާރަށް ދެކެވޭން ފަށާފައިމިވަނީ ހދ. ނޮޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލާ އެއިން ދަތުރުކުރި ފަސް މީހަކު މަރުވި ހާދިސާއަށް ފަހުއެވެ.

އެ ހާދިސާއަށްފަހު ލޯންޗުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ ލައިފްޖެކެޓު އެޅުވުމަށްފަު ދަތުރަށް ފުރާކަން ވަނީ ފާހަގަވެފައެވެ.

comment ކޮމެންޓް