ކައުންސިލް، މަޖިލިސް އިންތިހާބު އެކީ ބާއްވާ ނަމަ 70 މިލިއަން ރުފިޔާ ސަލާމަތްވާނެ: އީސީ

އިލެކްޝަން ކޮމިޝަންގެ ރައީސް (ކ) އަދި ނައިބު ރައީސް (މ): މަޖިލިސް އަދި ކައުންސިލް އިންތިހާބު އެއްކޮށްލުމަށް ކޮމިޝަނުން ތާއީދު ކުރޭ -- ފައިލް ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ބާވައިފި ނަމަ 70 މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ގާނޫންތަކަށް ގެންނަ ބޭނުންވާ އިސްލާހުތަކާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީީފު ވިދާޅުވީ، މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބު އެކީގައި ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުން ވަރަށް ތާއީދު ކުރާ ކަމެއް ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުން ސިޔާސީ ޕާޓީތަކާއި ސަރުކާރަށްވެސް އެތަށްގޮތަކުން ފަސޭހަވެގެން ދާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނަށް ވަަރަށް ބޮޑަށް ބުރަވެވޭ، ލޯކަލް ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބާއްވަން. މިހާރު މި އޮންނަނީ އެއް އަހަރު ނުވަތަ ދެއަހަރު އަރާ ހަމަވާ ކަހަލަ ގޮތަކަށް. [އެގޮތަށް] ރާވާނަމަ ދައުލަތައްވެސް އެއީ ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ. އަޅުގަނޑުމެންނަށްވެސް [ލުޔެއް ލިބޭނެ]. ޕާޓީތަކަށްވެސް ކެމްޕެއިން ކުރުމަށް ފަސޭހަ ވެގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ލަމަރުަކަޒީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ދެ އިންތިހާބު އެއްކޮށްލުމަށް ކޮމިޝަނުން ލަފާ ދިން -- ފޮޓޯ/ މަޖިލިސް

ޝަރީފު ވިދާޅުވިގޮތުގައި އެ ގޮތަށް ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީ ބަދަލު ކުރަން ޖެހިދާނެ ކަމަށާއި ނަމަވެސް ހަރަދުގެ ގޮތުންނާއި ލިބޭ ފަސޭހައިގެ ގޮތުން ދެ އިންތިހާބު އެއްކޮށްލުމަކީ ވަރަށް ރަނގަޅު ނިންމުމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"ދެ އިންތިހާބު އެއްކޮށްލައިފިނަމަ 65 މިލިއަންއާއި 70 މިލިއަންއާ ދެމެދުގެ އަދަދަކަށް ސޭވް ވެގެން ދާނެ. މަސައްކަތުގެ ރޭޓްވެސް [ކުޑަ ވާނެ]. އަޅުގަނޑުމެންގެ އެނާޖީގެ ދެބައި ކުޅަ އެއްބައި ކުޑަވެގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބާއްވާ ނަމަ ޕާޓީތަކާއި ކެންޑިޑޭޓުން ކެމްޕޭނަށް ކުރަން ޖެހޭ ހަރަދު ވެސް ކުޑަވާނެ ކަމަށެވެ. އަދި ދާއިރާއަކަށް އިންތިހާބުވާ މަޖިލިސް މެމްބަރާއި އޭނާއާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރާ ޓީމެއް ކައުންސިލަށް އިންތިހާބުވުމުގެ ފުރުސަތު އޮންނާނެ ކަން ޝަރީފު ފާހަގަ ކުރެއްވި އެވެ.

ޝަރީފު ވިދާޅުވީ، ކައުންސިލް އަދި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ތާއީދު ކުރި ނަމަވެސް ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ ވަކިން ކަމަށެވެ. އެއީ މުޅި ގައުމުގެ މަސްލަހަތުު ހިމެނޭ ކަމަކަށް ވަތީކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ކައުންސިލްގެ ދައުރުވެސް ދިގުކޮށްލެވިދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ލަމަރުަކަޒީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ގާނޫނުތަކަށް ގެންނަ ބޭނުންވާ އިސްލާހުތައް ކޮމީޝަނަނު ހިއްސާކުރެއްވި -- ފޮޓޯ/ މަޖިލިސް

ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން 70 މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ ކަން ޝަރީފް ފާހަގަ ކުރެއްވިއިރު، އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާ ބާއްވާ ކައުންސިލް އިންތިހާާބަށް ހަރަދުވާނެ ކަމަށް ލަފާވަނީ، 60-70 މިލިއަނެއްހާ ރުފިޔާ އެވެ.

ލާމަރުކަޒީ ގާނޫނުތަކަށް ހުށަހެޅި މުހިންމު އިސްލާހުތައް:

  • އަންހެނުންގެ ކޮމިޓީގެ ރައީސް ރަށު ކައުންސިލްގެ މެމްބަރުކަމަށް އިންތިހާބުވާ ގޮތަށް ހެދުން
  • އަންހެނުންގެ ކޮމިޓީ އިންތިހާބު ކޮމިޝަނުން ކުރިއަށް ގެންދިޔުމަަށް
  • ކައުންސިލުން މެމްބަރަކު ވަކިއްވެއްޖެ ނަމަ ގިނަ ވެގެން 90 ދުވަަސް ތެރޭ އިންތިހާބު ބޭއްވުމަށް ދުވަސް އިތުރު ކުރުން؛ މިހާރު އޮންނަނީ 45 ދުވަސްތެރޭ އިންތިހާބު ބޭއްވުމަށް.
  • ކައުންސިލް މެމްބަރަކު އިސްތިއުފާ ދިނުމުން ނުވަތަ ވަކިވުމުން ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު މަނާ ކޮށްދިނުން.
comment ކޮމެންޓް