ރިލްވާންގެ ރިޕޯޓާ ގުޅިގެން ކޮމިޝަން މިއަދު މަޖިލީހަށް

މަރު ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މިއަދު އެ ކޮމިޝަން 241 ކޮމިޓީއަށް ހާޒިރު ކުރާނެ --- ސަން ފައިލް ފޮޓޯ

ނޫސްވެެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް، މަރާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ރައްޔިތުންތުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީއަށް) ހާޒިރުކުުރުމަށް މިއަދު ތާވަލް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ވިނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ހަގީގަތް ނުހޯދި ހުރި މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ މެމްބަރުން، މިއަދު މެންދުރު 2:00 ގައި ބާއްވާ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

ރިލްވާންގެ މަރާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ސަލާމަތީ ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ރޭ ފުުލުހުންގެ އިސްވެރިންވެސް ވަނީ އެ ކޮމިޓީއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގަ އެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓުން އެނގޭ ގޮތުގައި ރިލްވާން ގެއްލުވާލުމުގެ ދެ މަހެއްހާ ދުވަސް ކުރިން ދެ ފުލަހަކު ވަނީ ރިލްވާނަށް ފާރަލާފަ އެވެ. އަދި ދައުލަތާ އިދިކޮޅު ހަރަކާތް ހިންގާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއް މެދުވެރިކޮށް ރިލްވާންގެ ފޯނު ކޯލުތައް ވެސް އަޑުއެހިކަމަށް ރިޕޯޓުގައި ބުނެ އެވެ. މީގެ އިތުރުން ރިލްވާން ގެއްލުވާލިފަހުން، ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމާގައި މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުމަށް ދެ ފުލުހުން މަސައްކަތް ކުރި ކަން ތަހުގީގު ރިޕޯޓުން އެނގެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރުކުރުމަށް ފުލުހުންނަށް އަންގާފަ އެވެ. ހުކުރު ދުވަހު ފުލުހުން ބުނެފައިވަނީ، ދެ ފުލުހުންނަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން ދެ ފުލުހުން ހައްޔަރު ކުރެވެން ނެތް ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ކޮމިޝަނުތަކަށް ބާރުދޭ ގާނޫނުން ރިލްވާންގެ މައްސަލަ ބެލުމުގެ ބާރު ކޮމިޝަނަށް ބަދަލުކޮށްފައިވާތީވެެ، ރިލްވާންގެ މައްސަލަ ބެލުމުގެ އިހްތިސޯސް ލިބިގެން ވަނީ މިހާރު ހަމަ އެކަނި ރިޔާސީ ކޮމިޝަނަށް ކަމަށެވެ. އެހެން ކަމުން ރިލްވާންގެ މައްސަލައިގައި ތުހުމަތުގައި މީހަކު ހައްޔަރުކުރުމުގެ އަމުރަކަށް އެދެވޭނީ ރިޔާސީ ކޮމިޝަނަށް ކަމަށާއި ފުލުހުންނަށް އެކަން ނުކުރެވޭނެ ކަމަށް ސިޕީ ހަމީދު ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންގެ ތަހުގީގުން އެނގޭ ގޮތުގައި އަލްގައިދާގެ ރާއްޖޭގެ ގޮފިން ރިލްވާން މަރާލުމަށްފަހު ވަނީ، ކަނޑުފައްތާފަ އެވެ.

comment ކޮމެންޓް