ތާލިބާނުން ދިން ހަމަލާއާ ގުޅިގެން ސުލްހައިގެ ވާހަކަތައް ކެންސަލްކޮށްފިން: ޓްރަމްޕް

އެމެރިކާގެ ރައީސް ވަނީ ތާލިބާނާ އެކު ބާއްވަން އޮތް ސުލްހައިގެ ވާހަކަތައް ކެންސަލް ކުރެއްވި ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ސެޕްޓެމްބަރު 8): މިދިޔަ ބުރާސްފަތި ދުވަހު އަފްޣާނިސްތާނުގައި ތާލިބާނުން ދިން ހަމަލާއާ ގުޅިގެން، އެޖަމާއަތާ އެއްކޮށް މިއަދު ބާއްވަން އޮތް ސުލްހައިގެ މަޝްވަރާތައް ކެންސަލްކޮށްފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ކުރެއްވި ޓުވީޓުތަކެއްގައިވާ ގޮތުން އޭނާ ވަނީ މިއަދު އެގައުމުގައި ތާލިބާންގެ ލީޑަރުންނާ އެކު ބާއްވަން އޮތް ސިއްރު ބައްދަލުވުންތަކެއް ކެންސަލް ކުރައްވާފަ އެވެ.

"މި މުހިއްމު ސުލްހައިގެ ވާހަކަތައް ކުރިއަށްދާ އިރު ހަމަލާ ދިނުން ހުއްޓާލަން އެޖަމާއަތަށް އެއްބަސްނުވެވޭ ނަމަ އެމީހުންނަށް ރަނގަޅު [ސުލްހައިގެ] އެއްބަސްވުމަކަށްވެސް ނާދެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ތާލިބާނުން ބުރާސްފަތި ދުވަހު ކާބުލްގައި ދިން ހަމަލާގައި 12 މީހުން މަރުވި އެވެ. އޭގެ ތެރޭގައި އެމެރިކާގެ ސިފައިންގެ މީހަކުވެސް ހިމެނުނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ތާލިބާނުން އެހަމަލާ ދިނީ އެމީހުންގެ ބާރު ދެއްކުމަށްޓަކަ އެވެ. ނަމަވެސް އެޖަމާއަތާ އެކު މަޝްވަރާތައް ހުއްޓާލީ ވަގުތީ ގޮތުން ކަމެއް ނުވަތަ ދާއިމީކޮށް ކަމެއް ހާމަ ނުކުރައްވަ އެވެ.

ތާލިބާނުން އެހަމަލާ ދިނީ މިދިޔަ ހަފްތާ ތެރޭގައި އެޖަމާއަތާއި އެމެރިކާއިން ސުލްހައިގެ އެއްބަސްވުމެއްގެ ޑްރާފްޓް އެކުލަވާލި ފަހުންނެވެ. އެ އެއްބަސްވުމުގެ ދަށުން ތާލިބާނުން ވަނީ އެމެރިކާއަށްވެސް އަދި އެހެންގައުމަކަށްވެސް ނުރައްކާވަފަދަ ގައުމަކަށް އަފްޣާނިސްތާން ނުހެދުމަށާ އެއްވެސް ގައުމަކަށް ހަމަލާދިނުމަށް އަފްޣާން ބިން ބޭނުން ކުރުމުގެ ފުރްސަތު ނުދިނުމަށް އެއްބަސްވެފަ އެވެ.

އަދި އެމެރިކާއިން ވަނީ އަފްގާނިސްތާނުގައި ތިބި އެގައުމުގެ 14،000 ސިފައިންގެ ތެރެއިން 5،400 ސިފައިން 20 ހަފްތާ ތެރޭ އަނބުރާ ގައުމަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ތާލިބާނުން އެމެރިކާއާ އެކު ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންދިޔަ ނަމަވެސް އަފްޣާން ސަރުކާރާ އެކު ސުލްހައިގެ ވާހަކަތައް ދައްކަން އެޖަމާއަތުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ޒަލްމޭ ޚަލީލް ޒާދު ވިދާޅުވި ގޮތުގައި އެގައުމުން ތާލިބާނާ އެކު ސުލްހައިގެ އެއްބަސްވުމެއް ހަދައިފި ނަމަ އަފްޣާނިސްތާނުގެ ދާހިލީ ސުލްޙައަށްވެސް މަގުފަހިވާނެ އެވެ.

comment ކޮމެންޓް