ޔޫރޯ ކޮލިފައިންގައި ރޭ ވެސް ބޮޑެތި މެޗުތަކެއް

ޔޫރޯ ކޮލިފިކޭޝަނުގައި ރޭ ކުޅުނު މެޗެއްގައި ހެރީ ކޭން ގޯލު ޖެހުމަށްފަހު -- ފޮޓޯ// ގާއީ އެޓިންކްސަން

އަންނަ އަހަރު ޔޫރަޕުގެ 12 ސިޓީއަކަށް ބަހާލައިގެން ބާއްވަން ހަމަޖެހިފައިވާ ޔޫރޯގެ ކޮލިފިކޭޝަނުގައި ރޭ ކުޅުނު ބޮޑު މެޗުތަކުން އިނގިރޭސިވިލާތާއި ފްރާންސް ފަސޭހަކަމާ އެކު މޮޅުވި އިރު ޕޯޗުގަލް މެޗުގައި އަނެއްކާވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލު ޖަހައި އެ ޓީމު މޮޅު ކޮށްދީފިއެވެ.

މިހާރު ކުރިއަށް މިދާ އިންޓަނޭޝަނަލް ބްރޭކުގައި ޔޫރަޕުގެ ބޮޑެތި ގައުމުތަކުގެ މެދުގައި ޔޫރޯ ކޮލިފިކޭޝަނުގެ ފޯރިގަދަ މެޗުތައް ކުރިއަށްދާ އިރު ރޭ ކުޅުނު މެޗުތަކަކީވެސް ދިވެހިންގެ މެދުގައި މަގްބޫލު ޓީމުތަކެއް ކުޅުނު މެޗުތަކެކެވެ. އެގޮތުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ރޭ ކުޅުނު މެޗުން އެ ޓީމު 1-4 ގެ ނަތީޖާއަކުން އަލްބޭނިއާ ބަލިކުރި އިރު "ތިން ސިންގާ" ގެ ވެރި އިނގިރޭސިން ރޭ ބުލްގޭރިއާ ބަލިކުރީ 0-4 އިންނެވެ.

އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދައިފައިވާ ރޮނާލްޑޯގެ ޕޯޗުގަލް ވެސް ރޭ ވަނީ ސާބިއާ ދެކޮޅަށް ވަރުގަދަ މެޗެއް ކުޅެ މުހިއްމު މޮޅެއް ހޯދައިފަ އެވެ.

އިނގިރޭސިވިލާތް - ބަލްގޭރިއާ (4-0)

އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕުގެ ތިންވަނަ އިނގިރޭސިންނަށް ލިބުމާ އެކު ލިބުނު ހިއްވަރުން އެ ޓީމު ފަހަކަށް އައިސް ކުޅޭ ކޮންމެ މެޗެއްގައި ވެސް އަންނަނީ އުންމީދީ ކުޅުމެއް ދައްކަމުންނެވެ.

ޔޫރޯ ކޮލިފިކޭޝަނުގައި ރޭ ކުޅުނު މެޗެއްގައި ހެރީ ކޭން ގޯލު ޖެހުމަށްފަހު -- ފޮޓޯ// ގާއީ އެޓިންކްސަން

އެގޮތުން މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފިކޭޝަން މެޗުތަކުގައި ވެސް އެ ޓީމުން ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ. ލިބުނު ނުވަ ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނައިގައި އިނގިރޭސިން އޮތް އިރު އެ ޓީމާ އެންމެ ގާތުން ވިއްދާފައި އޮތީ "ސަޕްރައިޒް" ޓީމެކެވެ.

މީގެ އެންމެ ތިން އަހަރު ކުރިން ފީފާގައި ރަޖިސްޓްރީވި ކޮސޮވޯ ގުރޫޕް އޭގެ ދެވަނައިގައި އޮތީ އަށް ޕޮއިންޓާއެކުއެވެ. އެ ޓީމުން ވޭތުވެ ދިޔަ ދެ އަހަރުވެސް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އިނގިރޭސިން ރޭ ބަލްގޭރިއާ ބަލިކުރި އިރު ތަރިއަކަށް ވެގެން ދިޔައީ އެ ޓީމުގެ ޒުވާން ކެޕްޓަން ހެރީ ކޭންއެވެ. ކޭން ރޭގެ މެޗުގައި ވަނީ ހެޓްރިކެއް ހަދައިފައެވެ.

ކޭންގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 24 ވަނަ މިނަޓުގައި ރަހީމް ސްޓާލިންގްގެ އެސިސްޓަކުން ޖެހި އިރު އޭނަގެ ދެވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. ދެވަނަ ހާފުގެ ކުރީ ކޮޅުގައި ލިބުނު އެ ޕެނަލްޓީ ކޭން ގޯލަށް ވައްދާލުމަށްފަހު އޭނާ ވަނީ އޭގެ އިރަކޮޅެއް ފަހުން ގޯލު ޖެހުމަށް ސްޓާލިންގްއަށް އެސިސްޓްކޮށްދީފަ އެވެ.

ކޭން ޖެހި ފަހު ގޯލުވެސް އޭނާ ކާމިޔާބުކުރީ ޕެނަލްޓީ އަކުންނެވެ. ކޭންއަކީ ޕެނަލްޓީގައި ކާމިޔާބު ކުޅުންތެރިއެކެވެ. އޭނާ މިފަހުން ގައުމަށާއި ކުލަބަށް ޖަހައިދިން ޕެނަލްޓީއެއް "މިސް" ވެފައި ވަރަށް ނުހުންނާނެއެވެ.

ފްރާންސް - އަލްބޭނިއާ (4-1)

ވޭތުވެ ދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕު ކާމިޔާބުކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފްރާންސަށް އަދިވެސް އެންމެ ފަހުގެ ޔޫރޯގައި ލިބުނު ހިތި ތަޖުރިބާގެ ހަނދާންތައް ނުފިލައެވެ.

އަމިއްލަ ގައުމުގައި ކުޅެ ފައިނަލުން ބަލިވެގެން ދިޔަ ދިޔުން ފްރާންސްގެ އެއްވެސް ކުޅުންތެރިއަކު ހިތަކުން ނުފިލާނެއެވެ. ނަމަވެސް އެކަން ބަދަލުކޮށް އަލުން އަނބުރާ އެ ތަށި ގައުމަށް ގެންދިއުމުގެ އުންމީދުގައި ފްރާންސުން މިފަހަރުގެ ޔޫރޯ ކޮލިފިކޭޝަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާ އެކު ގުރޫޕް އެޗްގެ އެއްވަނައިގައި ފްރާންސް އޮތް އިރު އެ ޓީމާއި ޖެހިގެން ތިރީގައި އޮތް ތުރުކީއަށް ވެސް ވަނީ 12 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ފްރާންސަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

އަމިއްލަ ގައުމުގައި ރޭ އަލްބޭނިއާއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި އެ ޓީމުން ފެންވަރު ވަނީ ދައްކާލައިފައެވެ. އެ މެޗު ފެށުނީއްސުރެން ނިމެންދެންވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޑޮމިނޭޓުކުރި ފްރާންސަށް "ސްކޯ ޝީޓު" ގެ ފަރަގު އެއަށްވުރެން ވެސް ބޮޑު ކުރާން ގިނަ ފުރުސަތުތަކެއް ލިބުނެވެ.

ފުރަތަމަ ހާފުގައި ފްރާންސުން ތިން ގޯލު ޖެހި އިރު އަލްބޭނިއާގެ ޑިފެންސް އޮތީ "ހާލި" ވެފައެވެ. އެ ޓީމުގެ ހަލުވި އަދި ނަލަ ކުޅުމާއެކު އަލްބޭނިއާގެ މުޅި ޓީމު "ދީވާނާ"ވެގެން ބަލަން ތިބެވުނީއެވެ. އެ ހާފުގައި ފްރާންސުން ޖެހި ގޯލުތައް ޖެހީ ޒުވާން ފޯވާޑް ކިންގްސްލީ ކޯމަން އަދި އެންޓުއަން ގްރީޒްމަންގެ އިތުރުން އޮލިވިއޭ ޖިރޫޑްއެވެ.

ދެވަނަ ހާފުގައި ފްރާންސުން ހަމަޖެހިލައިގެން ތިބެ ކުޅުނު އިރު އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖެހީ ފުރަތަމަ ގޯލުވެސް ޖެހި ކޯމަންއެވެ. އެއަށްފަހު ހެޓްރިކް ހަދާނެ ފުރުސަތުވެސް އޭނާއަށް ލިބުނު އިރު އަލްބޭނިއާއިން ޖެހި ހަމައެކަނި ގޯލު އެ ޓީމުން މެޗުގެ އިތުރު ވަގުތުގައި ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ސާބިއާ - ޕޯޗުގަލް (2-4)

އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަންކަން ހޯދުމަށްފަހު ޕޯޗުގަލް ދަމަހައްޓަމުން އަންނަ ތަފާތު ފޯމުގައި ރޭ ވެސް އެ ޓީމުން ވަނީ ވާދަވެރި ކުޅުމަކާއެކު ސާބިއާ ބަލިކޮށްފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗު ހަނިގޮތަކަށް ޕޯޗުގަލް މޮޅުވީ ފަހު ވަގުތު ޖެހި ގޯލުތަކުންނެވެ.

މިއަހަރު އޮތް ޔޫއެފާ ނޭޝަންސް ކަޕުވެސް ކާމިޔާބު ކުރި ޕޯޗުގަލުން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސާބިއާގެ ޑިފެންސުން ކުރި މަސައްކަތުން ޕޯޗުގަލްގެ ގިނަ ހަމަލާތަކުން ވަނީ ސަލާމަތްވެފައެވެ. ސާބިއާގެ ޑިފެންސް ވަރުގަދަކޮށްލައިގެން ކުޅެނިކޮށް ފުރަތަމަ ހާފު ނިމުމާ ގާތްވެފައި އޮއްވާ ޕޯޗުގަލަށް ލީޑު ނަގައިދިނީ ވިލިއަމް ކާވާލިއޯއެވެ.

ދެވަނަ ހާފު ފެށިގެން ޕޯޗުގަލުން ކުޅުނީ އެޓޭކިންގް ފުޓުބޯޅައެކެވެ. އެގޮތުން އެ ހާފުގެ ކުރީ ކޮޅު ގޮންސާލޯ ގުއެޑޭސް ޕޯޗުގަލްގެ ލީޑު ފުޅާކޮށްދިނެވެ. ނަމަވެސް ސާބިއާގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ރައްދުގައި ގޯލެއް ޖަހައިފައެވެ.

ސާބިއާއިން މޮޅަށް އެވަގުތު ކުޅެމުން ދަނިކޮށް އަނެއްކާވެސް މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ ރޮނާލްޑޯ ޖެހި ގޯލުންނެވެ. ރޮނާލްޑޯގެ ގޯލާ އެކު ވެސް ސާބިއާއިން އިތުރު ހިއްވަރެއް ދައްކައި ގޯލެއް ޖެހި ނަމަވެސް ޕޯޗުގަލުން މެޗު ނިމުމުގެ ކުރިން އެހެން ގޯލެއް ޖަހައި ވަނީ މޮޅު ޔަގީންކޮށްފައެވެ.

ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާ:

ކޮސޮވޯ - ޗެކް ރިޕަބްލިކް (2-1)

ލިތުއޭނިއާ - ޔުކްރޭން (0-3)

އައިސްލޭންޑް - މޮލްޑޯވާ (3-0)

ތުރުކީ - އެންޑޮރާ (1-0)

comment ކޮމެންޓް