ސްކޫލަށް އެނބުރި އަޔަސް ނޮޅިވަރަންފަރު ދަރިވަރުން ހިތާމައިގައި

ނޮޅިވަރަންފަރުގެ އެސެމްބްލީގެ ތެރެއިން ---

ދެވަނަ ޓާމްގެ ކުރު ޗުއްޓީއަށް ނޮޅިވަރަންފަރު ސްކޫލު ވެސް ދިޔައީ ވަރަށްވެސް އުފާވެރިކަމާއެކު އެވެ. ނަމަވެސް ކުރު ޗުއްޓީއަށްފަހު، އެ ސްކޫލްގެ ދަރިވަރުން މިއަދު އެނބުރި ސްކޫލައަށް އައިއިރު އެ ކުދިންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެ އެވެ. އެ ރަށުން ފުރައިގެން، ހަނިމާދުއަށް ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އެ ސްކޫލްގެ ސީނިއާ ޓީޗަރާއި އޭނާގެ އާއިލާގެ ތިން މެންބަރު އަދި އެހެން ޓީޗަރެއްގެ އަންހެނުން ވެސް ނިޔާވި ހާދިސާގެ އަސަރު އަދި ފިލާ ނުދެ އެވެ.

މީގެ ކުރިން ހީ ސަމާސާކޮށް، މަޖާ ކުރަމުން ހެދުނުގެ ސައި ހުރިހާ ކުދިން އެކުގައި ބޯއިރު، މިއަދު އެ މަންޒަރެއް އެ ސްކޫލުން ނުފެނުނެވެ. ސްކޫލަށް ވެރިވެފައި އޮޮތީ ހަމަހިމޭން ކަމެވެ؛

"ބައެއް ކުދިން ތިބީ ވަރަށް ވަރަށް ދެރަވެފައި އިސްދަށަށް ޖަހާލައިގެން. ބެލެވެރިންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހިތާމަ،" ދެވަނަ ޓާމްގެ ކުރު ޗުއްޓީއަށްފަހު މިއަދު ކިޔެވުން ފެށުމަށް ބޭއްވި އެސެމްބްލީ ސިފަ ކޮށްދެއްވަމުން، ނޮޅިވަރަންފަރު ސްކޫލާ މިވަގުތު ހަވާލުވެ ހުންނެވި އަލީ ޔައުގޫބު ވިދާޅުވީ މިހެން އެވެ.

ދެވަނަ ޓާމްގެ ކުރުު ޗުއްޓީއަށްފަހު، ނޮޅިފަރަންފަރުގެ ސްކޫލުގެ ކިޔެވުން މިއަދު ފެށީ، އެ ހާދިސާއާ ގުޅިގެން ކުދިންނާއި ބެލެނިވެރިންނަށް ކޮށްފައިވާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ހިތްވަރު ދިނުމަށް ބޭއްވި ހާއްސަ އެސެމްބްލީއަކާ އެކު އެވެ.

ރަށަށް ކުރިމަތިވި ހިތާމަވެރި ހާދިސާއާ ގުޅިގެން އަދިވެސް އެރަށު ކުދިބޮޑު އެންމެން ތިބީ ފުން ހިތާމައެއްގަ އެވެ. އަދިވެސް އެ ހިތާމައިން އަރައިނުގަނެވެ އެވެ. އެހެންކަމުން އެޑިއުކޭޝަންގެ މަޝްވަރާގެ މަތިން ސްކޫލުގެ މެނޭޖްމަންޓުން ނިންމާފައިވަނީ މިއަދުގެ އެސެމްބްލީގައި ހާދިސާއާ ގުޅޭ އެއްވެސް ވާހަކަ އެއް ނުދެއްކުމަށެވެ. އޭގެ ބަދަލުގައި، ކުދިންނާ ބެލެނެވެރިންނަށް އަދި މުވައްޒަފުންނަށް ހިތްވަރު ދިނުމަށް އެސެމްބްލީ ހާއްސަކުރުމަށެވެ.

"އަދިވެސް ހާލަތު ތަން ނުދޭތީވެ، އަޅުގަނޑުމެން ނިންމީ، ހަދިސާއާ ގުޅޭ އެއްވެސް ވާހަކަ އެއް ނުދައްކަން. ނަމަވެސް ފަހުގެ ތާރީހެއްގައި އެންމެން ހަމައަކަށް އެޅުމުން ތައުބީންގެ ޖަލްސާ ބާއްވާނާން،" އަލީ ޔައުގޫބު ވިދާޅުވި އެވެ.

ނޮޅިވަރަންފަރުގެ އެސެމްބްލީގެ ތެރެއިން ---

އޭނާ ވިދާޅުވީ، މިއަދު އެސެމްބްލީގައި ކެތްތެރިވުމާ ގުޅޭ ހަދީޘްތަކާ އެކު ދިނީ ނާސޭހަތް ކުދިންނަށް ދީފައިވާ ކަމަށެވެ. މި އެސްމްބްލީގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންކޮޅެއް ވެސް ބައިވެރިވި އެވެ. މި އެސެމްބްލީގައި ދެ ދަންފަޅީގައި ދަރިވަރުންނާއި ބެލެނެވެރިންވެސް ބައިވެރިވެފައިވާ ކަމަށް އަލީ ޔައުގޫބު ވިދާޅުވި އެވެ.

ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހުން މަރުވި އެވެ. އޭގެ ތެރޭގައި އެކަކަކީ، ނޮޅިވަރަންފަރު ސްކޫލަށް 37 އަހަރު ދުވަސް ވަންދެން ހިދުމަތް ކުރި، ހުސައިން އަބްދުﷲ (ބޮޑު ޓީޗަރު) އެވެ.

"ހުސައިންބެއަކީ [ބޮޑު ޓީޗަރަކީ] ސްކޫލުގެ ތަބު. މުޅި ސްކޫލުގެ ބިންގާ. ހުސައިންބެ ވަކިވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް. މިއަދަށްޓަކައި އަޅުގަނޑުމެންވާނީ، ސްކޫލުގް ދިދަ ބައިދަނޑިއަށް ތިރިކޮށްފައި،" އަލީ ޔައުގޫބު ވިދާޅުވި އެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި، ބޮޑު ޓީޗަރު ހުސައިން --

އޭނާ ވިދާޅުވީ، މިއަދު ސްކޫލުގައި މާބޮޑު ކިޔެވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވާ ކަމަށާއި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ ރަށަށް ވަޑައިގެން ހުންނެވި، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ކޮންމެ ކްލާހަކަށް ވަދެ ކުދިިންގެ ޝޫއޫރު އަޑުއެހުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައުލޫމާތު ހިއްސާކޮށް، ކުދިންގެ ސްޓްރެސް ފިލުވާލުުމަށްޓަކައި ހާއްސަ އެކްޓްވިޓީތަކެއް މިހާރު ހިނގަމުން އެބަދޭ،" އަލީ ޔައުގޫބު ވިދާޅުވިއެވެ.

މި ހާދިސާ ބޮޑު ޓިޗަރު ހުސައިންގެ އިތުރުން މަރުވެފައިވަނީ، އޭނާގެ އަންހެނުން މަރިޔަމް މައުސޫމާ (48އ) އަހިމާގެ، އާއި އެ ދެމެފަރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ (30އ) އަހިމާގެ އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު އީރާ ހަސަން ޝީފާޒު، ސީވީޑް އެވެ. އެ ހަތަރު މީހުންގެ އިތުރުން ދެން މަރުވެފައި ވަނީ، ، އައިޝަތު އަލީ (51އ) ވީނަސް އެވެ. އައިޝަތު އަލީ އަކީ، އެ ލޯންޗުން ދަތުރު ކުރި ސްކޫލުގެ ޓީޗަރެއް ކަމަށްވާ އަބްދުލް ޝުކޫރު، ނޮޅިވަރަންފަރު/ ވީނަސް، ގެ އަންހެނުންނެވެ.

comment ކޮމެންޓް