31 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ފެރީއެއް ފަރަށް އަރައިފި

ހުޅުމާލެ ފެރީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއް ތިރީސް މީހުންނާ އެކު ނ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ފެރީއެއް ފަރަށް އަރައިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ ނ. އަތޮޅުން މާލެއަށް ދަތުރުކުރަމުން ދިޔަ ފެރީއެއް ކ. އަތޮޅު ކަގި މޯލްޑިވިސް ރިސޯޓުގެ ހުޅަނގު ފަރާތު ކަނޑުއޮޅީ ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 21:46ގައި ލިބިފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ފެރީއަށް އެހީތެރިކަން ފޯރުކޮށްދޭން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ފެރީގައި ތިބީ 11 އަންހެނުންނާއި ހަތަރު ކުޑަކުދިންނާއި، 16 ފިރިހެނުންނެވެ.

ފެރީއެއް ފަރަށް އަަރައިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ އިރު މިއަދު ހަވީރު ވެސް ކަނޑުމަތީގެ ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުން ހިންނަވަރުން ފުރައިގެން މާލެ އައި ލޯންޗެއް ދިޔަވާތީ ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ ލޯންޗު މިހާރު ވަނީ ކާށިދޫއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް