ފްލެޓުތަކާ ބެހޭގޮތުން ނަޝީދު ދެއްކެވި ވާހަކަ ސަފީރު ދޮގުކުރައްވައިފި

ރައީސް ނަޝީދު އަދި ޗައިނާގެ ސަފީރު---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާއިން އަޅައިދޭ 7000 ފްލެޓުގެ އަގާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިޒޮން ދޮގުކުރައްވައިފި އެވެ.

މިދިޔަ ބުރާސްފަތު ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ޗައިނާއިން ފްލެޓުތައް އަޅާދީފައި ވަނީ ފިނިޝިންއާ ނުލައި އަކަފޫޓެއް 1900 ރުފިޔާއަށް ކަމަށެވެ.

"ހުޅުމާލޭގައި ހަދާފައި މިވާ 7000 ފްލެޓު ހަދާފައި މިވަނީ އަކަށްފޫޓެއް 1900 ރުފިޔާއަށް. މާލޭގައި އެންމެ ރީތިކޮށް ހަދާފައިވާ، ފެނިވަޑައިގަންނަވާނެ ފްލެޓުތައް، އެއީ 1200 ރުފިޔާއަށް އަކަފޫޓެއް. މިއީ 1900 ރުފިޔާ. އެހެންވީމަ ދެ ގުނަ އަގުގައި ހަދާފައި މިހިރީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މީހުންނަށް ފްލެޓުތައް ގަނެވޭ ވަރަށް އަގު ތިރިކުރަން ސަރުކާރުން ސަބްސިޑައިޒް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، ލޯނު ނުނަގައި ދިވެހި ސަރުކާރުން އެ ފްލެޓުތައް އެޅި ނަމަ މާ ފައިދާވީސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފްލެޓުތަކުގެ އަގާ ބެހޭގޮތުން ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށް މިއަދު ކުރެެއްވި ޓްވީޓެއްގައި ސަފީރު ލިޒޮން ވަނީ 7000 ފްލެޓު އަޅަން އަކަފޫޓަކަށް ހަރަދުވި އަގު ހާމަކުރައްވައިފައެވެ. ސަފީރު ވިދާޅުވި ގޮތުގައި އެ އަގު އޭނާ ހޯއްދެވީ ފްލެޓު އަޅަން ހަވާލު ކުރި ޗައިނާގެ ކޮންޓްރެކްޓަރުގެ ފަރާތުންނެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ފްލެޓެއް އަޅަން އަކަފޫޓަކަށް ހަރަދުވީ 1450 ރުފިޔާ އެވެ. އޭނާ އާންމު ކުރެއްވި މައުލޫމާތުތަކުން ދައްކާ ގޮތުގައި އެއިން ކޮންމެ ފްލެޓެއްގައި ހުންނަނީ 720 އަކަފޫޓެވެ. އަދި ކޮންމެ ފްލެޓެއް އަޅަން 62،000 ޑޮލަރު ހަރަދުވި އެވެ. އަދި ފިނިޝިންއާ ނުލައި އަކަފޫޓަކަށް ގާތްގަނޑަކަށް 1320 ރުފިޔާ އަރާ ކަމަށް މައުލޫމާތުތަކުން ދައްކައެވެ.

ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ޗައިނާއަށް "އިންތިހާއަށް ބޮޑު" އަދަދުތަކުން ފައިސާ އަނބުރާ ދައްކަން ފަށަންޖެހޭ ކަމަށެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ހުރި ޕްރޮޖެކްޓުތަކުން މާލީ މަންފާއެއް ނުލިބޭތީ، ޕްރޮޖެކްޓުތަކުން އެ ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޗައިނާއިން ލޯނު ނަގައިގެން ސަރުކާރުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓުތަކަށް ހަރަދުވި މިންވަރަށް ވުރެ އިތުރަށް އެ ގައުމަށް އަނބުރާ ފައިސާ ނުދެއްކޭނެ ކަމަށެވެ. އަދި އެ ފައިސާ ކަނޑަންދެން ޗައިނާގެ ވާހަކަ ދައްކަވާނެ ކަމަށާއި ޗައިނާއިން އެ ފައިސާ ކަނޑައިދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ޗައިނާގެ ސަފީރާއި ނަޝިދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފައިވެއެވެ. މިފަހުން ބޭއްވި އިންޑިއަން އޯޝެން ކޮންފަރެންސްގައި އެމަނިކުފާނު ޗައިނާއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އަނެއްކާވެސް އެ ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތަކެއް މިވަނީ ބަދަލުކުރަން ފެށިފައެވެ.

comment ކޮމެންޓް